ރީތި ގޮތަކީ މަސީހު މަގާމުން އިސްތިއުުފާ ދެއްވުން - މެމްބަރު ލަތީފް

މަޖިލީސް މެންބަރުންގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ މިދަނޑިވަޅުގައި ރީތި ގޮތަކީ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު އަމިއްލައަށް އިސްތިއުފާ ދެއްވުން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު ލަތީފް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުއަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި ލަތީފް ވަނީ މަޖިލީހުގެ ރައީސް ކަމުގައި މަސީހު ބެެހެއްޓުމަށް ތިން ފަހަރެއްގެ މަތިން ވޯޓުދީފައިވާނެ ކަމާއި އަދި މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން މަސީހު ބޭރުކޮށްލާއި ދުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް މަޖިލީހުގެ ތެރެއިން ބޭރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގެ ހައިބަތާއި ގަދަރު ގެއްލުނަ ނުދިނުމަށް މަޖިލީހުގައި ގުރުބާނީތަކެއް ވެފައިވާނެ ކަމަށް ވިދާޅުވެފައެވެ.
"މަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ތިޔަ ގެންދަވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނުނު އަސާސީއާއި ގާނޫނުތަކާއި ހެދިފައިވާ ގަވައިދުތަކާއިވެސް ފުށުއަރާގޮތަށް ނޫންތޯއެވެ. އެހެންކަމަށްވުމާ އެކު ތިޔަ މަޤާމުގައި ހުންނަވއިގެން ތިޔަގޮތަށް ކަންކަން ކުރެއްވުމަށްވުރެ މަޖިލީހުގެ ރިޔާސަތު ދޫކޮށްލައްވައި، މަނިކުފާނު އިންތިހާބުވި ދާއިރާ ތަމްސީލު ކުރެއްވުން ބުއްދިވެރިވާނެ ކަމަށް ގަބޫލުކުރެވޭތީ އެވާހަކަ ދެންނެވީމެވެ" ލަތީފް ވިދާޅުވިއެވެ.
މަސީހު ރިޔާސަތުގައި އިންނަވައިގެން ފާސްކުރި ބައެއް ބިލްތަަކަށް މެމްބަރު ލަތީފް ފާޑުވިދާޅުވިއިރު އޭނާ ވަނީ ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން މެންބަރުންގެ މެދުގައި އުފެދުނު ނުތަނަވަސްވުންތަކާއި ގުޅިގެން ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމަށް މަސީހު ވަޑައިނުގަތުމުން އޭނާގެ އިހުލާސްތެރިކަމާ މެދުވެސް ސުވާލު އުފައްދަވާފައެވެ.
އަދި މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އިދިކޮޅު މެންބަރުންނަށް އެއްވެސް ގަދަރެއް އިހްތިރާމެއް ނެތި ހިތު ހުރިހާ ގޮތަކަށް މަސީހު ކަންކަން ކުރައްވަމުންދާ ގެންވާ ކަމަށްވެސް މެމްބަރު ލަތީފް ވިދާޅުވިއެވެ.
މި ސިޓީ ނިންމަވާލައްވަމުން މެމްބަރު ލަތީފް ވަނީ މިދަނޑިވަޅުގައި އެންމެ ރީތި ގޮތަކީ މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު އަމިއްލައަށް އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ