ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ވަނީ ގާއިމްކުރަންޖެހިފަ: ގާސިމް އިބްރާހިމް

ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފުރިހަމައަށް ލިބިގެން ނޫނީ ދިވެހިން މިއަދު ބަލައިގަނެފައިވާ ޤާނޫނު އަސާސީގެ ރޫހާ އެއްގޮތް ޑިމޮކްރެޓިކް ވެއްޓެއް ރާއްޖޭގައި ޤާއިމުކުރުމަކީ ދަތިކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާތުގައި ރާއްޖޭގެ ނޫސްވެރިންނާއި ނޫސްވެރިންގެ އާއިލާތަކަށް ތަހްނިޔާ ރައްދުކޮށް ނެރުއްވި ބަޔާނެއްގައެވެ.
ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވީ މިދުވަސް ފާހަގަކުރަމުންދާއިރު، މީގެ ހަތް މަސް ދުވަސް ކުރިން ރަހުމް ކުޑަ ޓެރަރިސްޓް ހަމަލާއެއްގައި ޝަހީދުކޮށްލެވުނު މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ ރާއްޖޭގެ މީޑިއާ ކޮށްދެއްވާފައިވަނީ އަގު ނުކުރެވޭ ހިދުމަތްތަކެއް ކަމަށެވެ.
ދީނީ މައުލޫމާތާ ހޭލުންތެރިކަން މީޑިއާ މެދުވެރިކޮށް ފެތުރުމުގައި ޑރ.އަފްރާޝިމްގެ ފަރާތްޕުޅުން ފެނުނު ހިވާގި ކަމާއި އޚްލާސްތެރިކަން ހަނދާންކޮށް ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވީ ޑރ. އަފްރާޝީމްގެ ހަޔާތްޕުޅުގެ އެންމެ ފަހު ވަގުތުކޮޅު ހޭދަކުރެއްވެވީވެސް ދީނީ ޕްރޮގްރާމްތައް އުފެއްދުމުގައި ވީޓީވީއާއި ޓީވިއެމްގައި ކަމަށެވެ.
ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވީ ޑރ. އަފްރާޝީމް ފަދަ ބޭފުޅުންނާއި ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަނިޔާވެރި ހަމަލާތައް ދިނުން ރާއްޖޭގައި އާންމުވަމުންދާތީ އެކަމާއި ހިތާމަކުރައްވާ ކަމަށާ، ސިޔާސީ އަދި ޒާތީ ރުޅިވެރިކަން ފިލުވާލުމަށް މީޑިއާ ސްޓޭޝަންތަކަށް ގާއުކާ ރޯކޮށް ހެދުމުގެ ޓެރަރިސްޓް އަމަލުތައް ރާއްޖޭގައި ހިންގަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުން ހުއްޓުމަކަށް ގެނެސް އަމިއްލަ ފަރާތްތަކުންވެސް މިދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ތަނަވަސް ކުރުމަށް އެންމެ ފުރަތަމަ އިސްނެންގެވީ އެމަނިކުފާނުކަން ފާހަގަކުރައްވާ ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނުކޮށް އެދާއިރާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމަށް އެމަނިކުފާނު ނުވަދިހައިގެ އަހަރު ތަކުގެ ފެށި މަސައްކަތް ކާމިޔާބުވީ އެކަމަށް އުއްމީދުކުރިތާ ދިހަ އަހަރު ފަހުން ކަމަށެވެ.
މިއަދު ރާއްޖޭގައި ތަފާތު ވިސްނުމާއި ފިކުރުތަކަށް ހަބަރު ގެނެސްދޭ ނޫސް އެޖެންސީތައް ހުރިކަން ހާމަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ އެއީ މިނިވަން ނޫސްވެރިކަމުގައި ހޯދުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
ލެޕްޓޮޕާއި އައިޕެޑާއި، އަތުގައި އޮންނަ މޯބައިލް ފޯނުން ޚަބަރުތައް ބަލާލާ މިއަދު ކިޔާލެވޭ މިންވަރަށް މީޑިއާގެ ކަންކަން ތަރައްޤީވެފައިވާކަން ހާމަކުރައްވާ ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހައި ސްޕީޑް އިންޓެނެޓްގެ ހިދުމަތް ދިނުމާއި، ގުރޭޑް އަށަކުން މަތީގެ ކޮންމެ ދަރިވަރަކަށް ލެޕްޓޮޕެއް ދިނުމަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެންމެ އިސްކަން ދީފައިވާ ވައުތައް ކަމަށެވެ.
އަދި އެވައުދުތަކުގެ މަޤުސަދަކީ ޓެކްނޮލޮޖީއާއި މައުލޫމާތު ފެތުރުމުގެ ޒަމާނީ ކުރިއެރުންތަކަށް އަހުލުވެރި ޖީލެއް ރާއްޖޭގައި ބިނާ ކުރުން ކަމަށްވެސް ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ޤާސިމް އިބްރާހިމް ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ޓެކޮނޮލޮޖީގެ ވަސީލަތްތައް ކުރިއަރައިގެންދާ ފަދައިން ޒަމާނުގެ ކުރިއެރުމާއި، ފައިހަމަ ހޭލުންތެރި ދަރިންތަކެއް އުފައްދާ އެކުދިންނަށް އިސްލާމީ އަދި ދިވެހިވަންތަ ތަރުބިއްޔަތެއް ދޭން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ