ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުތަކާއި އަސްކަރީ މަނަވަރުތަކުން، ދަތުރުކުރުމުގެ ކުރިން އީރާނުގެ އަސްކަރިއްޔާގެ ހުއްދަ ހޯދުމަށް އެ ގައުމުން އިއްޔެ މަޖުބޫރުކޮށްފިއެވެ.
އެމެރިކާއާ އެކު އެއްބަސްވުމަކަށް އާދެވިދާނެތޯ ބެލުމުގެ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އީރާނުން ވަނީ، މި ގަވާއިދުތަކަށް ބޯނުލަނބާ އުޅަނދުތަކަށް ހަމަލާދޭނެކަމުގެ ހަރުކަށި އިންޒާރު ވެސް ދީފައެވެ. މި އެންގުމާ އެކު އެ ސަރަހައްދުގެ ކަނޑުމަގުގެ ބާރާއި ނުފޫޒު އޮތީ އެ ގައުމުގެ އަތްދަށުގައި ކަން އީރާނުން ވަނީ އަލުން ހާމަކޮށްފައެވެ.
އީރާނުގެ ހާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި އޮތީ އެ ގައުމުގެ ހަތިޔާރުއެޅި ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އެހެންކަމުން، ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކާއި އެހެނިހެން ބޯޓުފަހަރުތަކުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީ ހުއްދަ ހޯދުމުގެ އިތުރުން، ކަނޑައެޅިފައިވާ ވަކި މަގުތަކަކުން ދަތުރުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި ނިންމުން އިއުލާންކޮށްފައި މިވަނީ، އީރާނާ އެކު ސުލުހައިގެ އެއްބަސްވުމަކަށް ދިއުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އެއްބަސްވުން މިހާރު އޮތީ ޓްރަމްޕްގެ ނިންމުމަކަށް މަޑުކޮށްފައެވެ. ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ ދެ ގައުމުގެ މެދުގައި އަދި އެއްވެސް ފައިނަލް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.
ސިންގަޕޫރުގައި ބޭއްވި ދިފާއީ ސަމިޓެއްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ގާބިލުކަން ވޮޝިންޓަނަށް ލިބިގެންވާ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވެސް ބުނީ އެ ސަރަހައްދުގައި އެމެރިކާ ސިފައިން ފާރަވެރިވަމުންދާނެ ކަމަށެވެ.
އެމެރިކާގެ ވާހަކަތަކަށް ގޮންޖަހައި އީރާނުން ސާބިތުކަމާއެކު ބުނަމުންދަނީ އެ ސަރަހައްދު ބެލެހެއްޓުމަކީ އެ ގައުމުގެ އަމިއްލަ ސިޔާދަތީ ބާރުގެ ދަށުގައި އޮތް ކަމެއް ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ނަމަ ހުއްދަ ހޯދަން އީރާނުން މަޖުބޫރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ