އަލީ ފަޒަލް އާއި ސޮނާލީގެ "ރާކް" އަންނަ މަހު

ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް އާއި އެކްޓްރެސް ސޮނާލީ ބެންޑްރޭ މުހިންމު ރޯލުތައް ކުޅޭ އިންވެސްޓިގޭޓިވް ތުރިލާ ސީރީޒް "ރާކް" ރިލީޒްކުރާނެ ތާރީހު އިއްޔެ އިއުލާންކޮށްފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އެ ސީރީޒް ސްޓްރީމްކުރަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހު 12 އިން ފެށިގެންނެވެ. 
އެމެޒޯން ޕްރައިމް އިން ވަނީ މި ސީރީޒްގެ އާ ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ޕޯސްޓަރުން ފެންނަނީ އަލީ ފަޒަލް ފުލުހެއްގެ ޔުނިފޯމުގައި ކޮންމެވެސް ވަރަކަށް ހާސްވެ، ކަންބޮޑުވެފައި ހުރެ ކުށުގެ ވެއްޓެއްގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކައިރީގައި ހުއްޓަ އެވެ. އެ ޕޯސްޓަރާ އެކު ލިޔެފައި ވަނީ "ވަޅުލެވިފައިވާ ހަގީގަތްތައް އަބަދުވެސް ތިލަވާނެ" އެވެ.
"ރާކް"އަކީ ކުށްވެރިންގެ ވިސްނުމާއި އާންމު ދިރިއުޅުމުގައި ފޮރުވިފައި ހުންނަ ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޓިވް ޑްރާމާއެކެވެ.
މި ސީރީޒްގެ ވާހަކަ ބިނާކޮށްފައި ވަނީ ފުރާވަރުގެ ދެ ކުދިން ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން އާއިލާއަކަށް ކުރިމަތިވާ ހިތާމަތަކާއި މުޅި ސިޓީއަށް ނުތަނަވަސްކަން ވެރިވެގެންދާ ގޮތުގެ މައްޗަށެވެ. މިއާ އެކު، ހަގީގަތް ހޯދުމަށް ފުލުހަކު ފަށާ ބޮޑު އޮޕަރޭޝަނާއި އޭނާއަށް ކުރިމަތިލާން ޖެހޭ އަނިޔާވެރި އަދި ބިރުވެރި ކަންކަން ދައްކާނެ އެވެ. 
ޕްރޮސިތު ރޯއި ޑައިރެކްޓްކޮށް އެގްޒެކެޓިވް ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގައި އާމިރު ބަޝީރު ވެސް މުހިންމު ރޯލެއް ކުޅެފައިވެ އެވެ.
ޑައިރެކްޓަރު ޕްރޮސިތު ބުނި ގޮތުގައި، މިއީ ހަމައެކަނި ކްރައިމް ތުރިލާއެއް ނޫނެވެ. މިއީ އިންސާނާގެ ނަފުސާނީ ބަލިމަޑުކަމާއި އަނދިރި ސިފަތައް ވަރަށް ފުންކޮށް ދައްކުވައިދޭ، އޭނާ ކުރި އެންމެ އުފެއްދުންތެރި އަދި އަސަރުގަދަ މަސައްކަތެވެ.
އަލީ ފަޒަލްގެ ފުރިހަމަ އެކްޓިން އާއި ސޮނާލީ އަދި އާމިރުގެ މޮޅު ހުށަހެޅުންތަކުގެ ސަބަބުން ކޮންމެ މަންޒަރެއް ވެސް ހަގީގީ މަންޒަރެއްގެ ގޮތުގައި އިހުސާސްކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ