ދަނގެތީގައި މަސްތުވާތަކެތި ކޮންޓްރޯލުކުރަން ނުކުތީ ރައްޔިތުން
(އދ. ދަނގެތި): "މީގެ ކުރިން މިރަށަކީ މަސްތުވާތަކެތީގައި ހައްދު ފަހަނައަޅާފައި އޮތް ރަށެއް؛ މީގެ އަހަރުތަކެއް ކުރިން ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ ގިނަ ކަންތައްތަކެއް ކުރި. އޭގެ ސަބަބުން އެދުވަސްކޮޅު ބައިވަރު ބަދަލުތަކެއް އައި،" އދ. ދަނގެތީގެ ރަށު ކައުންސިލަށް މިއަހަރު އަލަށް އިންތިޚާބުވި މެމްބަރު މުހައްމަދު ރަމްޒީ ކިޔައިދެއްވިއެވެ. ގާތްގަނޑަކަށް ހާހެއްހާ ރައްޔިތުން ދިރިއުޅޭ އދ. ދަނގެއްޗަކީ ބޮޑުމިނުގައި ކިލޯމީޓަރެއްވެސް ހަމަނުވާ ކުޑަ ރަށެކެވެ. އެހެން ނަމަވެސް މިރަށުގައި މަސްތުވާތަކެތީގެ ވަބާ ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ކުޑަ އާބާދީއެއް އޮތް، ކުޑަ ރަށަކާ އަޅައިބަލާއިރު މިއީ ބޮޑުވަރެކެވެ. އދ. ދަނގެތީ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ހަނދު މޮނިއުމެންޓް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ ދަނގެތީގެ އަމަން ބެލެހެއްޓުމުގެ މަސައްކަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ރަށުގެ ހަރު މީހުންވެސް ބުނާ ގޮތުގައި، ރިސޯޓުތަކެއްގެ މެދުގައި އޮތް ކުޑަކުޑަ ރަށް ވަނީ، އެތަންތަނަށް މަސްތުވާތަކެތި ސަޕްލައިކުރާ ނާރެހަށް ވެފައެވެ. ނަމަވެސް ކައުންސިލް މެމްބަރު ކިޔައިދެއްވި ފަދައިން، މީގެ އަހަރުތަކެއް ކުރިން ދަނގެއްޗަށް ހިތްފަސޭހަ ދުވަސްތަކެއް އައެވެ. މަސްތުވާތަކެތި ކޮންޓްރޯލުކުރީ ރައްޔިތުން ނުކުމެއެވެ. ދަނގެތީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފާއިގާ އުމަރު "ސަން"އަށް ކިޔައިދެއްވި ވާހަކަތަކުން ދޭހަވީ، މީގެ އަށެއްކަ އަހަރު ކުރިން ދަނގެތީގައި ފުލުސް އޮފީހެއް ނެތް އިރު ފުލުހުންގެ ދައުރު އަދާކުރީ އެރަށުގެ ރައްޔިތުން ކަމެވެ. "ދޯންޏަކުން މިކޮޅަށް އަންނަ މީހެއްގެ އަމަލުތައް ހުންނަ ގޮތަކުން ޝައްކުވެގެން އުޅޭނަމަ، އެމީހަކު ރަށަށް އައުމުން ރަށު އޮފީހަށް ގެނެސް، އެމީހުންގެ ދަބަހާއި ހަށިގަނޑު ޗެކު ކުރަން. އެބަހުރި [މަސްތުވާތަކެތި] ފެނިފައިވެސް،" އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ވެސް އުޅުނު ފާއިގާ ވިދާޅުވިއެވެ. އދ. ދަނގެތީ ބަނދަރު ސަރަހައްދު -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ ކައުންސިލް މެމްބަރު ރަމްޒީ ވިދާޅުވީ މާލެއިން ދަނގެއްޗަށް ފުރާ އުޅަނދުތަކުގައި ޝައްކުވާ މީހަކާއި އެއްޗެއް އޮތް ނަމަ، އެ ޚަބަރު ރަށަށް ވަގުތުން ލިބޭ ކަމަށެވެ. އުޅަނދު އަންނަ އިރު އިސްތިގުބާލުގައި، ރަށުގެ ޖެޓީގައި ތިބެނީ މަސްތުވާތަކެތި ހޯދުމުގެ މަސައްކަތުގައި އުޅޭ، ދަނގެތީގެ އާންމު ރައްޔިތުންނެވެ. އެދުވަހާއި މިއަދު ވަރަށް ތަފާތުވެ، މުޅިން ބަދަލުވެއްޖެއެވެ. ބައެއް ގަނޫނުތަކަށް ގެނެވުނު ބަދަލުތަކަކާ އެކު، ގަވައިދުތަކަކާއި އުސޫލުތަކެއް ހަމަޖެހި، ބަލައި ފާސްކުރުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ބަންދުވިއެވެ. ފާއިގާއާއި ރަމްޒީވެސް ވިދާޅުވި ގޮތުން، އެކަމުގެ ސަބަބުން ރައްޔިތުންގެ ބާރު ކެނޑުނެވެ. އަދި އެ މަސްތުވާތަކެތި ރަށަށް އެތެރެކޮށް، އެ ގެންގުޅެ އަދި ބޭނުންކުރާ މީހުން ހިފަހައްޓައި ހެދުމުގެ ބާރު ދިޔައީ ފުލުހުންނަށެވެ. "އަޅުގަނޑުމެންނަށް ސީދާ ނޯވޭ މިހާރު ބޭނުންވާ ކަމެއް ކުރެވޭކަށް. އުސޫލުތަކާއި ގަވައިދުތަކެއް މިވަނީ ހެދިފައި. އެކަންކަންވެސް މިހާރު ހަގީގަތުގައި ތަންފީޒު ނުކުރެވޭ،" ފާއިގާ ކިޔައިދެއްވިއެވެ. ދަނގެތި ފުލުސް އޮފީހުގައި މަސައްކަތް ކުރާ ފުލުހަކުވެސް ބުނި ގޮތުގައި، ރައްޔިތުންނަށް ނުކުމެ މިފަދަ ކަމެއް މިހާރު ނުކުރެވެނީ ގާނޫނީ ހުރަސްތަކާ އެކުގައެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތައް ވަނީ ގާނޫނުތަކުން ރައްކާތެރި ކުރެވިފައިވެއެވެ. މީގެ އިތުރުން ކުށަކަށް ތުހުމަތު ކުރެވޭ މީހެއް "ފަޅައި އަރުވާލުމަށް" ފާޅުގައި އާންމު ރައްޔިތަކު މަސައްކަތް ކޮށްފިނަމަ، އެމީހަކަށާއި އެމީހެއްގެ އާއިލާއަށް ބިރުތަކަކާ ކުރިމަތިލާންޖެހޭ ހާލަތުވެސް އާދެއެވެ. އދ. ދަނގެތީ ޕޮލިސް ސްޓޭޝަން-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ އެއާ އެކު މިއަދު ދަނގެތީގައި އަނެއްކާވެސް ވަނީ މަސްތުވާތަކެތި އާންމުވެފައެވެ. "މިރަށުގައި މަސްތުވާތަކެތީގެ ކަންބޮޑުވުން ވަރަށް ބޮޑު. އެކަމުގައި ނުޖެހޭ ކުއްޖަކު ނެތް އާއިލާއެއް މަދުވާނެ. އެކަންކަމުގައި އުޅޭ އާއިލާތަކުގެ ހިތްދަތިކަން އަޅުގަނޑުމެންގެ ލޮލަށްވެސް ފެނޭ،" ދަނގެތީގެ ރައްޔިތަކު ބުންޏެވެ. ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އެރަށުގައި އެކަންކަން ހުއްޓުވުމަށް ފުލުހުން މިހާރު ކުރާ މަސައްކަތަށް ވުރެ، މީގެ އަހަރުތަކެއް ކުރިން ރައްޔިތުން ނުކުމެ ކުރި މަސައްކަތުގެ ނަތީޖާ މާ ރަނގަޅެވެ. ރަށުގެ ޒުވާނުންނާ ފުލުހުންނާ ގާތް ގުޅުމެއް އުފެދިފައި އޮތުމުގެ ސަބަބުން، އެ ޒުވާނުންގެ ފަރާތުން ނުބައި އަމަލެއް ފެނުނަސް މާ ބޮޑު އަޅާލުމެއް ނެތްހެން ރައްޔިތުންނަށް ހީވެއެވެ. އެއާ އިދިކޮޅަށް، ދަނގެތީގައި މަސައްކަތް ކުރާ ފުލުހަކު ބުނި ގޮތުގައި، ދަނގެތީގައި މަސްތުވާތަކެތި އެހާ އާންމުވެފައި އޮތް އިރު، އެކަން ހުއްޓުވުމަށް ރައްޔިތުންގެ އެއްބާރުލުމެއް މާ ބޮޑަކަށް ނުލިބެއެވެ. "މަސްތުގެ ހާލަތުގައި މީހަކު ހުއްޓާ ފެނިއްޖެނަމަ މަޖާ ކަމަކަށް ވަނީ. އެހެންވެ އެފަދަ ކަންކަން ރިޕޯޓުކުރުން މިރަށުގައި ވަރަށް މަދުވެއްޖެ،" ދަނގެތީގެ ފުލުހަކު ބުންޏެވެ. އދ. ދަނގެތީ ބަނދަރު -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ ދަނގެތި ފުލުސް އޮފީހުގައި ތިބެނީ ފަސް ފުލުހުންނެވެ. މިއީ ކުޑަ އާބާދީއެއް އޮތް ކުޑަ ރަށެއްގެ އަމަން ބެލެހެއްޓުމަށް މަދު އަދަދެއް ނޫނެވެ. ފުލުހުންނާ އެކު ގިނަ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފި ނަމަ، ކުޑަ މުޖުތަމަޢެއްގައި ކަންކަން ހާސިލުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. "މި ދަނގެތި މިއަށް ވުރެ ރަނގަޅު ކުރެވޭނެ، މި މައްސަލަ ހައްލުކުރަން ފުލުހުންވެސް ގަވައިދާ އެއްގޮތަށް ބަލައިގެން، ހައްލު ކުރަން މަސައްކަތް ކޮށްފިނަމަ،" ދަނގެތިން ވާހަކަދެއްކި ރައްޔިތަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ