ރައީސަކު އިންތިޚާބު ވަންދެން މަގާމުގައި ވަހީދު ހުންނެވުމަށް ގާސިމް ގޮވާލައްވައިފި
ރިޔާސީ އިންތިޚާބު ނިމި ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިޚާބު ވަންދެން މިހާރުގެ ރައީސް މުހައްމަދު ވަހީދު އެ މަގާމުގައި ދެމިހުންނެވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ އެދިވަޑައިގެންފި އެވެ. ޖޭޕީން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސަކު އިންތިޚާބު ވަންދެން މިހާރު އޮތް ސަރުކާރު ދެމިއޮންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވާތީ އެ މަގާމުގައި ރައީސް ވަހީދަށް ހުންނެވިދާނެކަން އެނގޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބު ވެސް ބޭއްވީ ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުން ކަން ގާސިމް ފާހަގަކުރެއްވި އެވެ. އަދި ނޮވެމްބަރު 11 ވަނަ ދުވަހަށް ރައީސަކު އިންތިޚާބު ނުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކުރަން މަޖިލީހުން ފާސްކުރި ނަމަވެސް އެއީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ކަމަށާއި އެއީ މަޖިލީހުން ދިން ލަފައެއް ކަމަށް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިގެން ނަމަވެސް ވަހީދު މަގާމުގައި ދެމިހުންނެވުން މުހިންމު ކަމަށެވެ. އެއީ ގައުމުގެ ހަމަޖެހުމަށްޓަކައި ވެސް ރައީސް ވަހީދު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "ވަކި ފަރާތަކަށް ބުރަނުވާ އިލެކްޝަނެއް ބޭއްވިގެން ދިއުން ވަރަށް މުހިންމު. އެހެންވީމާ ޑރ. މުހައްމަދު ވަހީދު އަރިހުން އަޅުގަނޑު އެދެނީ އެއްވެސް ގޮތެއް އޮތިއްޔާ މި އިންތިޚާބުގެ ކަންތައްތައް ނިމި ރައީސަކު އިންތިޚާބު ވަންދެން އެ މަގާމުގައި ހުންނެވުމަކީ ހަމަގައިމު ވެސް ޖުމްހޫރީ ގުޅުމުގެ ފަރާތުން އެދޭ އެދުމެއް ކަމަށް ދަންނަވާލަން. އެއީ އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތަށްޓަކައި. އަދި އިންތިޚާބަކީ ދެ ފުށް ފެންނަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ވަރަށް މުހިންމު ކަމެއް،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސަކު އިންތިޚާބު ވަންދެން މިހާރުގެ ރައީސް މަގާމުގައި ހުންނެވުމަކީ ކުރިއަށް އޮތް ތަނުގައި އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަން އެޅޭ ހުރަހަކަށް ވާނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ކޮންމެ ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކުރި ނަމަވެސް އެ ކެންޑިޑޭޓަކާ އެކު މަސައްކަތްކުރާނެ އެވެ. ގައުމު ކުރިއަރައި ތަރައްގީވާނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށާއި ވަކިވަކި ކެންޑިޑޭޓުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އޮތުމަކީ މުޅި ދިރިއުޅުމަށް އޮތް ވަބާއެއް ކަމަށް ހަދައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ކަމެއްގައި ވާދަވެރިކަން އޮތުމަކީ ނުވަތަ އަޅުގަނޑުމެން މެދުގައި ކޮމްޕެޓިޝަނެއް އޮތުމަކީ އެއްގޮތަކަށް ވެސް ހަލާކަށް މަގު ފަހިކުރާނެ ކަމެއް ކަމަށް ވެގެންނެއް ނުވާނެ. އަޅުގަނޑުމެން ވިސްނަން ޖެހޭނީ އަޅުގަނޑުމެންގެ ކުރިމަގު އާރާސްތު ކުރުމަށް ކުރެވެމުންދާ ކަންތައްތައް އިތުރަށް ތަރައްގީކޮށް، ހަލުވިކަމާ އެކު ކުރިއަށް ދިއުމަށް،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ