ކާމިޔާބީން ރަމްޒުކޮށްދެނީ ހަންޏާމީދޫގެ ރައްޔިތުން "ބަޣާވާތާއި" ދެކޮޅުކަން - މޫސަ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ 2 ބައި އިލެކްޝަންގެ ތެރެއިން އދ.ހަންޏާމީދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމުން ރަމްޒުކޮށްދެނީ ހަންޏާމީދޫގެ ރައްޔިތުން "ބަޣާވާތާއި" ދެކޮޅު ކަމާއި، އެ ރައްޔިތުންނަކީ ސިޔާސީ ގޮތުން ވަރަށް ދުރުވިސްނޭ ބައެއްކަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އދ.ހަންޏާމީދޫ ކައުންސިލްގެ ބައި އިލެކްޝަން އެރަށު ޝަބްނަމީގޭ އަހުމަދު ފިރާގު ކާމިޔާބުކުރުމާއި ގުޅިގެން އެމްޑީޕީގެ ވެބްސައިޓަށް މައުލޫމާތުދެއްވަމުން މޫސަ ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ 9 ވޯޓު ލިބުނު ރަށަކުން އޭގެ ގާތްގަނޑަކަށް 3 އަހަރު ފަހުން 190 ވޯޓު ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
” ހަގީގަތުގައި މި ކާމިޔާބީން ރަމްޒުކޮށްދެނީ ހަންޏާމީދޫގެ ރައްޔިތުން ބަޣާވާތާއި ދެކޮޅު ކަމާއި، އެ ރައްޔިތުންނަކީ ސިޔާސީ ގޮތުން ވަރަށް ދުރުވިސްނޭ، ހިކުމަތްތެރިކަމާ އެކު ގޮތް ކަނޑައަޅާ ބައެއް ކަން. 2008 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އަޅުގަނޑުމެންނަށް އެންމެ 9 ވޯޓު ލިބުނު ރަށަކުން އޭގެ ގާތްގަނޑަކަށް 3 އަހަރު ފަހުން 190 ވޯޓު ލިބުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް.” ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސަ ވިދާޅުވި އެވެ.
ފިރާގު ހޯއްދެވި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ވިދާޅުވަމުން މޫސަ ވިދާޅުވީ ހަންޏާމީދޫ އިން އެމްޑީޕީއަށް ލިބިފައިވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެ ކަމަށް ޓަކައި އިންތިޚާބު ކާމިޔާބުކުރެއްވި ފިރާގަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އަދި އެމްޑީޕީއަށް މި ގޮނޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި، ޚާއްސަކޮށް ހަންޏާމީދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ފިރާގް މި ބައި ިއލެކްޝަން ކާމިޔާބުކުރެއްވީ 190 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާއި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ނަސީރަށް ލިބިވަޑައިގެންނެވީ 178 ވޯޓެވެ.
އިއްޔެ ބޭއްވި އަނެއް ބައި އިލެކްޝަން ކަމަށްވާ މަތިވެރީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ރިޒާ މުހައްމަދެވެ. އޭނާ އަށް ލިބިވަޑައިގަތީ 250 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަލީ ރިޝާމް އަށް ލިބިވަޑައިގަތީ 212 ވޯޓެވެ.
މަތިވެރީ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައިވަނީ އެ ކައުންސިލްގައި ހިމެނޭ ޑީއާރްޕީ މެމްބަރަކު ޕާޓީން ވަކިކުރުމާ ގުޅިގެންނެވެ. އަދި ހަންޏާމީދޫ ކައުންސިލުން ގޮނޑިއެއް ހުސްވެފައިވަނީ ބަލި ހާލަތު ހުރި ގޮތުން ކައުންސިލުން މެމްބަރަކު ވަކިވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ