ނިލަންދޫ ކަރަންޓު ބިލްތަކަށް ބޮޑުތަނުން އެނގުން ވެއްޖެ

ނިލަންދޫ ކަރަންޓް ވަރަށް ބޮޑުތަން ހެޔޮވެފައިވާ ކަމަށާއި، ކަރަންޓް ބިލްތަކަށް ބޮޑުތަނުން އެނގުންވެފައިވާ ކަމަށް ނިލަންދޫ ރައްޔިތުން ބުނަން ފަށައިފި އެވެ.
ނިލަންދޫ އިން ވާހަކަދެއްކި ރައްޔިތަކުބުނީ މީގެ ކުރިން، ރައްޔިތުންގެ އިންޖީނުގެ ގޮތުގައި ރަށު ކައުންސިލުން ހިންގަމުން އައިއިރު، އެގޭގެ ކަރަންޓް ބިލް ޢާއްމުކޮށް އުޅޭނީ 4500 އާއި 4800 އާއި ދެމެދުގައި ކަމަށާއި، ފެނަކަ އާއި ހަވާލުވިފަހުން އައި ކަރަންޓް ދެ ބިލްވެސް ބޮޑުތަނުން ކުޑަވެފައިވާ ކަމަށެވެ. ފެނަކައިން އެގެއަށް ފޮނުވި ދެ ބިލް ނިލަންދެ.ކޮމް އަށް ހިއްސާކޮށްފައިވާއިރު، އެދެ ބިލްގައިވެސްވަނީ 1800 ވަރަކަށް ރުފިޔާއެވެ.
ނިލަންދޫ އެހެން ރައްޔިތަކުބުނީ އޭނާގެ ގޭގެ ކަރަންޓް ބިލް މީގެ ކުރިން ޢާއްމުކޮށް އުޅޭނީ 4200 ރުފިޔާގައި ކަމަށާއި ނަމަވެސް، ފެނަކައާއި ހަވާލުވިފަހުން ބޮޑުތަނުން ހެޔޮވެ، އެންމެފަހުން އެގެއަށް އައި ދެބިލްވެސް އުޅެނީ ގާތްގަނޑަކަށް 1800 ވަރަކަށް ރުފިޔާގައި ކަމަށެވެ.
ފެނަކައިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، ނިލަންދޫގެ ކަރަންޓްގެ އަގު ވަރަށް ބޮޑުތަނުން މިހާރު ހެޔޮވާނެ ކަމަށެވެ. “އެވްރެޖް ގޮތެއްގައި ކޮންމެ ގެޔެއްވެސް މިހާރު %50 އަށްވުރެ އަގު ހެޔޮވާނެ. އަދި އާ އިންޖީނުތައް ގެނެސް ކެޕޭސިޓީ އިތުރުކޮށް، ދެމުންއައި ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާތީ، ބައެއް ގޭގެއިން އެއަށްވުރެ ބޮޑުކޮށްވެސް މިހާރު އަގުހެޔޮވެފައިވާކަން ފާހަގަ ކުރެވޭނެ”. ފެނަކައިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
ނިލަންދޫ ރައްޔިތުންގެ ނަމުގައި މީގެ ކުރިން ހިންގަމުންއައި ރައްޔިތުންގެ އިންޖީނުގެ ރަށު ކައުންސިލަށް ނުހިންގޭ ހިސާބަށް ގޮސް، އިންޖީނުގޭގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިއުމާއިއެކު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން އެދުނު ގޮތަށް، ސަރުކާރުގެ ކުނފުނި އިންޖީނުގެ ފެނަކަ ކޯޕަރޭޝަން އާއި ނިލަންދޫ އިންޖީނުގެ ހަވާލުކޮށްފައިވަނީ މިއަހަރުގެ މެއި 22 ވަނަ ދުވަހުގަ އެވެ.
ނިލަންދޫ އިންޖީނުގެއާއި ފެނަކައިން ޙަވާލުވުމާއެކު، 1 މެގަވޮޓްގެ ޖަނަރޭޓަރެއް ނިލަންދޫއަށް ގެންގޮސްފައިވެއެވެ.  އަދި އިތުރު 800 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ހޯދުމަށް މިހާރުވަނީ އިޢުލާން ކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ