ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ބެންޗުގައި ހުސްކޮށް އޮތް ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ފާސްކުރީ 55 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ހަމަ އެ ކޯޓަށް ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމަށް ރުހުން ދޭން ފާސްކުރީ 63 މެންބަރުންގެ އިއްތިފާގުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމުން އެ ކޮމިޝަނުން ވެސް ލަފާ ދިނީ އެ ދެ ބޭފުޅުން އައްޔަން ކުރުމަށެވެ.
ޖޭއެސްސީގެ ލަފާ އެ ގޮތަށް ލިބިވަޑައިގަތުމުން، ސުޕްރީމް ކޯޓަށް އެ ދެ ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވީ މިދިޔަ މިހުގެ 19 ވަނަ ދުވަހުގައެވެ. އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިދިޔަ ހޯމަ ދުވަހު ފޮނުވިއެވެ. ހޯމަ ދުވަހު ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ދެ ބޭފުޅުންނަށް ރުހުން ދޭން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ.
ގާޒީ އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމް ކުރެއްވި ގާޒީއެވެ. ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން އެންމެ ފުރަތަމަ މަރު ހުކުމެއް ވެސް އިއްވެވި ގާޒީއެވެ.
ޑރ. މުހައްމަދު އިބްރާހީމް މަސައްކަތް ކުރައްވަމުން އައީ ޕްރިމިއާ ޗެމްބާސް ލޯ ފާމުގައެވެ. އޭނާއަކީ އެ ތަނުގެ އެއް ހިއްސާދާރެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އޭނާއަކީ ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒް ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ ސުޕްރީމް ކޯޓުގައި ދެން ތިއްބެވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒަހިރު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރުކޮށްފައެވެ. އެއީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވާލިއިރުވެސް އެ ކޯޓުގެ ބެންޗުގެ އަދަދެވެ. އެކަމަކު އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު އޭރު ހަތަކުން ފަހަކަށް މަދުކޮށްފައިވެއެވެ.
އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ