ޕީޕީއެމްގެ ޓީމަކީ އިންތިހާބަށް ކުރިމަތިލާފައިވާ އެންމެ މޮޅު ޓީމު - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓީމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ޓީމު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ދ.ކުޑަހުވަދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިހާރު ރާއްޖޭގެ އިގުތިސާދު ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ރާއްޖޭގެ އިގުތިސާދު ކުރިއަށް ނެރުމުގެ އެންމެ ބޮޑު ގާބިލިއްޔަތު ހުރި ބޭފުޅަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ކަމާއި މެދު ޝައްކުނުކުރައްވާ ކަމަށެވެ.
އިގުތިސާދާ ބެހޭ ސަރުކާރުގެ މަގާމުތަކުގައި ހުންނަވައިގެން ކާމިޔާބީތައް ހާސިލުކުރައްވައި އެކަން ރައްޔިތުންނަށް ޔާމީން ސާބިތުކޮށްދެއްވާފައިވާ ކަމަށާއި ޔާމީން ރާއްޖޭގެ ރައީސް ކަމަށް އިންތިހާބު ކުރަން ބޭނުންވަނީ ވެސް އެސަބަބާއި ހުރެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދު މިހާރު މިއޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި މިއީ އޮންނަންވީ ގޮތެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ މިހާރު މިއޮތް އިގްތިސާދީ ވަޅުގަނޑުން ނަންގަވައި، ރާއްޖޭގެ އިގުތިސާދު ކުރިއަށް ނެރުމުގެ އެންމެ ބޮޑު ގާބިލިއްޔަތު ހުރި ބޭފުޅަކީ އަބުދުﷲ ޔާމީނު ކަމާ މެދަކު ޝައްކެއް ނެތް، އެބޭފުޅާއަކީ އިގްތިސާދީ ގޮތުން ތައުލީމް ހާސިލްކުރައްވާފައި ހުންނަވާފައިވާ ބޭފުޅެއް އަދި އޭގެ އިތުރުން ސަރުކާރުގެ އެކި އެކި މަގާމުތަކުގައި، އިގްތިސާދީ ބެހޭ ސަރުކާރުގެ މަގާމުތަކުގައި ހުންނަވައިގެން ގިނަ ގުނަ ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައި." ރައީސް މައުމޫން ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާނަމަ ޔާމީނަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ކުޑަ ހުވަދޫ ގައި ބޭއްވި މި ޖަލްސާގައި ރައީސް މައުމޫނާއި ޔާމީންގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު (ސަންޓްރެވަލް ޝިޔާމް) އާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެންބަރު އާމިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެރަށުން ޕީޕީއެމް އާއި އެމްޑީއޭ ވަފްދަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ