ޑީއާރްޕީން މާލޭ ސިޓީއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށް ޒައީމް މައުމޫނު ހާއްސަ ޖަލްސާއެއް ބާއްވަނީ

މާލޭ ސިޓީ ކައުންސިލަށް ޑީއާރްޕީން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދައި ދިނުމަށް ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް ހާއްސަ ކެމްޕޭން ޖަލްސާއެއް މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑީއާރްޕީގެ ޒައީމްގެ ހައިސިއްޔަތުން އެމަނިކުފާނު މިއަދު އާންމު ކުރެއްވި ދެންނެވުމެއްގައި ބުނަނީ އެމަނިކުފާނު ބާއްވަވާ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށާއި ޖަލްސާ ކުރިޔަށް ދާނީ ދަރުބާރުގޭ ފުރަގަހުން އޮންނަ އުސް ފަސްގަނޑުގައި ކަމަށެވެ.
މައުމޫނުގެ މި ޖަލްސާއަށް ޕާޓީގެ ކައުންސިލް މެންބަރުންނަށާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި ކޮމެޓީތަކާއި ޑީއާރްޕީގެ އޮފީހުގެ މުވައްޒަފުންނާއި ޑީއާރްޕީގެ ޓިކެޓްގައި މާލޭގެ ސިޓީއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ދައުވަތު ދެއްވާ ކަމަށް ވެސް މައުމޫންގެ އެ ދެނެނެވުމުގައި ވެއެވެ.
ޒައީމް މައުމޫންގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ ޒައީމްގެ ޖަލްސާއަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އެރޭ ވަޑައި ނުގެންނެވޭ ކަމަށެވެ. ޒައީމްގެ ޖަލްސާ ހިނގާ ވަގުތު ޕާޓީގެ ލީޑަރުގެ ބައިވެރިވަ ވަޑައިގަންނަވާނީ އައްޑު އަތޮޅުގައި ބާއްވާ ޖަލްސާއެއްގައި ކަމަށް ވެސް މުހައްމަދު ހުސައިން ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ