ނެއްލައިދޫން ފެން ހުސްވެ ރައްޔިތުން ފެނަށް ޖެހިއްޖެ.

ވާރޭ ނުވެހި ގިނަދުވަސް ވުމާއި ގުޅިގެން ނެއްލައިދޫން ފެން ހުސްވެ ރައްޔިތުން ފެނަށް ޖެހިއްޖެއެވެ.
ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މުހައްމަދު އިލްހާމް ދޭހަ.ކޮމް އަށް މައުލޫމާތު ދެއްވި ގޮތުގައި ރައްޔިތުންގެ ތެރެއިން %90 އާއިލާތައް ފެނަށް ޖެހި މިހާރު ފިހާރަތަކުން ފެން ގަނެގެން ބޭނުން ކުރާކަމަށެވެ. ބައެއް ގޭ ތަކުގައި ފެން ހުއްޓަސް އަވެއްޓެރިންނާއި ތިމާގެ އާއިލާތަކަށް ފެންފޯރުކޮއްދީ އެގޭތަކުން ވެސް ފެން ހުސްވުމުގެ ބިރު ހީވެފައިވާ ކަމަށްވެސް އިލްހާމް ވިދާޅުވި އެވެ. ނެއްލައިދޫ ގައި ގާއިމްކުރަން ހަމަޖެހިފައިވާ އާރް އޯ ޕްލާންޓުގެ ކޮންޓްރެކްޓަރ އާއި މިނިސްޓްރީގެ ޓީމެއް އައިސް ބިން ބަލާފައި މިދިޔަ މަހު ދިޔަ ގޮތަށް ހަބަރެއް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ނެއްލައިދޫ އަކީ ކޮންމެ އަހަރަކުވެސް ފެން ހުސްވެ ފެނަށް ޖެހޭ އަދި ސަރުކާރުން ފެން ފޯރުކޮއްދޭ ރަށެކެވެ. މިދިޔަ މަހު 7 ވަނަ ދުވަހު ނޭސަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާރ އިން ނެއްލައިދޫ ގައި އާރު އޯ ޕްލާންޓެއް ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮއް ކޮންޓްރެކްޓް ގައި ވަނީ ސޮއިކޮއްފައެވެ. ނަމަވެސް މިއަދާ ހަމަ އަށް އައި އިރު ވެސް އެ ކަމުގެ އަމަލީ މަސައްކަތް ވަނީ ނުފެށިފައެވެ.
ވާރޭ ނުވެހި ގިނަދުވަސް ވުމާއި ގުޅިގެން މިއަދު ވަނީ ނެއްލައިދޫ މަސްޖިދުލް ހައިރާތު ގައި މެންދުރު ނަމާދަށްފަހު އިސްތިސްޤާ ނަމާދުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ