ލިސްޓުގައި ދެން އޮތީ އުމަރު ފިއްތާލައި، އަބްދުﷲ ގާޒީ ވަކިކުރުން: އަލީ ވަހީދު

ރައީސް އަބްދުﷲ ޔާމީންގެ "އަނިޔާވެރިކަމު"ގެ ލިސްޓުގައި ދެން އޮތީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އޭނާގެ ޓީމު ފިއްތާލައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މަގާމުން ދުރުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. މެއި 1 ގެ މުޒާހަރާއާ ގުޅިގެން ޓެރަރިޒަމް ކުށުގެ ތުހުމަތުކުރުމުން، މިވަގުތު ލަންޑަންގައި ހުންނެވި އަލީ ވަހީދު ސައުންޑްކްލައުޑް މެދުވެރިކޮށް "26 ޖުލައި 1965" ނަމުގައި ހުށަހަޅައިދެއްވި ޕްރޮގްރާމެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރެއްގައި ކަންކަން ހިނގާނެ ގޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ވިދާޅުވެފައިވާ ކަމަށެވެ. މިނިވަން 50 އަށް 150 މިލިއަން ރުފިޔާ، ތާރީހާ ގުޅުން ނެތް ގޮތަށް، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހަރަދުކޮށްފައިވާ ކަމަށާއި މި ސަރުކާރުގައި ކަން ކުރާނީ އެ އުސޫލުން ކަމަށް އެންމެ ފުރަތަމަ ތުހުމަތުކުރެއްވީ އުމަރު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. މިނިވަން 50ގެ ހަރަކާތްތަކުގައި އިސްވެ އުމަރު ނަސީރުގެ ޓީމު ހަރަކާތްތެރިވީ، އަލީ ވަހީދު ވިދާޅުވި ގޮތުގައި، މި ތުހުމަތުތަކަށް ފަހު އެވެ. "އުމަރު ނަސީރާއި އުމަރު ނަސީރުގެ ޓީމު މިހާރު ގޮސް އެ ޖެހެނީ އެ ވިދާޅުވާ ހުދު ވަލުގައި. ދެން ތިބޭނީ ފިތިފައި. ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ލިސްޓުގައި ދެން އޮތީ އުމަރާއި އުމަރުގެ ޓީމު ބަންދުކުރުން، އަދި ނަގޫ ފިއްތާލުން. އެއަށް ފަހު އަޅުގަނޑުމެންނަށް ދެން މި ފެންނާނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަކިކޮށް، އެ ކޯޓު ގާޒީ އަބްދުލް ބާރީޔޫސުފްއާ ހަވާލުކުރުން،" އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވަނީ ސިހުރު ހާހޫރާއި ރައީސް ޔާމީންގެ ސަރުކާރާ ގުޅުވައިގެން ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ދިގު މުއްދަތަކަށް ދެމިއޮތީ ސިހުރު ހާހޫރުން ކަމަށް ގަބޫލުކުރާ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. އެގޮތަށް ގަބޫލުކުރެއްވި އެއް ބޭފުޅަކީ ރައީސް ޔާމީން ކަމަށް މިހާރު ވަރަށް ބޮޑަށް ބެލެވޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. "ސަބަބަކީ މައުމޫންގެ ސަރުކާރުން އޭރު ހަދާފައި ހުރި ރަސްމީ ފާލަން އެ ވަނީ ބަދަލުކުރެވިފައި. އެތަނުގައި އެއްޗެއް ވަޅުލާފައޭ އޭރު ކިޔާ. އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން. އެކަމަކު ރައީސް ޔާމީން ގަބޫލުކުރައްވާކަން މިހާރު އެބަ ސާފުވޭ. އެއީ އެތަން ކޮނެ، ނަގައި އެތަން އެބަ ބަދަލުކުރޭ، އާ ފާލަމެއް އަޅައިފި،" އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި ސުނާމީ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކުރުން ވެސް ސިހުރާ ގުޅުވާ ކަމަށް ގަބޫލުކުރެއްވެ އެވެ. އޭނާ މިހެން ވިދާޅުވި ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސުނާމީ ބިނާ ސޯޝަލް ސެންޓަރު ކައިރިއަށް ބަދަލުކުރަނީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވާނެތީ އެވެ. ބްރިޖްގެ ފެށޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސުނާމީބިނާއާ ހަމައިންނެވެ. ރައީސް ޔާމީންގެ ސަރުކާރުން ކުރާ ބައެއް ކަންކަންކަމަށް ފާޑުވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ މަގުމަތީގައި އިންދާފައި ހުރި ގަސްތައް ކެނޑުމަކީ ވެސް މި ސަރުކާރުން ވަރަށް ހެއްވާކޮށް ކުރާ ކަމަށެވެ. "ޖުމްހޫރީ މައިދާނުގައި ހުރި ހުރިހާ ގަހެއް ކަނޑާލައިފި، ފެން ފޯއް ރުއްތައް ނަގައިފި. ސަރުކާރުގެ ރަސްމީ ހަފުލާއެއް ނަމަ ޕްލާސްޓިކް ގަސް ޗައިނާ އިން މިގެންނަނީ،" އަލީ ވަހީދު ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކުން ކޮށްފައިވާ ހުރިހާ ކަމެއް "ލޫޓުފައިވި ނަމަ" ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ އެވެ. އެ ޕްރޮގްރާމްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަމީން އިބްރާހީމް ވަނީ ރާއްޖޭގައި ޑިމޮކްރަސީ އާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ދަށަށް ގޮސް ނޫސްވެރިންނަށް ބިރުވެރިކަން ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު ސޮބާހް ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ މެދު މި ސަރުކާރުން ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށް ވިދާޅުވެ، ސަރުކާރުން އެފަދަ ކަންކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވައިފަ އެވެ. މެއި 1 ގެ މުޒާހަރާއާ ގުޅިގެން އަމީން އާއި ސޮބާހްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ރާއްޖެ އިން ބޭރުގައި އުޅުއްވާތީ ޝަރީއަތް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ