ތިން އަހަރުގެ ޑެކްސްޓާ ކާހިލްގެ ފައި ވަނީ ބިނދިފަ އެވެ. ނަމަވެސް ތަދުވާތީ ނުރޮ އެވެ. މީގެ ކުރިން ވެސް އޭނާއަށް ވަނީ އެކި ކަހަލަ އަނިޔާ ލިބިފަ އެވެ. އެކަމަކު ތަދެއް އިހްސާސެއް ނުވެ އެވެ. މިއީ އުފަންވި އިރު ވެސް ހުރި ޖެނެޓިކް މައްސަލައެއްގެ ސަބަބުން ތަދު އިހްސާސް ނުވާތީ ދިމާވާ ގޮތެވެ.
މިހާރު ހަތަރު އަހަރު ފުރުމާ ގާތް ވެފައިވާ ޑެކްސްޓާ މިހާ ކުޑައިރުވެސް ވަނީ ވަރަށް ގިނަ ތަންތަން ބިނދިފަ އެވެ. މީގެ ތެރޭގައި އަތާއި ބޮޑުވާ އިނގިއްޔެއް ހިމެނެ އެވެ. މީގެ ތިން ހަފުތާ ކުރިން އޭނާގެ ފައިގެ ކުޑަ އިނގިއްޔާ ދިމާލުން ކަށިގަނޑު ވަނީ ބިނދިފަ އެވެ. އަދި މިއަހަރުގެ ކުރީކޮޅު ނަށަނިކޮށް ވެއްޓި ފައިގެ ކަށިގަނޑެއް ވެސް ބިނދުނެވެ.
ޑެކްސްޓާގެ ބައްޔަކީ ހެރެޑެޓްރީ ސެންސަރީ އޮޓޮނޮމިކް ނިއުރޮޕަތީ (އެޗްއެސްއޭއެން4) ނަމަކަށް ކިޔާ ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ ޖެނެޓިކް މައްސަލަ އެކެވެ.
އޭނާގެ ތަނަކަށް އަނިޔާވުމުން މައިންބަފައިން ކަންބޮޑުވެ ހާސްވެގެން އުޅޭއިރު ޑެކްސްޓާ އިންނަނީ އެމީހުންނާ ދިމާލަށް ހައިރާން ވެގެން ބަލާށެވެ.
އެޗްއެސްއޭއެން4 މައްސަލަ ހުންނަ މީހުންގެ ސެންސަރީ ނާވްތައް ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ. މިއީ ޓެމްޕްރޭޗަރާއި ތަދު ހަށިގަނޑަށް އިހްސާސް ކުރުވާ މުހިއްމު ބައެވެ. އާއިލީ ގޮތުން މިފަދަ ކަމެއް ވާރުތަ ވުމުގެ ފުރުސަތު އޮންނަނީ 125 މިލިއަން ކުދިންގެ ތެރެއިން 11 ކުއްޖަކަށެވެ. މިފަދަ ކުދިންގެ މަންމަ އާއި ބައްޕަގެ ހަށިގަނޑުގައި މި ޖީން ހުންނާނެ އެވެ.
ޑެކްސްޓާއަށް ހޫނު އެއްޗިއްސާއި ފިނި އެއްޗެހި ވަކިކުރާކަށް ވެސް ނޭނގެ އެވެ.
ޑެކްސްޓާގެ މައިންބަފައިން ކަމަށްވާ ލިންޑްސޭ އާއި ޓޮމް އަށް އެމީހުންގެ ދަރިފުޅުގެ މި މައްސަލަ ހުރިކަން އެނގުނީ 18 މަސް ދުވަސް ވަންދެން ތަފާތު ޓެސްޓުތައް ކުރުމަށް ފަހުގަ އެވެ.
ޑެކްސްޓާއަށް އެއްވެސް ވަރަކަށް ތަދު އިހްސާސް ނުކުރެވުމަކީ ވަރަށް ކޫލް ކަމެކޭ މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް އޭނާގެ މަންމަ ބުނި ގޮތުގައި އެއީ އޭނާގެ ދަރިފުޅު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ސަބަބެކެވެ.
"މީހުންނަށް ހީވަނީ ޑެކްސްޓާ އަކީ ސުޕަހީރޯ އެކޭ. ނަމަވެސް އޭނާއަކީ ވަރަށް ބަލިކަށި ނާޒުކު ކުއްޖެއް. އެއް ދުވަހުން އޭނާގެ އެޕެންޑިކްސް ދުޅަވެގެން ފަޅައިގެން ދިޔައަސް އޭނާއަށް ތަދު އިހްސާސް ނުވާތީ އަހަރެމެންނަށް ނޭނގިދާނެ،" ޑެކްސްޓާގެ މަންމަ ބުންޏެވެ.
އިންގްލެންޑްގެ ބްރިސްޓޯލްގައި ދިރިއުޅޭ މި އާއިލާއިން މިހާރު ނިންމާފައި ވަނީ ޑެކްސްޓާގައިވާ ތަންކޮޅެއް ޒަމާނީ ގެއަކަށް ދިރިއުޅުން ބަދަލުކުރާށެވެ. އެތަނުގައި ޑެކްސްޓާއަށް މާ ބޮޑަށް ރައްކާތެރިކަން ލިބޭނެކަމުގެ އުންމީދުގަ އެވެ.
މި ކުޑަކުއްޖާ އަދި ވަރަށް ބައިވަރު ކަންތައްތައް ދަސްކުރަން ޖެހެ އެވެ. އޭގެ ތެރޭގައި އަމިއްލަ ހަށިގަނޑަށް ގެއްލުން ނުދިނުން ހިމެނެ އެވެ.
ތަދު އިހުސާސް ނުވާ ކުއްޖެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ