މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި، އިންސާފު ލިބެން ހުރި ހުރިހާ ދޮރެއް ބަންދު ކޮށްފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ.
ރިލްވާންގެ އާއިލާއިން މިހެން ބުނެފައިވަނީ ރިލްވާން ގެއްލުނު މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް އޭރު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްފައިވާ ކަމަށް އުމަރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ރިލްވާންގެ ދައްތަ، ފަތުމަތު ޝެހެނާޒް ކޮށްފައިވާ ޓްވިޓުގައި ބުނީީ، އުމަރު މަގާމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް އެ މައްސަލައިގައި ހުރި ހުރިހާ ހެއްކެއް ނައްތާލާފައިވާ ކަމަށާއި ކުށްވެރިންނަށް ހިމާޔަތް ދީފައިވާ ކަމަށެވެ.
"ދެންވެސް އަހަރުމެންނަށް އިންސާފު ލިބެން ހުރި ހުރިހާ ދޮރެއް ބަންދު ކޮށްފަައެއްނު ތިހިރީ" ރިލްވާންގެ ދައްތަ ކުރި ޓްވީޓުގައި ވެއެވެ.
ރިލްވާންގެ ދައްތަ ބުނީ، އުމަރު އަކީ ފެއިލް ވެފައިވާ މީހެއް ކަމަށާއި، ހެދުނުހާ ދޮގެއް އާއިލާއަށް ހަދާފައި އަދިވެސް އުޅެނީ ސިޔާސީ މަންފާ ހޯދަން ކަމަށެވެ.
ރިލްވާނަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ ރައީސް އިއްޔެ ކުރެއްވި ޓްވީޓަކަށް އުމަރު ފޭސްބުކްގައި ލިޔުއްވާފައިވަނީ ރިލްވާންގެ މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށާއި ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އުމަރު އިތުރަކަށް ވާހަކައެއް ނުދެއްކެވި އެވެ.
ރިލްވާން ގެއްލުނުތާ އިއްޔެ މި ވަނީ ހަ އަހަރު ފުރިފައެވެ. އާއިލާއިން ބުނަމުން ދަނީ އެ މަރަށް އަދިވެސް އިންސާފު ނުލިބޭ ކަމަށެވެ.
މި ސަރުކާރުން ރިލްވާންގެ މައްސަލަ ބަލަމުން ދަނީ މަރު ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ އޭނާ ރަހީނުކޮށް ޑިންގީއަކަށް ލައިގެން ދޯންޏަކަށް އެރުވުމަށްފަހު އޭނާ މަރާލާފައިވާ ކަމަށެވެ.
އިންސާފު ލިބެން ހުރި ހުރިހާ ދޮރެއް ބަންދު ކުރީ އުމަރު- ރިލްވާންގެ އާއިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ