ޕީޕީއެމްގެ ސަރުކާރަށް އެއް އަހަރު ފުރޭހިނދު ކޮންމެ ދުވަހަކީ ރައްޔިތުން ސިއްސުވާލާ ނާމާން ބިރުވެރި ހަބަރު ލިބެމުންދާ ދުވަހަކަށް ވެގެންދާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީއިން ފާޅުކޮށްފި އެވެ. 
އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މާރާމާރީ ހިންގަން އުޅުނު ބަޔަކު، ވީދާލާފައިވާ ގަމީހާއި އަދި ހަށިގަނޑުން ފެންނަންހުރި ލެޔާއެކު ތޫނު ހަތިޔާރު ހިފައިގެން ރޯމާ ދުވާލު ބިލަބޮން ހައި ސްކޫލަށް ވަދެ، އެ ސްކޫލުގެ ދަރިވަރުންނަށް މިއަދު ނާމާންކަން ކުރިމަތިކުރުވާފައިވާ ދަރަޖައަށް ރާއްޖޭގެ ހާލަތު ގޮސްފައިވާކަން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމަށެވެ. 
އަދި ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުނުތާ 100 ދުވަސް މިއަދު ހަމަވި އިރު ފުލުހުން އޭނާ ހޯދަން އެކަށީގެންވާ މިންވަރަކަށް މަސައްކަތްކޮށްފައި ނުވާ ކަމަށާއި ހައްދު ފަހަނާޅާފައިވާ މީހުން މިރާއްޖޭގައި އިންތިޒާމުވެގެން ފުޅާކުރަމުން ގެންދާ އަމަލުތަކާއި ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަނގުރާމަވެރި ޢަމަލުތަކުގައި ބައިވެރިވަމުން ދާދިއުމާމެދު އެއްވެސް ފިޔަވަޅެއް މި ސަރުކާރުން އެޅުމަކަށް ތައްޔާރަށް ނެތް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. 
" މިނިވަން ނޫހުގެ ރިޕޯރޓަރ އަޙްމަދު ރިޟުވާން ވަގަށްނެގި ފަހުން 100 ދުވަސް މިހާރު ހަމަވެފައިވާއިރު ފުލުހުންނަށް އޭނާ ހޯދިފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ފުލުހުން އޭނާ ހޯދުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައި ނުވާކަން ވެސް ކަންބޮޑުވުމާއެކު މި ޕާރޓީން ފާހަގަކުރަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާއިން ޢަބްދުﷲ ޔާމީނުން ފެށިގެން ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި ފުލުހުންގެ ވެރިންނާ ހަމައަށް ވެސް އަޙްމަދު ރިޟުވާނުގެ މައްސަލާގައި ކުރައްވާފައިވަނީ ފުރައްސާރަކަމަށް މި ޕާރޓީން ދެކެމެވެ. އަދި ޕީޕީއެމް ގެ ބޮޑު އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ބެލުމަށް އިންކާރުކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތެކެވެ." އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 
މީގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، މިސަރުކާރު ރާއްޖޭގެ ވެރިކަމާ ޙަވާލުވި ފަހުން، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރ އަލްޙާން ފަހުމީއަށް، ގިނަ ބައެއްގެ ކުރިމަތީގައި ތޫނު އެއްޗަކުން މަރުގެ ޙަމަލާއެއްދީ، އެމަނިކުފާނު ވަރަށް ބޮޑަށް ޒަޙަމްކޮށްލާފައިވާއިރު، އެ މައްސަލާގައި ބައްދެއްގައިވާ މީހަކު ވެސް އަދި ދަޢުވާއެއް އުފުލިފައިވާ މީހަކުވެސް ނެތް ކަމަށެވެ. އަދި  އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަވަހާރަކޮށްލާފައިވާއިރު، މިހާތަނަށް ވެސް އެކަމުގައި ޝާމިލުވާ ޙަޤީޤީ ޤާތިލުން ހޯދިފައިނުވާކަން ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. 
" ރާއްޖެޓީވީ އަންދާ އަޅިއަށް ހަދައިލި މައްސަލައާ ރާއްޖެޓީވީގެ ނޫސްވެރިޔާ އިބްރާޙިމް ވަޙީދު (އަސްވާޑް) އަށް ދިން މަރުގެ ހަމަލާ ތަހުގީގުކޮށް އެ ނުބައި ޖަރީމާތައް ހިންގި ބަޔަކަށް މިހާތަނަށް ވެސް އަދަބުދީފައި ނުވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން މިނިވަން ނޫހުގެ އިދާރާގެ ކެމެރާ ހަލާކުކުރުމަށްފަހު ދިން ކަތިވަޅީގެ ޙަމާލާގެ މައްސަލާގައި ސާބިތު ހެކިހުރި އިރުވެސް އެއްވެސް މީހަކު ހައްޔަރުކޮށްގެން ތަޙްޤީޤެއް ހިންގަމުން ނުދާކަން ފާހަގަކުރަމެވެ.ހަމަ އެފަދައިން، އެކިއެކި ނޫސްވެރިންނަށާއި މި ޕާރޓީއަށް ނިސްބަތްވާ ފަރާތްތަކަށް މަރުގެ އިންޒާރުދީ ފޮނުވަމުން ގެންދާ މެސެޖްތަކާ ބެހޭ އެއްވެސް މައްސަލައެއް މިހާތަނަށް ބަލައި ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކުރަމެވެ." އޭމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. 
އެ ޕާޓީން ބުނީ ރާއްޖޭގައި މި އޮތް ނާމާން ބިރުވެރި މާހައުލު އަމާން ތަނަކަށް ހެދުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް އެ ޕާޓީން ކުރާނެ ކަމަށެވެ.
"ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އިންތިހާއަށް ފުޅާވެގެން ގޮސްފައިވާއިރު، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން މި ސަރުކާރުން ދޫކޮށްލަމުން ގެންދާ ގެންދިއުމާއި އެފަދަ މީހުންގެ މައްޗަށް އުފުލޭ ދަޢުވާތައް އަނބުރާ ގެންދާކަމީ ވެސް މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި ފިލިތެޔޮ ރިސޯޓަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ލޯންޗެއްގައި އަރައި، މީހުން ޙިޞާރުކުރުމަށްފަހު އެ ރިސޯޓުގެ ތިޖޫރީ ވަގަށް ނެގި މައްސަލާގައި ވެސް މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރުކޮށްގެން ތަޙްޤީޤެއް ހިންގަމުން ގޮސްފައި ނުވެއެވެ. ހަމައެފަދައިން، ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރުމުގެ ސަބަބުން ކޯނީ ރިޕޯރޓުގައި ފާހަގަކޮށް، އަދި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ އެއްވެސް ފުލުހަކާމެދު މިއަދާ ހަމައަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ." ސަރުކާރަށް ފާޑުކިޔައި އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
    
    އެއްއަހަރު ފުރޭއިރު ރައްޔިތުން ތިބީ ނާމާންކަމާއި ބިރުވެރި ކަމުގައި: އެމްޑީޕީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            