އަދީބަށް ކުރާ ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކޮށްފި އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުމެއް އޮންލައިންކޮށް ބާއްވާފަ އެވެ. އެ އަޑުއެހުމަކީ ދައުވާތަކާމެދު ޝަރީއަތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މީގެކުރީގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ އެއްބަސްވުމާއި މި މައްސަލާގެ ތަހުގީގާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ.ކޯޓުން މިއަދު ނިންމީ ދައުލަތުން ހެދި އިއުތިރާފުގެ އެއްބަސްވުންތައް ގޯސް ކަމަށާއި އެހެންވެ، އެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތައް ކުރިއަށް ގެންދެވޭނެ ތަނެއް ނޯންނާނެ ކަމަށެވެ. އެ ދައުވާތައް ބާތިލް ކުރުމާއި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގައި ހުންނެވި އަދީބު އެއްކޮށް މިނިވަން ވާނެ އެވެ.ބޭސްފަރުވާއަށް ފޮނުވަން ޝަރުތު ކުރުމަކީ ޕީޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި ބޭސްފަރުވާއަށް ފޮނުވަން އެފަދަ ޝަރުތެއްކުރުމަކީ "ޓޯޗާ"ގެ އަމަލެއްގެ ގޮތުގައި ބެލިދާނެ ކަމަށްވެސް ހުކުމުގައިވެއެވެ. އޭގެ އިތުރުން އަދީބުގެ މައްޗަށް ހިންގި ތަހުގީގަކީވެސް ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގާނޫނާ ހިލާފަށް ކަމަށް ގާޒީގެ ނިންމެވުމުގައިވެއެވެ. އޭގެ އިތުރުން އެހެން ކޯޓެއްގައި އޮތް އަދީބުގެ އެހެން މައްސަލައެއްގައި ހިމެނޭ ކުށުގެ ވާގިއާތައް ހިމެނޭ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަންވެސް ގާޒީގެ ނިންމުމުގައިވެއެވެ. އަދި އެއީވެސް ގާނޫނީ ހަމަތަކާ ހިލާފު ކަމެއް ކަމަށް ނިންމާފައިވެއެވެ. ޝަރީއަތުގެ ނިންމުން އިއުލާން ކުރައްވަމުން ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައިވަނީ ގާނޫނު ނުދަންނަ ގޮތްތަކެއް މަތިން ކަމަށެވެ. އެކަމުގައި ހިމެނޭ ފަރާތްތައް އަމަލު ކޮށްފައިވަނީ ގާނޫނީ ނިޒާމުން ބޭރުން ކަމަށެވެ. އެހެންކަމުން އެހެން އޮތް ދައުވާތަކެއް ޝަރީއަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.އަދީބުގެ މައްޗަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވެސް މަތީ ކޯޓުތަކުން މިދިޔަ އަހަރު އޮތީ ބާތިލްކޮށްފަ އެވެ.ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން ކުރާ ހުރިހާ ދައުވާތައް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމާ އެކު، އޭނާ މިނިވަންވެއްޖެ އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު، ބަންދުގައި ހުރީ ދައުވާތަކުގެ ޝަރީއަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ