ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަ އެވޯޑެއް ތައާރަފްކޮށްފި
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ލީޑިން މުވައްޒަފުންނަށް ޚާއްސަކޮށްގެން އެޗްއާރު މޯލްޑިވްސް އިން މިއަދު ޚާއްސަ އެވޯޑެއް ތައާރަފްކޮށްފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާއެއްގައި ތައާރަފްކުރި "މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓާލިޓީ އެވޯޑްސް" ގައި ތިން ފަންތީގެ އެވޯޑު ހިމެނެއެވެ. އެއީ ގޯލްޑް ލީޑާސް އެވޯޑްސް އާއި ސިލްވާ އެވޯޑްސް އާއި އޯގަނައިޒޭޝަނަލް އެވޯޑްސް އެވެ. މި އެވޯޑަކީ ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަގު ވަޒަންކޮށް ހަމަ އެކަނި ދިވެހިންނަށް ދޭ އެވޯޑެކެވެ. އެގޮތުން ފަތުރުވެރިކަމުގައި ހިމެނޭ ހުރިހާ ދާއިރާއަކުން މި އެވޯޑަށް ކުރިމަތިލެވޭނެ އެވެ. ގޯލްޑް ލީޑާސް އެވޯޑް: މި އެވޯޑު ދޭނީ ޖެނެރަލް މެނޭޖަރުންނާއި ރެޒިޑެންޓު މެނޭޖަރުންނާއި، ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށެވެ. މި ކެޓަގަރީގެ ދަށުން ދިހަ ސަބް ކެޓަގަރީއަކަށް ހޮވޭ ފަރާތްތަކަށް އެވޯޑު ދޭނެ އެވެ. ސިލްވާ އެވޯޑްސް: މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ދާއިރާގައި ޑިޕާޓްމެންޓުތަކުގައި ލީޑާޝިޕް ދައްކާ ފަރާތްތަކަށެވެ. މި ކެޓަގަރީގެ ދަށުން އަށް ސަބް ކެޓަގަރީއަކަށް އެވޯޑު ދޭން ހަމަޖައްސާފައިވާއިރު އެ އަށް ކެޓަގަރީން 26 އެވޯޑު ދޭން ވަނީ ހަމަޖައްސާފައެވެ. މި ކެޓަގަރީގައި ހިމެނޭ ސަބް ކެޓަގަރީސްތަކުގައި ހިމެނެނީ ވަކި ވަކި ޑިޕާޓްމަންޓުތަކެވެ. މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓާލިޓީ އެވޯޑްސް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ ސިލްވާ އެވޯޑްސްގައި ހިމެނެ ކެޓަގަރީސްތައް: އިންޖިނޭރިންގް އެންޑް މެއިންޓެނެންސް (ހަތަރު އެވޯޑު) ފިނޭންސް (ތިން އެވޯޑު) ފުޑް އެންޑް ބެވަރޭޖެސް (ދެ އެވޯޑު) ފްރޮންޓް އޮފީސް (ހަތަރު އެވޯޑު) ހައުސް ކީޕިންގް (ދެ އެވޯޑު) ހިއުމަން ރިސޯސެސް (ހަތަރު އެވޯޑު) ރިކްރިއޭޝަން، ހެލްތް އެންޑް ވެލްނެސް (ހަތަރު އެވޯޑު) ސޭލްސް އެންޑް މާކެޓިންގް (ތިން އެވޯޑު) އޯގަނައިޒޭޝަނަލް އެވޯޑްސް: މި އެވޯޑު ޚާއްސަ ވަނީ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮގްރާމްތަކާއި ކެމްޕެއިންތައް ހިންގާ އެޗްއާރު ޓީމްތަކަށެވެ. މި އެވޯޑު ކެޓަގަރީގެ ދަށުން، ޖުމްލަ 16 ސަބް ކެޓަގަރީއަކަށް އެވޯޑު ދޭނެ އެވެ. މި އެވޯޑުތައް ދިނުމުގެ ހުއްދަ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދީފައިވާއިރު ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާގައި އެވޯޑު ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރު އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު އެވެ. މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓާލިޓީ އެވޯޑްސް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ލިރާރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، އެ ދާއިރާއަކަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެވޯޑުތައް ލިބެމުން އަންނަ ގައުމެއް ކަމަށެވެ. އެފަދަ އެވޯޑުތައް ލިބެނީ ރާއްޖޭގެ ރިސޯޓުތަކަށްވާއިރު، އެ އެވޯޑުތައް ލިބުމުގެ ފަހަތުގައި ތިބެނީ ރިސޯޓުތަކުގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ. "އެ ބޭފުޅުން އެކުރާ މަސައްކަތް ރިކޮގްނައިޒްކުރުމަކީ އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. ރަނގަޅު ލޭބާ ފޯސް އެއް ނެތި އަޅުގަނޑުމެންނަށް ޓޫރިޒަމް އިންޑަސްޓްރީ މިހާ ހިސާބަށް ނާދެވުނީސް. ޓޫރިޒަމް މިނިސްޓްރީން އަދި ސަރުކާރުން ދެކޭ ގޮތުގަ މިއީ ވަރަށް މުހިއްމު ކަމެއް،" ލިރާރު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މި އެވޯޑަށް މިނިސްޓްރީއާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ. މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓާލިޓީ އެވޯޑްސް އަށް ނަން ހުށަހެޅުމުގެ ފުރުސަތު މާޗް މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ މިއަހަރުގެ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހުު ރާއްޖޭގެ ކޮންމެވެސް ރިސޯޓެއްގައެވެ. އެޗްއާރު މޯލްޑިވްސް އިން ބުނީ އެވޯޑު ހަފްލާ ބާއްވާނެ ތަނެއް އަދި ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ