މިއަހަރަށް ސިވިލް ކޯޓަށް ދީފައިވާ ބަޖެޓު ކުޑަވުމުގެ ސަބަބުން ކޯޓުގެ އިދާރީ އެންމެހާ ކަންތައްތައް ރަސްމީ ގަޑީގައި ކުރުމައްޓަކާ ކޯޓުން ހިދުމަތްދޭ ބައެއް ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ސިވިލް ކޯޓުން މައުލޫމާތުދޭ ގޮތުގައި އެކޯޓުން މައްސަލަތައް ބަލައިގަތުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރު 12:00 އަށް ކަމުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންވަނީ ހަމަޖައްސާފައެވެ.
ދައުލަތުގެ އެހެން އިދާރާތަކެކޭ އެއްފަދައިން ބަޖެޓު ދަތިވުމުގެ ސަބަބުން ސިވިލް ކޯޓަށް ވެސްވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޯޓުން އެދިފައިވަނީ 36.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. ނަމަވެސް ދީފައިވަނީ 16.9 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ކޯޓުން މައުލޫމާތުދޭ ގޮތުގައި ކޯޓަށް މިހާރު ދޫކޮށްފައިވާ ބަޖެޓުން މުވައްޒަފުންގެ އަސާސީ މުސާރަތައް ދެވޭނީ ވެސް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. އޯވާ ޓައިމް އެލެވަންސް މާޗް މަހުގެ ނިޔަލަށް ދެވޭ އިރު އިމާރާތުގެ ކަރަންޓާއި ފޯނު އަދި އިންޓަނެޓް ބިލު ދެއްކޭނީ މޭމަހުގެ ނިޔަލަށް ކަމަށް އެކޯޓުން މައުލޫމާތުދެއެވެ. މަރާމާތު ކުރުމަށް ބަޖެޓެއް ހަމަޖައްސާފައި ނުވާ އިރު އެކި އެކި މައްސަލަތަކާއި ގުޅިގެން ކުރަން ޖެހޭ އިއުލާނުތައް ކުރެވޭނީ ވެސް އެޕްރީލު މަހާއި ހަމައަށް ކަމަށް ކޯޓުން މައުލޫމާތުދެއެވެ. ބައެއް ކަހަލަ މަދަނީ މައްސަލަތަކަކީ ކޮންމެހެން އިއުލާނު ކުރަން ޖެހޭ މައްސަލަތަކެކެވެ. އޭގެ ތެރޭގައި ހިބައިން ދިނުމާއި އައްޔަން ކުރުން ފަދަ މައްސަލަތައް ހިމެނެއެވެ.
ބަޖެޓު ދަތިވުމުގެ ސަބަބުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ އިރު ބަޖެޓު އިއތުރުކޮށް ނުދީފިނަމަ ޝަރުއީ ދާއިރާ މިއަހަރުގެ މެދަކާ ހަމައަށްދާ އިރު ހުއްޓޭނެ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ބުނެފައެވެ.
ބަޖެޓު ކުޑަވުމުން ސިވިލް ކޯޓުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ