ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގެއްލުވާލިތާ އިއްޔެ ވަނީ ހަ އަހަރުވެފައެވެ. ރިލްވާނަށް ވީގޮތެއް އަދިވެސް ސާފުވެފައި ނެތުމުން އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ.
ރިލްވާންގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ރިލްވާންގެ އާއިލާއިން އެދުނު ގޮތަށް ރާއްޖެއިން ބޭރުން އިންވެސްޓިގޭޓަރު ގެނެސް ތަހުގީގު ޓީމުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓުވިޓާގައި އެމަނިކުފާނު އާންމު ކުރެއްވި ނޯޓެއްގައި ވަނީ ހުރަސްތަކާއި ދަތިތަކާއި އެކުގައި ރިލްވާން ގެއްލުނު މައްސަލައަށް އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
ރައީސް އިއްޔެ ކުރެއްވި ޓްވީޓްގެ ސްކްރީންޝޮޓަކާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ފޭސްބުކްގައި ލިޔުއްވާފައިވަނީ ރިލްވާންގެ މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ.
އުމަރު މިއަދު ވަނީ މިކަމާއި ގުޅިގެން ފޭސްބުކުގައި ޕޯސްޓެއް ކޮށްފައެވެ. އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ރިލްވާން މައްސަލާއި އޭރު މިނިސްޓަރުކަމުގައި ހުންނަވައިގެން އޭނާ ވާނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައި ކަަމަށެވެ. ނަމަވެސް ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ރިލްވާން މައްސަލަ އާއި ގުޅިގެން މި ސަރުކާރުން އުފެއްދި މަރުކޮމިޝަނުން، އެތައް ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެކުލަވާލި ރިޕޯޓުގަ ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ވަގަށް ނަގައިގެން ކަނޑު އުޅަނދަކަށް އަރުވައިގެން ގެންގޮސް ކަނޑު ފައްތާފައިވާކަމަށެވެ. އޭނާގެ އާއިލާ އިން ވަނީ މިހެން މިކަން ވެފައި އޮތް ނަމަވެސް އެކަން ކުރި ބަޔަކުވެސް ހޯދަން އެބަޖެހޭ ކަމަށް ބުނެފައެވެ.
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށް ވަނީ ވައުދު ވެފައެވެ.
ރިލްވާންގެ މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ