އީރާނުގައި މަރުގެ އަދަބު އިތުރު ވާތީ ޝަހީދު ކަންބޮޑުވުން ފާޅުކޮށްފި

އީރާނުގައި ތަންފީޒު ކުރާ މަރުގެ އަދަބުތައް އިތުރުވަމުން ދާތީ އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނަވާ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ
އދ.ގެ ރެޕަޓުއާ ވިދާޅުވީ ރޭޕް ކުރަން އުޅުނު މީހަކު މަރާލި ކަމުގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ ރައިހާނާ ޖައްބާރީގެ މައްޗަށް މަރުގެ ހުކުމް ދާދި ފަހުން ތަންފީޒް ކުރުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. ޖައްބާރީގެ ޝަރީއަތުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދާ އެތައް ފަހަރަކު އެ މައްސަލަ ނަންގަވާފައިވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި އީރާނުގައިި މިފަހަކަށް އައިސް މަރުގެ ހުކުމް ތަންފީޒު ކުރާލެއް ގިނަ ކަމަށާއި ބޭރުގެ ޖަމާއަތަކަށް އެހީއެއް ދިން މީހެއްގެ މައްޗަށް ވެސް މަރުގެ އަދަބު ތަންފީޒު ކުރި ތަން ފެނިގެން ހިނގައްޖެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވާފައިވާ ޝަހީދު ވިދާޅުވީ ވޭތުވެދިޔަ 15 މަސް ދުވަހުގެ ތެރޭ އީރާނުގައި 850 މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށެވެ. އަދި އެގައުމަކީ އާބާދީން ބޮލަކަށް ޖެހޭ ނިސްބަތަށް ބަލާއިރު އެންމެ ގިނައިން މަރުގެ އަދަބު ދޭ ގައުމުގެ ގޮތުގައި ޝަހީދު ސިފަ ކުރައްވައެވެ.
ޑރ. ޝަހީދު ވިދާޅުވީ މެދުމިނުގެ ސިޔާސަތަކަށް ތާއިދު ކުރައްވާ ހަސަން ރޫހާނީ އީރާނުގެ ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއްވީ އިރު ވެސް، އިންތިހާބުގެ ވައުދާ އެއްގޮތަށް އިންސާނީ ހައްގުތައް ރައްކާތެރިކޮށްދެވިފައި ނުވާ ކަމަށެވެ. ޑރ. ޝަހީދު ވިދާޅުވީ ރޫހާނީގެ އިންސާނީ ހައްގުތަކުގެ އެޖެންޑާ ތަންފީޒް ކުރަން ސިޔާސީ ގޮތުން އޭނާ އަށް ވާގިވެރިކަން ލިބިފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް އީރާނުގައި ވަނީ 852 މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައެވެ. އަދި އެގައުމުން އިންސާނީ ހައްގުތަކާ ޚިލާފުވަމުންދާތީ އެކަން ކުށްވެރިކޮށް ކެނެޑާ އާއި އެހެން ބައެއް ގައުމުތަކުން ހުށަހެޅި ގަރާރަށް ޖެނެރަލް އެސެމްބްލީގައި އަންނަ މަހު ވޯޓަށް އަހާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ