އަޅުގަނޑުމެންގެ މެދުގައި އެއްވެސް ޚިލާފެއްނެތް: މައުމޫން

ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވާ ޔަގީންކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ހުރިހާ ކަމަކާ ބެހޭ ގޮތުން ވެސް "އެއްބަސްވެވޭ" ކަމަށާއި އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލު ކުރުމުގެ ފުރުސަތު ދެއްވިކަމީ ލިބުނު ޝަރަފެއްކަމަށެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓެވުމަށް ރައީސް ސޯލިހު ދެއްވާ ޔަގީންކަމަށްކަމަށްވެސް ޝުކުރު ދަންނަވާކަމަށެވެ. މީގެ އިތުރުން މަޝްވަރާކުރެވުނު އެންމެހައި ކަންކަމާމެދު އެބޭފުޅުންގެ މެދުގައި އެއްވެސް ޚިލާފެއްނެތްކަން ވަރަށް އުފަލާއެކު ފާހަގަކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މަޝްވަރާކުރެވުނު އެންމެހައި ކަންކަމާމެދު އެބޭފުޅުންގެ މެދުގައި އެއްވެސް ޚިލާފެއްނެތްކަމަށް ރައީސް މައުމޫން ވިދާޅުވިނަމަވެސް، އެއީ ކޮން ކަންތައްތަކެއްކަމެއް ރައީސް މައުމޫން ވިދާޅުވެފައެއްނުވެއެވެ.
2018ވަނަ އަހަރު ވެރިކަމަށް އައުމަށް ހަތަރު ލީޑަރުން އެކުވެގެން މަސައްކަތްކޮށް، ޕާޓީތަކުގެ މެދުގައި އެއްބަސްވުންތަކެއްވީނަމަވެސް، މަޖިލީސް އިންތިޚާބު ބޯމަތިވުމުން އެ އެއްބަސްވުންތައް އެމްޑީޕީން ވަނީ އުވާލާފައެވެ. އަދި ޕާޓީތަކުގެ މެދުގައި ސައްހަ އެއްބަސްވުމެއް ވެވުނުކަމަށް ގަބޫލުކުރަންވެސް އެމްޑީޕީން ވަނީ ދެކޮޅު ހަދާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައީސް މައުމޫން ބައްދަލުކުރައްވާފައިވާއިރު ސަރުކާރު ހިންގުމުގެ ކަންކަމުގައި މަޝްވަރާ ހޯއްދެވުމަށް މަހަކު އެއްފަހަރު ލީޑަރުންނާއި މަޝްވަރާކުރެއްވުމަށް ބައްދަލުވުންތައް ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ވާހަކަފުޅާއި އެއްގޮތަށް ބައްދަލުވުމެއް ނުބޭއްވޭތާ މަސްތަކެއް ވަނީ ފާއިތުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ