އެންމެ މަތީ ދަރަޖައިގައި ޝަހީދު ގައުމަށް ޣައްދާރުވެއްޖެ: އަދާލަތު

ދިވެއްސަކު ދިވެހި ގައުމަށް ޣައްދާރުވާނެ އެންމެ މަތީ މިންވަރަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ދިވެހި ގައުމަށް ޣައްދާރުވެފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިހެން ބުނެފައި މިވަނީ އިންޑިއާ އިން ރާއްޖެ އަށް "އާރުޓޫޕީ" ހިންގަން ކޮމަންވެލްތުން އިންޑިޔާގެ ކިބައިން އެދުމަށާއި، ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ގޮވާލާ ޝަހީދު ކުރެއްވި ޓްވީޓްތަކަށް އެކިއެކި ފަރާތްތަކުން ފާޑު ކިޔަމުންދާ ވަގުތެއްގައި ނެރުނު ނޫސް ބަޔާނެއްގަ އެވެ.
ޑރ. ޝަހީދު ކުރައްވާފައިވާ ޓްވީޓްތައް ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ފަރާތުން ބޭރު ދުނިޔޭގައި ވަކާލާތު ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވާ ޝަހީދު ދިވެހިރާއްޖެއަށް “ޑިމޮކްރެސީ” ގެނައުމަށްޓަކައި ބޭރު ގައުމެއް ދިވެހިރާއްޖެގެ މައްޗަށް ވެރިވެގަތުމަށް ބާރު އަޅުއްވައި ތަކުރާރުކޮށް އެކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ގެންދިއުމަކީ އެންމެހައި ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާންޖެހޭ މަސްއަލައެއް ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ޝަހީދުގެ މި ނުބައި އަމަލުތަކާއިމެދު ރާއްޖޭގެ ރައްޔިތުން ކަންބޮޑުވެ އިންތިހާޔަށް ނުރުހުންތެރިކަން ފާޅުކޮށް އެމްޑީޕީގެ އާންމު މެމްބަރުންވެސް މިކަމާއިމެދު އިހުތިޖާޖު ކުރަން ފެށުމުން މަޖުބޫރު ވެގެން ޝަހީދު، އޭނާ ދައްކަވަމުން ގެންދެވި ވާހަކަ ތަކުގެ ރާގު މިހާރު ބަދަލުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު އޮތީ އެމްޑީޕީ އާއި ޑީއާރުޕީގެ އަތް ދަށުގައި ކަމާއި ދެބައި މީހުން އެއްބައިވެގެން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިންޑިއާގެ އެހީ ހޯދުމަށް އެދި ގާރާރެއް ފާސް ކުރުމަކީ ދާދި ފަސޭހަ ކަމެއް ކަމުގައި ބުނެ ޑރ. ޝަހީދު މިހާރުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށްވެސް އަދާލަތުގެ ބަޔާނުގައި ބުނެ އެވެ.
"މިނުރައްކާތެރި އަދި ޣަދަރުވެރި ހިޔާލު ފަތުރަމުން ގެންދަވަނީ ހަމައެކަނި ޑރ. ޝަހީދެއް ނޫނެވެ. އެމްޑީޕީއާއި އަދި ޑީއާރުޕީގެ އިސް ބައެއް ފަރާތްތަކުންވެސް ސޯޝަލް މީޑިއާގައި ފާޅުގައި މި ގޮތަށް ހިޔާލު ފާޅުކޮށް ވަކާލާތު ކުރަމުން އެބަ ގެންދެއެވެ. ބޭރު ބައެއްގެ އަޅުވެތި ކަމަށް ރާއްޖެ ގެންދަން އެމީހުން ދައްކާ ބަހަނާއަކީ ރާއްޖޭގައި މާ އަނިޔާވެރިކަން ބޮޑު ވެއްޖެ ކަމުގައެވެ" ބަޔާނުގައި ބުނެފައިވެ އެވެ.
އަދާލަތުން ބުނީ ޝަހީދާއި އަދި ރައީސް ނަޝީދަށް މަސައްކަތް ކޮށްދޭ އެހެން ފަރާތްތަކުން ވަކާލާތު ކުރަމުންގެންދާ ނުރައްކާތެރި ކަންތަކަކީ ދިވެހި ލޭ ހިނގާ އެންމެހައި ދިވެހި ދަރީން ވަރަށް ސީރިޔަސް ކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެގައި މިއޮތް މާތްވެގެންވާ އިސްލާމް ދީނާއި، ސިޔާދަތަށް ނަޝީދާއި އެމަނިކުފާނުގެ ބައިވެރީންގެ ކިބައިން ހުރި ނުރައްކާތެރިކަމާއިމެދު އެންމެހައި ދިވެހި ރައްޔިތުން ހޭލާ ތިބުމަށް ގޮވާލައި އިލްތިމާސް ކުރާ ކަމަށާއި، ދިވެހި ގައުމުގެ ދިފާއުގައި އެންމެހައި ދިވެހި ރައްޔިތުން ތެދުވުމަށްވެސް މިބަޔާނުގައި ގޮވާލާފައިވެ އެވެ.
އެމްޑީޕީން ބޭރުގެ ބަޔަކު ދިވެހި ގައުމަށް ގެންނަން މަސައްކަތް ކުރަނީ އިންތިހާބުގައި އޮޅުވާލިކަން ފަޅާއެރުމުން ވެރިކަމަށް އާ ދެވޭނެ އިތުރު ގޮތެއް ނެތުމުން ކަމަށާއި، ޑރ. ޝަހީދާ އެމްޑީޕީގެ އަމަލުތައް އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
"އެމް.ޑީ.ޕީ އިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 95 ހާސް ވޯޓު ހޯދީ ވޯޓްލާ މީހުންގެ ލިސްޓް އޮޅުވާލުމަށްފަހު އެތަކެއް މަކަރު ތަކެއް ހަދައިގެން ކަން މިހާރު ވަނީ އެނގި ފާޅުވެފައެވެ. އަލުން ވޯޓެއް ނަގައިފިނަމަ ކުރިން ހެދި މަކަރުތައް ހަދަން އުދަގޫވާނެތީ ބޭރުބައެއްގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންގޮސްގެން ނަމަވެސް ނަޝީދަށް ވެރިކަމަށް އާދެވޭތޯ މަސައްކަތް ކުރަމުން ގެންދަނީކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ