ޤައުމުގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ، އެޤައުމެއްގެ ބިމުގެ ތަނަވަސްކަމުގެ މައްޗަށް: ރައީސް

ކޮންމެ ދައުލަތެއްގެ ވެސް އެންމެ މުހިންމު އެއް މިލްކިއްޔާތަކީ، އެ ޤައުމެއްގެ ބިން ކަމަށާއި، ޤައުމެއްގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ، އެޤައުމެއްގެ ބިމުގެ ތަނަވަސްކަމާއި، އެ ބިމުގެ މުއްސަނދިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ޙިޠާބުގައި ރާއްޖޭގައި ބިން ހެޔޮގޮތުގައި ބޭނުންކުރެވޭނެ ޢާންމު އޮނިގަނޑެއް އެކުލަވައިލުމުގެ މުހިންމުގެ ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ.ބިމަކީ ވިޔަފާރިތަކާއި ޢާއިލާތަކާއި މާލީ އިދާރާތަކާއި އަދި މިނޫންވެސް މުޖްތަމަޢުގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ އެންމެ ބޭނުންތެރި މިލްކިއްޔާތުކަން ފާހަގަކުރައްވަމުން، އެންމެންނަށް ފައިދާ ހުރި ގޮތަކަށް ބިން ބޭނުންކުރެވޭނެ ގޮތް ހެދޭނީ، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ހުރިހާ ފަރާތްތަކެއްގެ ބޭނުންތައް އެފަދަ ޕްލޭނެއްގައި ހިމެނި، އަދި އެކިއެކި ބޭނުންތައް ފުށުއަރާ ޙާލަތްތަކުގައި އެމައްސަލަތައް ޙައްލުކުރެވޭނެ ނިޒާމެއް ވެސް ޤާއިމު ކުރެވިގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ބިމަކީ ދައުލަތުގެ އެންމެ މުހިންމު އެއްބައި ކަމަށްވެފައި، ޤައުމުގައި ދިރިއުޅޭ މީސްމީހުންނަށް އަމާންކަމާއި ހިތްހަމަޖެހުމާއެކު، އެހެން މީސްމީހުންގެ ފުށުން އުނދަގުލެއް ނުވަތަ ތުރާލެއްނެތި ބޯހިޔާކޮށްގެން ދިރިއުޅެވޭނެ މަގު ތަނަވަސްކުރުމަށް މަގުފަހިކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ ބިން ބޭނުންކުރެވެމުން އައި ގޮތުގެ މައްޗަށް ވެސް ވަރަށް ތަފްޞީލުކޮށް ބައްލަވައިލެއްވި އެވެ. އަދި 2002 ވަނަ އަހަރު ފާސްކުރެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ އެކިމާއްދާތަކުގެ މައްޗަށްވެސް ބައްލަވައިލެއްވި އެވެ.މީގެ އިތުރުން، ޓޫރިސްޓް ރިޒޯޓްތައް ކައިރީގައި ހުރި ކުދި ރަށްރަށާއި ވެލިފިނޮޅު ފަދަ ތަންތަން އިޤްތިޞާދީ ގޮތުން އެންމެ ފައިދާ ހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތެއް މިހާރު ހޯދަން ޖެހިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިފަދަ ކުދި ރަށްތަކާއި ފިނޮޅުތަކުގެ ދަފްތަރެއް ޤާއިމު ކުރުން ކަމަށާއި، މިފަދަ ރަށްތަކާއި ފިނޮޅުތަކުގެ މަޢްލޫމާތު އެކުލެވޭ ދަފްތަރެއް، އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަޤްބަލެއްގައި ސަރުކާރުން ޤާއިމު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.ރަށްރަށުގެ ބިން ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި އެވެ. އެމަސައްކަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ރަށްރަށުގެ މެދުގައި ނުވަތަ ރަށްރަށުގެ ތެރޭގައި ބޭނުންނުކޮށް ފަޅަށްހުރި ބޮޑެތި ގޯތިތައް ހުރުން ކަމަށާއި، އޭގެ ސަބަބުން ބިން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢު ރޭއްވެވުމުގައި ދަތިތަކެއް ދިމާވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ބިމާ ގުޅޭގޮތުން އެންމެން ވެސް ވިސްނުމަށް އެދިވަޑައިގެން، ބިމާގުޅޭ ޢާންމު އުޞޫލެއް، ޢާންމު އޮނިގަނޑެއް އެކުލަވައިލަން އެބަޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެ އޮނިގަނޑުގެ ތެރެއިން ބިމާ ގުޅޭ ޙައްލުތަކެއް ހޯދަން ޖެހިފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން ބޮޑެތި ބިމާއި ފަޅުތައް ހިއްކައި، އެބިމުގެ ވިޔަފާރީގެ ފައިދާ ނަގަމުންދާއިރުގައި، އެކަމުން ދައުލަތަށް ލިބެންވާ އެއްޗެއް ނުވަތަ ޢާންމު ރައްޔިތު މީހާއަށް ލިބެންވާ މިންވަރު ނުލިބޭތީ ޝަކުވާތަކެއް އެބަ ނުކުންނަ ކަމުގައި ވިދާޅުވި އެވެ.ބިމާ ގުޅޭގޮތުން ބަދަލެއް ގެންނަން ބަލާއިރު، އޭގެ ސަބަބުން ވަރަށް ގިނަ އެއްޗެހި ނިއުޅިގެންދާ ކަމަށާއި، މި ބޮޑު މަންޒަރަށް ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކަންކަމަށް ޙައްލެއް ގެންނައިރުގައި، އަޅުގަނޑުމެންނަށް ދިމާވާ ހުރިހާ ދަތިތަކާމެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމުގައި ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ބިމާ ގުޅޭގޮތުން ހުރި ހުރިހާ ގަވާއިދަކާއި ޤާނޫނަކާއި، އަދި ބިމާ ގުޅޭގޮތުން ޝަރީޢަތުން ނިންމާފައި ހުރި ބައެއް ނިންމުންތަކާއި، ޒަމާނުއްސުރެ ފަށައިގެން ވަޤްފު ކޮމިޓީގެ މަސައްކަތްތައް ހިނގާފައި އޮތް ގޮތާއި، އެޗް.ސީ.ޕީ ބެލް، މާލޭގެ ސަރވޭއެއް ހެއްދެވިއިރު، މާލޭގެ ބިން ބޭނުންކޮށްފައި އޮތް ގޮތާއި، ފަތްކޮޅުތަކާއި، ލޯމާފާނުތަކުގައި ބިމާ ގުޅޭގޮތުން ޢަމަލުކޮށްފައި ހުރިގޮތް ބައްލަވައިފި ކަމަށާއި، އޭގެ އަލީގައި ބިމާ ގުޅޭ އޮނިގަނޑެއް އެކުލަވާލެއްވުމުގެ މަސައްކަތް، ވަޒީރުންގެ މަޖިލީހުން ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ