އޮކްޓޫބަރު އަންނަ އިރު މުސާރަ ދެވޭނެ ގޮތެއް ނޯންނާނެ: ގާސިމް

ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މި އަހަރުގެ އޮކްޓޫބަރު އަންނަ އިރު ދައުލަތުގެ މުވައްޒަފުންނަށް މުސާރަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މިހާރުގެ ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ. ކ. ދިއްފުށީގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށާއި ރިއާސީ އިންތިހާބަށް އެ ޕާޓީން މިހާރު ފަށާފައިވާ ކެމްޕޭންގެ ދަށުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދައުލަތުން މިހާރު ވެސް މުސާރަދެނީ ލޯނު ނަގައިގެން ކަމަށާއި ލޯނު ނަގައިގެން ރިކަރަންޓް ހަރަދުކުރަންޖެހުމުން ރުފިޔާގެ އަގު ވެއްޓި އިންފްލޭޝަން މައްޗަށް ދާނެ ކަމަށެވެ. އޭރުން މިހާރު ލިބޭ ބޮޑު މުސާރަތައް ވެސް އެއްވެސް އެއްޗަކަށް ނުވާނެ ކަމަށާއި "ހަމަ ހަގީގަތުގައި ވެސް ރާއްޖެ ބަންޑަށްޖެހޭނެ" ކަމަށެވެ. "ނަތީޖާއަކަށް ވަނީ ޑޮލަރު 18ރ އަށް މާދަމާ ވެގެން ދިއުން. މިއަދު 17ރ އިން 18ރ އަށް ބަދަލުވެ މި އަހަރު ހުސްވުމުގެ ކުރިން ތިޔަ ބޭފުޅުންނަށް 19ރ. އަށް ނޫނީ ޑޮލަރެއް ގަންނާކަށް ނުލިބޭނެ،" މިހާރުގެ ސަރުކާރަށް ތާއީދުކުރައްވާ ގާސިމް ވިދާޅުވީ އެވެ. އަންނަ އަހަރު އޮންނަ ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފާޅުގައި މިހާރު ކެމްޕޭން ފައްޓަވާފައިވާ ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ހަރުމުދާތައް ވިއްކައި އެއްވެސް ބެލުމެއް ނެތި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ހިންގި މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ހަރުމުދާ ވިއްކާފައިވަނީ ވެސް ކެބިނެޓުން އެ ކަންތައްތަކަށް ގޮތެއް ނުނިންމަނީސް ކަމަށާއި މި ގޮތުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލަން އިއުލާންކުރީ ވެސް ކެބިނެޓުން އެ ކަމާ މެދު ވަކި ގޮތެއް ނުނިންމަނީސް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން 2008 ވަނަ އަހަރު ރިއާސީ އިންތިހާބު ކާމިޔާބުކުރުމާ އެކު ނަޝީދު ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ ދައުލަތުގެ ހަރުމުދާ ވިއްކުން ކަމަށާއި އެއާޕޯޓް ވިއްކާލުމުގެ މައްސަލަ ކެބިނެޓުގެ ތިން ވަނަ ބައްދަލުވުމަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ފުރަތަމަ ދުވަހު ވެސް އެ ކަމާ ދެކޮޅު ހެއްދެވި ކަމަށް ގާސިމް ވިދާޅުވި އެވެ. "ލިބިދާނެ ނިކަމެތިކަމާއި އެއްޗެއްސަކީ އަޅުގަނޑުމެންނަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުން ލިބިދާނެ ކަމެއްކަން އަޅުގަނޑު ތަކުރާރުކޮށް ދެންނެވީމާ އެ ދުވަހުގެ ކެބިނެޓްގެ ޖަލްސާ ނިންމާލީ. ހަގީގަތުގައި ކެބިނެޓުން އެ މައްސަލަ ނުނިންމާ އިއުލާންކުރީ،" ނަޝީދުގެ ވެރިކަމަށް މަހެއް ނުވަނީސް ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ގާސިމް ވިދާޅުވި އެވެ. މާލެ އާއި ކައިރި ރަށްރަށުން ގިނަ ބަޔަކު ދިއްފުށްޓަށް ގެންގޮސްގެން ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އެއާޕޯޓްގެ އިތުރުން ދިރާގާއި ފެން ކުންފުނީގައި އޮތް ދައުލަތުގެ ހިއްސާ ބޭރުގެ ކުންފުނިތަކަށް ވިއްކާލުމުން ދައުލަތަށް އަހަރަކު ލިބެންޖެހޭ އާމްދަނީގެ 1.8 ބިލިއަން ރުފިޔާ ގެއްލިގެން ހިންގައްޖެ ކަމަށެވެ. އަދި ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ނިމުނު އިރު ސަރުކާރު ވަރަށް ބޮޑަށް ދަރައި ރައްޔިތުން ނިކަމެތިވެފައިވާ ކަމަށެވެ. ގާސިމް ވިދާޅުވީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް މަސައްކަތްކުރައްވަނީ ގައުމަށް ގެއްލުން ލިބޭ ގޮތަށް ކަމަށާއި ހާއްސަކޮށް ވަކި ރިސޯޓްތަކެއް ބޮއިކޮޓްކުރުމަށާއި ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ޓޫރިޒަމް އިންދަޖެހެމުންދާ ކަމަށެވެ. އަދި ރިސޯޓްތަކުން މިހާރު ޓޫރިސްޓުން ގެންނަނީ ވަރަށް ބޮޑު ޑިސްކައުންޓް ދީގެން ކަމަށާއި ރިސޯޓްތައް ދެކޮޅުޖެހެނީ ކިރިޔަކިރިޔާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އިއްޔެ އަޅުގަނޑުމެންގެ ކުންފުނިން ވެސް ދައްކަމުން ގެންދިޔައީ ޓީޖީއެސްޓީގެ ނަމުގައި ގާތްގަނޑަކަށް 800،000 ވަރަކަށް ޑޮލަރު. މިއަދު މި ދައްކަންޖެހެނީ 270،000 އަށް ވުރެ ވެސް ކުޑަ އެއްޗެއް. އަޅުގަނޑަށް ގަބޫލްކުރެވެނީ އަޅުގަނޑުމެންގެ ރާއްޖެ ވަރަށް އަވަހަށް ބަނޑަށް ޖެހިގެންދާނެކަން،" ގާސިމް ވިދާޅުވި އެވެ. ގާސިމް މި މޭރުމުން ވާހަކަ ދައްކަވާފައިވާ އިރު މުސާރަ ދެމުން ދަނީ ދަތި ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ 2013ގެ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ކާމިޔާބު ހޯއްދަވާނެ ކަމަށާއި އެ ޕާޓީ އަށް ތާއީދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ރިއާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ އިރު އެ މެނިފެސްޓޯގައި ދިވެހިންގެ ގިނަ ބޭނުންތަކެއް ފުރިހަމަވެގެންދާނެ ކަންތައްތައް އެކުލެވޭނެ ކަމަށާއި އެ ޕާޓީ އަށް ވެރިކަން ލިބިއްޖެ ނަމަ ބޭރު ގައުމުތަކުން ދިވެހިންނަށް ބޭސް ފަރުވާ ކުރެވޭނެ ސިއްހީ އިންޝުއަރެންސް ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީން ބުނީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ދިއްފުށީގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ތިބީ އެ ޕާޓީގެ ހައެއްކަ މެންބަރުން ކަމަށާއި ނަމަވެސް މިއަދާ ހަމަ އަށް އެ އަދަދު 150 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ