ހާއްސަ މެޗުގެ ރެފްރީއަކަށް މެމްބަރު ރިޔާޒް ރަޝީދު ހަމަޖައްސައިފި

ފުޓްބޯޅައިން ރާއްޖެ މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަށް އަށް އަހަރު ފުރުމާ ގުޅިގެން މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ހާއްސަ މެޗުގެ ރެފްރީއަކަށް ކުރީގެ ފީފާ ރެފްރީ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހަމަޖައްސައިފި އެވެ.
މިމެޗުގައި ބައްދަލުކުރާ ދެ ޓީމަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ޓީމާއި މިހާރުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ޓީމެވެ.
އެފްއޭއެމްއިން ބުނީ، މިރޭގެ ހާއްސަ މެޗުގައި ރިޔާޒްއާއެކު އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރެފްރީކަން ކުރި މަޝްހޫރު ރެފްރީ މުހައްމަދު ސައީދާއި ފީފާގެ އެސިސްޓެންޓް ރެފްރީ އަހުމަދު އަމީޒެވެ.
ސައީދު ވަނީ ދެކުނު ކޮރެޔާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އިންގްލޭންޑް ދުނިޔޭގެ ކުރީގެ މޮޅު ކުޅުންތެރިޔާ ރޮނާލްޑީނިއޯ ގޯލު ޖަހައިގެން ބްރެޒިލް ސެމީ ފައިނަލަށް ދިޔަ މެޗުގައި ރޮނގު ބަލަހައްޓަައިފައެވެ. އަދި އަމީޒަކީ ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ ކުޅަދާނަ ރެފްރީއެވެ.
މީގެއިތުރުން އެފްއޭއެމްއިން ބުނީ، މި މެޗުގައި ހަތަރު ވަނަ އޮފިޝަލަކީ ފީފާގެ ކުރީގެ ރެފްރީ މުހައްމަދު އަނިލް އެވެ. ފަސް ވަނަ އޮފިޝަލަކީ ކުރީގެ ފީފާ ރެފްރީ އަހުމަދު އަބީރު އިސްމާއީލެވެ. މެޗު ކޮމިޝަނަރަކީ މުހައްމަދު ހާޝިމް ކަމަށް ވެސް އެފްއޭއެމްއިން ބުންޏެވެ.
މިރޭ ނުވައެއް ޖަހާއިރު ކުޅޭ ހާއްސަ މެޗްގައި ތަފާތު ގިނަކަންތައްތަކެއް ފެންނާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.
މި މެޗުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ކޯޗުކޮށްދިނުމަށް ހަމަޖެހިފަިއ ވަނީ އެފަހަރުގެ މުބާރާތުގައި ރާއްޖެ ޓީމަށް ކޯޗްކަން ކޮށްދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒްއެވެ. ޔަންކޭގެ ކޯޗް ކަމުގައި 2008 ވަނަ އަހަރު ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ޗެމްޕިއަންކަން ހޯދާފައިވާއިރު ޔަންކޭގެ ކޯޗް ކަމުގައި 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ވަނީ ރިހިމެޑަލް ހޯދާފަ އެވެ.
މިރޭ ކުޅޭ ހާއްސަ ފުޓްބޯޅަ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ސްޕޭންގެ ގައުމީ ޓީމަށާއި ބާސެލޯނާއަށް ކުރިން ކުޅެފައިވާ ޒަވީ ހެނާންޑޭޒް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. ޒަވީ މިމެޗުގައި ކުޅުމަށް ހަމަޖެހިފައެއް ނުވެ އެވެ. ނަމަވެސް މި މެޗުގައި ކުޅުމަށް އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ފަބިއަން އަޔާލާ މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.
އާއިލާއާ އެކު ރާއްޖެ އައި އަޔާލާ ކުޅުމަށް ހަމަޖެހިފައިވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރަންމެޑަލް ހޯދި ގައުމީ ޓީމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ