ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، ކަނޑުމަތީގެ ހާދިސާތައް ގިނަވެފައި ވާތީ ކަނޑުދަތުރުކުރުމުގައި ސަމާލުވާން ސިފައިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް މިއަދު ވިދާޅުވީ މޫސުން ގޯސްވުމުން ކަނޑުމަތީގެ ހާދިސާތައް ގިނަވަމުންދާ ކަމަށެވެ. މިއަދު ހިނގި އެއް ހާދިސާއަކީ ކ. ހުރާގެ އިރުމަތިން 17 މޭލު ބޭރުގައި އޮންނަ އޮއިވާލި ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ކުރަން އުުޅުނު ދޯންޏެއް އަޑިއަށް ގޮސް އޭގައި ތިބި ނުވަ މީހުން ކަނޑުވުމެވެ. އެ ހާދިސާގައި ކަނޑުވި މީހުން އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ވަނީ ނަގައިފަ އެވެ. ދެވަނަ ހާދިސާއަކީ އައްޑު އަތޮޅުގެ އުތުރުން 16 މޭލު ބޭރުން ދަތުރުކުރަަމުން އައި ބޯޓެއްގެ ކަފުގައި އޮތް ޑިންގީއެއް ބަންޑުން ޖަހައިލުމެވެ.
އެ ދެ ހާދިސާގައި ވެސް އެމްއެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި ސަރަހައްދުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
މުޅި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެތީ ރާޅު އަރާފާނެ ކަމަށް ލަފާކޮށް ދެވަނަ ވައިޓް އެލާޓެއް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ނެރެފަ އެވެ. އެ އެލާޓްގައި ލަފާކޮށްފައި ވަނީ މިއަދު ހަވީރު 3:45 އާ ހަމަައަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސްް ކަނޑު ގަދަވާނެ ކަމަށާއި ރާޅު އަރައިފާނެ ކަަމަށެވެ.
މޫސުން ގޯސްވެ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ