މަގު ހެދުން ލަސްވަނީ މޫސުން ތަން ނުދޭތީ: މިނިސްޓްރީ

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ހަދަމުންދާ މަޖީދީމަގުގެ ފުރަތަމަ ބައިގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާނުމަށް މަސައްކަތް ކުރިނަމަވެސް އެމުއްދަތަށް މަސައްކަތް ނުނިމި ލަސްވީ ނަރުދަމާ ނިޒާމު ހެދުމަށް މަގުތަކުގައި ހޮޅި ވަޅުލާފައި ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ މަސައްކަތް ފެށުމުގެ ކުރިން މަސައްކަތް ނިންމާނެ މުއްދަތެއް ދިން ނަމަވެސް ނިމޭނެ ދުވަހެއް އަންދާޒާ ކުރަން އިނގެނީ މަސައްކަތް ފެށުމުން ކަމަށެވެ.
ހަސަން ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދަނީ އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ގާއިމު ކުރާ ފަޔާ ޑީހައިޑްރަންޓް ހޮޅި އާއި އެމްޑަބްލިއުއެސްސީން ގާއިމު ކުރާ ފެން ހޮޅީގެ މަސައްކަތްތަކާ ވެސް އެކުގައި ކަމަށެވެ. މަގުހެދުމާއެކު މިމަސައްކަތްތައް ވެސް ކުރިއަށް ގެންދާތީ ހޮޅިތައް އެޅުމަށް ހަފުތާއެއް އަދި އޭގެ ފަހުން ދުވާރު ހެދުމަށާއި މަގުގައި ގާ އެތުރުމަށް ދެ ހަފުތާއަށް ބަހާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މަސައްކަތް ނިންމަން ބުނި ދުވަހަށް ނިންމާނުލެވުނީ މާލޭގައި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ހޮޅި ވަޅުލާފައި ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މި މަސައްކަތުގައި ވަޅުލަން ޖެހޭ ހޮޅިތަކަކީ ވަރަށް ފުންކޮށް ވަޅުލަން ޖެހޭ ހޮޅިތަކެއް ކަމަށްވާތީ އެކަމަށްވެސް ވަގުތުތަކެއް ހޭދަވާ ކަމަށްވެސް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ހޮޅި އެޅުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިތުރު ހުއްދަތަކެއް ނެގުމަށް އެކަމަށްވެސް ދުވަސްތަކެއް ހޭދަވި ކަމަށެވެ. އަދި ހޮޅި އެޅުމުގެ ތެރޭގައި ނަރުދަމާ ހޮޅިއެއް ފަޅައިގެން ގޮސް ނަޖިސްތައް ލީކުވުމުގެ މައްސަލައެއް ދިމާވި ކަމަށާއި މަސައްކަތް ލަސްވާން ދިމާވި ސަބަބުތަކުގެ ތެރޭގައި މިކަންކަންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ބައިބަޔަށް ބަހައިލައިގެން ކަމަށްވާއިރު، ފުރަތަމަ ބައިގެ މަސައްކަތަށް ބަލައިފައި ދެން ކުރަން ހުރި މަސައްކަތްތައް މިއަށް ވުރެ ރޭވުންތެރި ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިމަޝްރޫއުގެ ތެރެއިން އެމްއެންޑީއެފްއާއި އެމްޑަބްލިއުއެސްސީގެ ބޭނުމަށް އަޅައި ހޮޅިތަކުގެ މަސައްކަތް އަވަސް ކުރުމަށް އެފަރާތްތަކާއި ވާހަކަދައްކާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާލޭގެ މަގުތަށް ހަދަން ނިންމާފައިވާ ގޮތުގެ ތާވަލް ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު އިއުލާންކުރި އިރު އެމިނިސްޓްރީން ބުނީ މަގު ހެދުމަށް ބަންދު ކުރާ ސަރަހައްދެއް ބަންދުކޮށްފައި ބާއްވާނީ ގިނަވެގެން 14 ދުވަސް ވަންދެން ކަމަށެވެ.
މާލޭގެ މަގުތައް އަލުން ހެދުމުގެ އަމަލީ މަަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ކަމަށްވާއިރު މިމަޝްރޫއުގެ ދަށުން ފުރަތަމަ ބަންދުކޮށްފައިވަނީ މަޖީދީ މަގުގެ ހުޅަނގު ކޮޅު، ރަސްފަންނު ބީޗުން ފެށިގެން އިއްޒުއްދީން މަގާ ހަމައަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ 14 ދުވަސް މިމަހުގެ 14 ވަނަ ދުވަހަށް ހަމަވެފައިވާއިރު އެމަސައްކަތް ކުރިއަށްދާ ގޮތުން މިވަގުތު ބަންދުކޮށްފައިވާ ސަރަހައްދުގެ މަސައްކަތް މިމަހުގެ ނިޔަލަށް ވެސް ނިންމާލެވޭނެ ކަމާމެދު ސުވާލު އުފެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ