އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމި ބައްދަލުވުމެއްގައި ޖަލީލް ބައިވެރި ހަނދާނެއް ނެތް: ޝިޔާމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމަށް ނިންމި އެއްވެސް ބައްދަލުވުމެއްގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގެންނެވި ކަން ހަނދާނުގައި ނެތް ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ލިބޭ، ޖަލީލްގެ މައްޗަށް މައްސަލަ ސާބިތުކުރަން ހުށަހެޅި ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުވެ، ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ އަބްދުﷲ ހައްޔަރުކުރަން ހިންގި އޮޕަރޭޝަން ކުރިއަށް ގެންދާނެގޮތުގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުގައި ވެސް ޝިޔާމް ބައިވެރިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީގެ އަމަލުތައް ހުރި ގޮތުން އޭނައާ މެދު ފިޔަވަޅުއަޅަން ޖެހިދާނެ ކަމަށް، ޝިޔާމް ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމްކަލޭފާނު ވިދާޅުވި ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ވެސް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ބޭއްވި ޝަރީއަތައްފަހު ޝިޔާމް ކޯޓުން ނިކުމެވަޑައިގަންނަވަނީ--ހަވީރު ފޮޓޯ:ނިޝާން އަލީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ބެހޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ވެސް އަދި އެހެން ތަނެއްގައި ބޭއްވި އެފަދަ އެއްވެސް ބައްދަލުވުމެއްގައި ޖަލީލް ބައިވެވަޑައިގެންނެވިކަން އެނގިވަޑައިގަންނަވާތޯ ދައުލަތުގެ ވަކީލުން ކުރެއްވި ސުވާލުގައި ޝިޔާމް ވިދާޅުވީ އެކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ހިއުމަން ރައިޓްސް ކޮމިޝަނަށް ޝިޔާމް ފޮނުއްވި ސިޓީއެއްގައި، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އޭރުގެ ރައީސް މުހަންމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ނިންމެވުމުން އެކަން ތަންފީޒްކުރުމުގައި ޖަލީލް ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެފައިވާކަން ދައުލަތުގެ ވަކީލު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެހެން ވިދާޅުވެފައިވަނީ ކީއްވެގެންތޯ ދައުލަތުގެ ވަކީލް އެއްސެވުމުން ޝިޔާމް ވިދާޅުވީ އެ ސިޓީގައި އޭރު ބުނެފައިވަނީ ސިފައިންގެ އޮޕަރޭޝަންތައް ހިނގާ އުސޫލަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގީ އެހެން ނޫންކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެ އޮޕަރޭޝަނުގެ ކޮމާންޑަރަކީ އޭރު މާލެ އޭރިޔާގެ ކޮމަންޑަރު އިބްރާހިމް ދީދީ ކަމަށް ވެސް ވިދާޅުވި އެވެ. މިއަދު ބޭއްވި ޝަރީއަތައްފަހު ޖަލީލްގެ ވަކީލް އާދަމް އާސިފް ކޯޓުން ނިކުމެވަޑައިގަންނަވަނީ--ހަވީރު ފޮޓޯ:ނިޝާން އަލީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އޮޕަރޭޝަނާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް ބަދަލުކުރަން ޖަލީލް އެންގެވިކަން އެނގިވަޑައިގަންނަވާތޯ ދައުލަތުގެ ވަކީލް ވިޝާމް ވަޖީހް އެއްސެވުމުން ޝިޔާމް ވިދާޅުވީ އެކަން ވެސް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އެ މައްސަލަ ބައްލަވާ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި ތޮލްހަތުގެ މައްޗަށް މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދައުލަތުން ކޯޓަށް ހާޒިކުރަން ބޭނުންވި ހުރިހާ ހެކިންގެ ހެކިބަސް މިއަދު ވަނީ ނަގައި ނިމިފަ އެވެ. ދައުލަތުން ހެކިންގެ ގޮތުގައި ހާޒިރުކޮށްދޭން ހުށަހެޅި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް އަތީފާއި އެމްއެންޑީއެފްގެ ވައިސް ވަހީދާއި ޕޮލިސް ޗީފް އިންސްޕެކްޓަރު އަހްމަދު ޝާކިރު ހާޒިރުކުރަން މިހާރު ބޭނުން ނުވާ ކަމަށް ދައުލަތުން މިއަދު ބުނެފަ އެވެ. ދައުލަތުގެ ވަކީލް ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ފަސީހް ހާޒިރުކުރަން ބޭނުން ނުވަނީ އޭނާ ރާއްޖޭގައި ނުޅުއްވާތީ އެވެ. އަދި އަތީފް ހާޒިރުކުރަން ބޭނުން ނުވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްސަލާގައި ހެކިބަސް ދެމުން އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް އޭނާ ވިދާޅުވެފައިވާތީ ކަމަށް ރާބިއު ވިދާޅުވި އެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަފީކުރެވޭނެ ހެކިން ޖަލީލްގެ ފަރާތުން ހުށަހަޅުއްވާފައި ނުވާތީ އޭނާ ހުށަހެޅުއްވި ހެކިންގެ ހެކިބަސް ނުނަގަން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ހުލާސާ ބަޔާން ހުށަހެޅުމަށް މާދަމާ ޝަރީއަތުގެ މަޖިލީހުގައި ބާއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުގައި ދެން އޮންނާނީ، ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ ހުކުމް އިއްވުމެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، އެ މަނިކުފާނު 13 އަހަރަށް ޖަލަން ލުމަށް މި މަހުގެ 14 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ