2011 ވަނަ އަހަރުގެ ކުރީގައި ދުނިޔޭގައި އެންމެ ގިނަ ފައިސާ މީހުން ހޯދި އެއް ވަސީލަތަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ކަމަށާއި، އެހެން ނަމަވެސް އެ އަހަރުގެ ފަހުން ދުނިޔޭގަ މިހާރު ފައިސާ ހޯދަން ބޭނުންކުރާ އެއް ވަސީލަތަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގޭ ބޮޑެތި ކުށްތައްކަމަށް އެންޓި ކޮރަޕްޝަން (އޭސީސީ) ގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ.
ލުތުފީ މިގޮތަށް ވިދާޅުވީ "ކޮރަޕްޝަނާއި މެދު އާންމުން ދެކޭގޮތުގެ ދިރާސާ" އާންމުކުރުމަށް މިއަދު ހެނދުނު އޭޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަމަށާއި، ކުރީގައި މަސްތުވާތަކެތި ވިއްކާ މީހުން ހޯދާ ފައިސާއަށްވުރެ ގިނައިން، ކޮރަޕްޝަނާއި ފަސާދާއިގެ ތެރެއިން ހިންގާ ޖަރީމާތަކުން ހޯދާ ފައިސާ މިހާރު ގިނަވެފައިވާކަމަށެވެ.
"އެހެންކަމުން މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަންކަން. މި ކަންތައްތަކާއި ދޭތެރޭ ވިސްނާފަ އަޅުގަނޑުމެންގެ މަސައްކަތާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، މިކަންކަން ކުރިއަށް އޮތްތާގައި ބަދަލުކުރަން ޖެހޭ" ލުތުފީ ވިދާޅުވިއެވެ.
ދުނިޔޭގައި ކޮރަޕްޝަން ހިންގުމަށްޓަކައި ބޭނުންކުރެވޭ އެއްވަސީލަތަކީ އިންޓަނެޓްކަމަށް ލުތުފީ ވަނީ ފާހަގަކުރައްވާފައެވެ. ލުތުފީ ވިދާޅުވީ ދުނިޔޭގެ ކޮންމެ ބައްރެއްގައި ކޮންމެ ތާކު ހުންނަ ފައިސާއެއް ކަމުގައި ވިޔަސް، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ބަދަލުކޮށްލައި، ބޮޑެތި ވައްކަންތައް ކުރުމަކީ ވަރަށްވެސް ފަސޭހަކަމެއް ކަމަށެވެ.
ލުތުފީ ވިދާޅުވީ ދުނިޔެ ތައްރަގީވަމުން އަންނަ ވަރަކަށް މަސައްކަތްތަކަށް ވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން ތަހުގީގަށާއި، ވިސްނުމަށްވެސް ބަދަލުތަކެއް އަންނަން ޖެހޭނެކަމަށް ލުތުފީ ވަނީ ފާހަގަކުރައްވާފައެވެ.
"އެހެންވީމަ އިރާދައްކުރެއްވިއްޔާ މި ދިރާސާތަކުގެ އަލީގައި އަޅުގަނޑުމެންގެ މަސައްކަތްތައް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން. އަދި ކަމާއި ބެހޭ އެހެން އިދާރާތަކާއި، ކުންފުނިތަކާއި، އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި މަޝްވަރާކޮށްގެން ކުރިއަށް އޮތްތަނުގައި ދާންވީ މިސްރާބު ކަނޑައަޅާނަން" އޭސީސީގެ ރައީސް ލުތުފީ ވިދާޅުވިއެވެ.
މަސްތުވާތަކެތި ވިއްކާ މީހުން ހޯދާ ފައިސާއަށްވުރެ، ކޮރަޕްޝަނުން ހޯދާ ފައިސާ ގިނަވެއްޖެ - އޭސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ