ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް ކ. މާފުށި، މުޝްތަރީގެ އަޙުމަދު ނަސީރު އައްޔަން ކުރައްވައިފިއެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް އަޙުމަދު ނަސީރު އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް އަހުމަދު ނަސީރު ޢައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ނަސީރު އެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމުގައި ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތްކުރެވި ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ އަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.
ގަވަރުނަރުގެ މަޤާމަށް އަޙްމަދު ނަޞީރު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ މަޤާމްގައި ކުރިން ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެން އެމްއެމްއޭ ގެ ގަވަރުނަރަކަށް ހަމަޖައްސަވަން ނިންމެވި ނީޒާ އިމާދުގެ ނަން ރައީސް އަބްދުﷲ ޔާމީން އަނބުރާ ގެންނަވުމަށްފަހުގައެވެ.
ނީޒާގެ ބަދަލުގައި އެމްއެމްއޭގެ ގަވަރުނަރަކަށް ނަސީރު އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވުމާއެކު، ނީޒާ މިހާރު ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ،
އެމްއެމްއޭގައި 31 އަހަރު ވަންދެން މަސައްކަތް ކުރެއްވި ނީޒާ މިއަދު ވިދާޅުވީ ގަވަރުނަރު ކަމަށް އޭނާ އައްޔަން ކުރެއްވުމަށް ނިންމެވުމަށް ފަހު، ނަން އަނބުރާ ގެންނެވުމުން ދޭހަވަނީ އޭނާ މެދު ސަރުކާރުގެ އިތުބާރު ނެތުން ކަމަށެވެ.
"އެހެންވީމާ އެމްއެމްއޭގެ މިހާ އިސް މަގާމެއްގައި މިހާރު ހުރުމަކީ އެހާ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ އަޅުގަނޑު އިސްތިއުފާ ދިނީ," ނީޒާ ވިދާޅުވެއެވެ.
ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަނުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ