ފަނޑިޔާރު އަބްދުﷲ ދީދީ ރާއްޖެ ގެނެވެންޖެހޭ، ކުށެއްކޮށްފައިވާނަމަ އަދަބުލިބެންޖެހޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދީދީ ރާއްޖެ ގެނެވެންޖެހޭ ކަމަށާއި، ކުށެެއްގައި ބައިވެރިވެވަޑައިގެންފައިވާނަމަ އެ ކުށުގެ އަދަބު ފުރިހަމަ ގޮތުގައި ލިބެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލުމަށްފަހު، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ޖެހޭކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ބެލުމަށްފަހު ފަނޑިޔާރުކަމުން ދީދީ ވަކިކުރަން އެ ކޮމިޓީންވެސް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މިހާރު ކުރިއަށްދާ ބަހުސްގައި މެންބަރުން ވިދާޅުވީ މިއަދަކީ މުހިއްމު ދުވަހެއް ކަމަށާއި، މިއަދަކީ މަޖިލީހަށް ރައްޔިތުން އެ މެންބަރުން ހޮވި ހަގީގީ މަސައްކަތް ފެށިގެންދާ ދުވަސް ކަމަށެވެ.
މެންބަރުން ވިދާޅުވީ އެ ބޭފުޅުން މަޖިލީހަށް އިންތިހާބުކުރި އެންމެ ބޮޑު ބޭނުމަކި ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުން ކަމަށެވެ. މިއަދު މިފެށޭ މަސައްކަތުގެ ދަށުން ޖުޑިޝަރީ އިސްލާހުކޮށް، ސާފުކޮށް، އެއީ ރައްޔިތުންގެ އިތުބާރު ލިބޭ ތަނަކަށް ހަދާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، އަބުދުﷲ ދީދީގެ އިތުރުން އެފަދަ އެހެން ފަނޑިޔާރުންގެ މައްސަލަވެސް ބަލަން ޖެހޭ ކަމަށެވެ. ކުށްކުރާ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ރައްޔިތުންނަށް އިންސާފު ކަށަވަރު ކުރުމަށް މުހިއްމު ފިޔަވަޅަކަށްވި ނަމަވެސް އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދލަުވެސް ލިބިދޭން ޖެހޭ ކަމަށެވެ.
އެގޮތުން އަބުދުﷲ ދީދީ އެއްވެސް ޝަރީއަތަކަށް ނުފޫޒު ފޯރުވާފައިވޭތޯ ބަލަންޖެހޭ ކަމަށާއި، އެއްވެސް ވައްކަމެއްގައި ބައިވެރިވެފައިވޭތޯ ބަލަންޖެހޭ ކަމަށާއި، އެ ފަދަ ކަމެއްގައި ބައިވެރިވެފައިވާނަމަ މައްސަލަ ތަހުގީގުކޮށް އަދަބު ލިބެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ