ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބަކާއި ނުލާ މައުމޫން ހޮވިވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ކުރީގެ ރައީސް އަދި ޕާޓީގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަމަށް ވުމުން، އިންތިހާބަކާއި ނުލައި އެމަނިކުފާނު ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގެންފި އެވެ.
ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެންމެ މެންބަރަކު މަގާމަކަށް ކުރިމަތިލައްވައިފިނަމަ އެމެންބަރަކު ވޯޓަކާއި ނުލާ އިންތިހާބުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް  ފަސް އަހަރަށް ޕީޕިއެމްގެ ދާއިމީ ރައީސް ކަމަށް އެމަނިކުފާނު ހޮވުނު ކަމަށް އިއުލާންކުރައްވާ ކަމަށެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވިކަން އިއުލާންކުރެއްވުމާއި އެކު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކޮންގްރެސްގެ މަންދޫބުން ވަނީ ދަންނަވާފައެވެ. އެގޮތުން ހުރިހާ މަންދޫބުން ކޮޅަށް ތެދުވެ ގިނައިރުތަކެއް ވަންދެން އަތްތިލަ ބަޑި ޖަހަމުންދިޔަ އެވެ.
ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބަކާއި ނުލާ މައުމޫން ހޮވިވަޑައިގެންނެވިއިރު އަންހެނުންގެ ގޮފީގެ ރައީސް ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވަފައި ނުވާތީ އެމަގާމަށް ދުންޔާ މައުމޫން އިންތިހާބުވެވަޑައިގެންނެވިކަން ވެސް ވަނީ އިއުލާންކުރައްވާފައެވެ.
އިއްޔެ ފެށި ކޮންގްރެސްގައި، މިއަދު ހެނދުނުގެ ދަންފަޅީގައި ވަނީ ޒުވާނުންގެ ރައީސް އާއި ނައިބު ރައީސް ހޮވާފައިވާއިރު ކުރިއަށް އޮތީ ޕާޓީގެ ނައިބު ރައީސުންނާއި ކައުންސިލަށް މެންބަރުން ހޮވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ