ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އަމިއްލަ ފަރާތްކަށާއި ސަރުކާރަށާއި މުއައްސަސާތަކަށް ސުޕުރީމް ކޯޓުން ހަނދާންކޮށްދީފި އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށައަޅާފައިވާ ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ތިން ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމެޓީއަށް ހާޒިރު ކުރުމަށް ކޮމެޓީން އަންގާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަމިއްލަ ފަރުދަކުވިއަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިއަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށެވެ.
ސްޕްރީމް ކޯޓުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަން ފަނޑިޔާރުގޭގެ މުސްތަޤިއްލު ފަނޑިޔާރުންނަކީ އެބައިމީހުން އަދާކުރާ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކާ ގުޅިގެން ޖަވާބުދާރީވާންޖެހޭ ބައެއް ނޫންކަން ފަނޑިޔާރުންގެ ޤާނޫނުގެ 9 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރުން އަދާކުރާ މަސްއޫލިއްޔަތާއި ވާޖިބާ ގުޅިގެން އެކިއެކި ފަރާތްތަކަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަކީ ޤާނޫނުއަސާސީއިން ނަގަހައްޓާފައިވާ، އަދި ތަހްޒީބުވެފައިވާ ދީމްޤުރާޠީ ދައުލަތްތަކުގައި އިސްތިޤްރާރުވެފައިވާ ދީމްޤުރާޠީ އުޞޫލުތަކާއި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ "ސެޕަރޭޝަން އޮފް ޕަވާސް" ގެ މަބްދައު އާއި، އެ މަބްދައުގެ ދަށުން ޤާއިމުވެފައި އޮންނަންޖެހޭ މިނިވަން މުސްތަޤިއްލު ފަނޑިޔާރުގޭގެ ތަޞައްވުރާ ކަނޑައެޅިގެން ޚިލާފު އަދި ދިމުޤުރާޠީ މުޖްތަމަޢެއްގައި އެއްވެސް ޙާލެއްގައި ހުއްދަ ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އަކީ ދިވެހި ދައުލަތުގެ ތިން ބާރުގެތެރެއިން އެއްވެސް ބާރަކަށް އަނެއް ބާރެއްގެ މައްޗަށް ނުފޫޒު ނުފޯރުވޭނޭ ފަދަ ގޮތެއްގެ މަތިން ދައުލަތުގެ ތިންބާރުގެ މަސްއޫލިއްޔަތާއި ޙުދޫދު ވަކިކުރެވި ދީމިޤްރާޠީ އުޞޫލުތަކުގެ މައްޗަށް ބިނާވެގެންވާ ދައުލަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތްއިރު ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީގައި ވާގޮތުގެ މަތިން ކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމަށް ސްޕްރީމްކޯޓުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބަތާނުގައި ބުނަނީ އަމިއްލަ ފަރުދަކުވިއަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިއަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދޭން ވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާކަމަށެވެ.
ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނެ: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ