ބިދޭސީންގެ އެއްވުންތަކުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އަދުރޭ

ބިދޭސީން ހިންގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މި ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި ގިނަ އަަދަދެއްގެ ބިދޭސީންނަށް މުސާރަ ނުދޭތާ މައްސަލައިގައި އެމީހުން ދަނީ މުޒާހަރާކޮށް ބައެއް މުދަލަށް ގެއްލުން ދެމުންނެވެ. އެގޮތުން ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން އިއްޔެ މުޒާހަރާކޮށް ފުލުހުންނަށް ހަމަލާދީފައިވެއެވެ. އެ ހަމަނުޖެހުންތަކުގައި 41 ބިދޭސީއަކު ހައްޔަރުވެސް ކުރިއެވެ.
މިކަމާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީ ބަޔަކު ދިވެހި ފަސްގަނޑުގައި ދިވެހިންނާއި ދެކޮޅަށް މުޒާހަރާކޮށް، ފުލުހުންނަށް އަނިޔާކުރުމާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެކަމަކީ ނުރައްކާތެރި، ބިރުވެރި ކަމެއް ކަމަށާއި އެކަމުން ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖުލައި މަހުގެ ކުރީކޮޅު ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް މުސާރަ ނުދޭތާ ހަ މަސް ވުމުން އެ ބިދޭސީން ވަނީ ރަށުގައި ތިބި ދިވެހިން ރަހީނުކޮށްފައެވެ.
އަދި އެ ދިވެހިން ސަލާމަތް ކުރަން އެ ރަށަށް ދިޔަ ފުލުހުންނާ ކުރިމަތިލާ، ބިދޭސީން ވަނީ ހަމަނުޖެހުން ހިންގާފައެވެ.
އޭގެ ފަހުން ވެސް މާލެ ސަރަހައްދުގައި ބިދޭސީން މުސާރަ ނުދީގެން މުޒާހަރާކުރަމުން ދާއިރު، އެ މުޒާހަރާތައް މިހާރު ހިންގަނީ ދުރާލާ ރާވައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ މުޒާހަރާތައް އެއްފަހަރާ ބިދޭސީން ތިބޭ ގިނަ ތަންތަނުގައި ހިންގާ ނަމަ އެކަން ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ބިދޭސީންގެ މައްސަލަ މިހާ ހިސާބަށް އައީ އެ މައްސަލަ ހައްލު ނުކޮށް ގިނަ ދުވަސް ވުމުން ކަމަށެވެ.
އަދި ބިދޭސީން ފޮނުވާލުމުގައި ހިނގި މަސައްކަތްތަކެއް ހިނގާފައި ވަނީ މި ސަރުކާރުގައި ކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަަމަށް ވެސް ފައްޔާޒް ވިދާޅުވިއެެވެ.
އަމާޒަކީ މި އަހަރު ނިމޭއިރު ގަވާއިދާއި ޚިލާފަށް އުޅޭ 20000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ