ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓް ސްޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކޮށްލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރަކު ހުށަހަޅުއްވާފައިވާ އިސްލާހަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ތާއީދުކޮށްފި އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ. ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ.
ޝަރީފް ހުށަހެޅުއްވި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޕީޕީއެމްގެ ޕީޖީ ގުރޫޕޫގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެއީ ގައުމަށް ފައިދާ ހުރި އިސްލާހެއް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެ އިސްލާހަށް ޕީޕީއެމްގެ ހުރިހާ މެންބަރުން ތާއީދުކުރައްވާނެ ކަމުގައި ނިހާން ވިދާޅުވި އެވެ.
"އެހެންކަމުން އެ މައްސަލާގައި މާ ދިގުކޮށް ވާހަކަ ދައްކަން އަޅުގަނޑު ބޭނުމެއް ނުން.... އަދި އިއްޒަތްތެރި މެންބަރު ޝަރީފު ފަދަ ބޭފުޅުންނަކީ މަދުން ނޫނީ މިގައުމުގެ ސިޔާސީ މަރުހަލާގައި ނުއުފެދޭ ބައެއް،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ ހައްގު ޝުކުރު އެމްޑީޕީއަށް އަދާކުރަންޖެހޭ ކަމަށާ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި ޕީޕީއެމްގެ ބައިވެރިވުންވެސް އޮންނާނެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕޫގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ އެ ހުށަހެޅުމަށް އެމްޑީޕީގެ ތާއީދު ނެތް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އިބޫ ވިދާޅުވީ އެ އިސްލާހަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓިން ނިންމާފައިވާތީ އެ މައްސަލާގައި އެމްޑީޕީގެ ނިންމުމަކީ ވެސް އެއީ ކަމަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވަނީ ޝަރީފުގެ ހުށަހެޅުމަށް ތާއީދުކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މޫސަ ވިދާޅުވީ ސްޕްރީމް ކޯޓުން އޭނާ އަށް އެތައް އަނިޔާއެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާނެ ކަމަށާ އެއީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރޫ ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ ޝަރީފް އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެއީ ޖުމްހޫރީ ޕާޓީގެ ވެސް ނިންމުން ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އޭނާއާ ޖުމްހޫރީ ޕާޓީންވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެބޭފުޅުން ތާއީދުކުރައްވަނީ ގާނޫނީ ހަމައާއި އުސޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް ކަމަށެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމުގަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލަން އެމްޑީޕީއާ ޖޭޕީ ދެކޮޅު، ޕީޕީއެމް ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ