މޫސުމަށް އަންނަ ބަދަލުގެ ވާހަކަ ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް އެއޯސިސް އިން ގިނަ މަސައްކަތްތަކެއް ކުރި -ތާރިޤް

މޫސުމަށް އަންނަ ބަދަލުގެ ވަހަކަ އާއި ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެންވަޔަރަމެންޓް މިނިސްތަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތާރިޤް މިހެން ވިދާޅުވެފައި މިވަނީ އެއޯސިސް އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ފަރަންސޭސި ވިލާތުގެ ޕެރިހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެއޯސިސްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ފަރާތުން ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ މީގެ 26 އަހަރު ކުރިން ބޭއްވުނު މަޝްވަރާތަކެއްގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
"މީގެ 26 އަހަރު ކުރިން މާލޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރުން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ބެހޭ ގޮތުން މަޝްވަރާކޮށްފައި،" މިނިސްޓަރ ތޯރިގު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެއޯސިސްގެ ގައުމުތަކަށް ގިނަ ގެއްލުންތަކެއްވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ އިތުރަށް މަތިވިތަ ނުދީ ބެހެއްޓުމަށް ދުނިޔޭގެ ގައުމުތަކަށް ބާރުއަޅުއްވާ ކަމަށެވެ.
އެއޯސިސްގެ މިހާރުގެ ދައުރަކަށް ވާންވީ ކަންކަން ތަންފީޒު ކުރުމާއި ޖަވާބުދާރީކުރުވުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދުކުރަން އެކަން ކުރުމަށް އަނެއް 25 އަހަރު ނުނަގާނެކަމަށް. އަޅުގަނޑު ޔަޤީން ކުރަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތެއް ކޮށްފައިވާތީ މީގެ 25 އަހަރުފަހުން އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ކަމަށް،" މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ