ޖޭއެސްސީން ގާސިމްގެ ގޮނޑި ވަނީ ހުސްވެފައި: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރައްވާފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމާ އެކު ޖޭއެސްސީން އޭނާގެ ގޮނޑި ހުސްވެފައިވާ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ގާސިމްގެ ގޮނޑި ހުސްވެފައިވާ ކަމަށެވެ. ނަމަވެސް އެކަން އޭނާ އަށް އެންގުމަކީ ކޮމިޓީގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެކަން އަންގަވަންޖެހޭނީ މަޖިލީހުން ރައީސް އަބްދުﷲ ޝާހިދު ކަމަށް ނަޝީދު ވިދާޅުވި އެވެ. ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ ހ. ގެ ހަތަރެއްގައި ބުނެފައިވާ ގޮތުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން މަގާމު ހުސްވާނެ އެވެ. ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވެސް ވިދާޅުވީ ގާސިމްގެ މަގާމު ހުސްވެފައިވާ ކަމަށާއި އޭނާ އަށް މިހާރު ޖޭއެސްސީގައި ނުހުންނެވޭނެ ކަމަށެވެ. ގާސިމްގެ ގޮނޑި ހުސްވެފައިވާ ކަމަށް ކޮމިޓީގެ މެމްބަރުންނަށް ގަބޫލުކުރެވޭތީ، އޭނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް ޖޭއެސްސީގެ މެމްބަރުން އެ ކޮމިޝަންގެ ގާނޫނާ ހިލާފުވާއިރު ފިޔަވަޅު ނާޅާ މައްސަލައިގައި މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ