މިދިޔަ އަހަރު ސިއްހީ ދާއިރާގެ ތަރައްގީއަށް 160 މަޝްރޫއެއް ކުރިއަށްދިޔަ: މިނިސްޓަރު

ވޭތުވެދިޔަ އަހަރު ސިއްހީ ދާއިރާގެ ތަރައްގީއަށް 160 މަޝްރޫއެއް ކުރިއަށް ގެންދެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކާއި، މި އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަހަރު ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ހުރިހާ އަތޮޅު ހޮސްޕިޓަލުތަކެއްގައި ތެލެސީމިއާ ޓެސްޓު ކުރާ ހިދުމަތް ގާއިމް ކުރެވުނު ކަމަށާއި، އަދި ފަސް އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި ތެލެސީމިއާ ޓެސްޓު ކުރާ މެޝިންތައް ގާއިމު ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި މަސައްކަތް އެއްކޮށް ނިމޭއިރު 16 ހޮސްޕިޓަލެއްގައި މިހާރު މިޒަމާނުގެ ތެލެސީމިއާ ޓެސްޓު ހެދޭ މެޝިންތައް ގާއިމު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ ވޭތުވެދިޔަ އަހަރު އުރަމަތީގެ ކެންސަރަށް ސްކޭން ކުރުމަށްޓަކައި މެމޮގްރަފީގެ ހިދުމަތްވެސް ފަސް އަތޮޅެއްގައި ގާއިމު ކުރެވިފައިވާ ކަމަށާ މިއަަހަރު ނިމެޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ހިދުމަތްވެސް ގާއިމު ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ޑައިލަސިސް ސެންޓަރުތައް ވެސް ރާއްޖޭގެ ފަސް އަތޮޅެއްގައި މިހާރު ގާއިމު ކުރެވިފައި ކަމަށާއި، މެޝިނަރީ އަދި ސްކޭން މެޝިންތައްވެސް ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލެއްގައި ގާއިމު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ ވޭތުވެދިޔަ އަހަރު ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައިވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރަކު ހިދުމަތްދެމުން ގެންދާނެ ކަމަށެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި ފަސް ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ކޮންމެ އަތޮޅެއްގައި ވެސް ސީ އެންބިއުލާންސެއް މިހާރު އޮންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިރުތިޝާމް އިތުރަށް ވިދާޅުވީ ސިއްހީދާއިރާ އިތުރަށް ކުރިއަރުވާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ސުޕަ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް މިދިޔަ އަހަރު 21 ޑޮކްޓަރަކަށް ފުރުސަތު ދީފައިވާ ކަމަށާއި މި އަހަރުވެސް 10 ޑޮކްޓަރަކަށް މިހާރު ފުރުސަތު ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ވިހެއުމުގެ ތެރޭގައި މައިންނާއި ކުޑަކުދިން މަރުވާ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަަމަށެވެ. އަދި މި އަހަރުގެ ޖުލައި ހިސާބުގައި ދިވެހިރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ލިބޭނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ