ހަ ދާއިރާއެއްގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ހިލާފަށް ކަމަށާއި ސަލާމަތީ ބާރުތަކުން އެ ބައި އިލެކްޝަން ހުއްޓުވަންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ބައި އިލެކްޝަން އިއުލާނު ކޮށްފައިވަނީ ސްޕްރީމް ކޯޓުގެ ނިންމުމާއި ހިލާފަށް އަދި އެ ހުކުމަށް އިހްތިރާމް ކުރުމެއް ނެތި ކަމަށާއި ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަމުގައެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ސްޕްރީމް ކޯޓުގެ ނިންމަށް އަމަލު ނުކޮށް އަމަލު ކުރަމުން ގެންދަނީ އެ ނިންމުމާއި އިދިކޮޅަށް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޯޓުތަކުގެ ހުކުމަށް އިހްތިތާމްނުކޮށް އެ ތަންފީޒުނުކޮށް ގޮންޖަހާ މީހުންނަށް ނަސޭހަތް ދީގެން ހައްލުނުވާނަމަ ހިފާ ހައްޔަރުކޮށްގެން ވެސް އެކަން ހައްލު ކުރަން ޖެހޭ ކަމަށާއި އަދި ސަލާމަތީ ބާރުތަކުން އެކަން އެގޮތަށް ކުރަން ޖެހޭކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ދިއްދޫ ރާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުމަކީ ބާތިލް ނިމްމުމެއްކަމަށާއި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުމަށް ސްޕްރީމް ކޯޓަށް ހަތަރު މެމްބަރުން ވަކިވަކިން ހުށައެޅި މައްސަލައިގައި ނެރެފައިވާ ހުކުމުގައި ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސްޕްރީމް ކޯޓުން މިރޭ ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް މިމައްސަލާގައި މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމެއް ނުވަތަ ނޫންކަމެއްވެސް ސާފު ބަހުން ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގައި ކަނޑައަޅާފައެއް ނުވެއެވެ.
މިމައްސަލާގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ކޯޓްގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަމުގައެވެ.
އަދި އެ ހުކުމުގައި އެ އަހުކާމްތައް އިތުރަށް ކަށަވަރުކޮށްދީފައިވާނެކަމާއި ވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީބުވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް ސްޕްރީމް ކޯޓުން މިރޭ ނެގުނު ހުކުމުގައި ބުނެފައިވެއެވެ.
އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއްކަމަށާއި އެހެންކަމުން އެ މައުޟޫއާ ގުޅޭ ގޮތުން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށްވެސް ސްޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވެއެވެ.
ސަލާމަތީ ބާރުތަކުން އިލެކްޝަން ހުއްޓުވަން ޖެހޭ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ