އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މާދަމާއިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހު މެންދުރު 14:00 ގެ ނިޔަލަށް އިންތިހާބައް ކުރިމަތި ލުމަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމަށެވެ. އަދި ކުރިމަތިލާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައި ގަތުމާއި ބެހޭގޮތުން 48 ގަޑި އިރުގެ ތެރޭގައި އިލެކްޝަނުން ކެންޑިޑޭޓުންނަށް ޖަވާބު އަރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ފޯމް ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނަން. އެއީ ކެންޑިޑެސީ ބަލައި ގަތަސް ނުވަތަ ގަބޫލު ނުކުރި ކަމަށް ވިޔަސް އެކަން އަޅުގަނޑުމެން އެ މުއްދަތުގެ ތެރޭގައި އެ ފަރާތަކަށް އަންގާނަން،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ކެންޑިޑެސީގެ މައްސަލަތައް ސްޕްރީމް ކޯޓަށް ހުށަހެޅުމަށް 24 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުހުލަތެއް ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ދޭނެ ކަމަށެވެ. އަދި އެ ފަސް ދުވަހުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކެންޑިޑެސީއާ ގުޅޭ މައްސަލަތައް ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކެންޑިޑެސީ ހުށަ ހަޅާއިރު، އެ ބޭފުޅެއްގެ ފުރިހަމަ ނަމާއި، އުފަން ތާރީހާއި، ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަން ޖެހޭ 40،000 ރުފިޔާގެ ނަގުދު ފައިސާ ހިމެނެއެވެ. އަދި މި ނޫނަސް ވަރަށް ގިނަ އެހެނިހެން މައުލޫމާތުތައް ވެސް ހުށަހަޅަންޖެހެއެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް މުހަންމަދު ފަޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބައް ކުރިމަތިލާ ބޭފުޅެއްގެ މައްސަލަ ކޯޓުގައި އޮތް ނަމަވެސް އެ ކަމަކުން ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބަޖެޓުގެ މައްސަލަ އެބައޮތް. ރައީސްވެސް، ފިނޭންސުންވެސް އަދި މާލިއްޔަތު ކޮމެޓީން ވެސް އިރުޝާދު ދީފަ އޮތީ ރިޔާސީ އިންތިހާބައް ފޯކަސް ކޮށްގެން ހަރަދު ކުރަން. އެއީ އަޅުގަނޑުމެން ހަރަދު ކުރާ ގޮތަކީ ވެސް. މި އަހަރު ފަހުކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ދެން ކޮންމެވެސް ގޮތެއް ހަދާގެން ބަޖެޓު ހަމަޖައްސަވާނީއޭ ވިދާޅުވީ،" ބަޖެޓުގެ ދަތިކަން ހުރިކަން ފާހަގަ ކުރައްވައި ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ