މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

މި އަހަރުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފި އެވެ. ހަތަރު އުމުރު ފުރައެއް ހިމެނޭގޮތަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ފަށާނީ 13 އަހަރުން ދަށުގެ އުމުރު ފުރާގެ މެޗުތަކުންނެވެ. މުބާރާތް ހުޅުވާ މެޗުގައި ހޮނިހިރު ދުވަހުގެ ޣިޔާސުއްދީން ސްކޫލާ ދެކޮޅަށް ނުކުންނާނީ ޖަމާލުއްދީން ސްކޫލެވެ. ތޭރަ އަހަރުން ދަށުގެ އުމުރު ފުރާގެ ގުރޫޕް އެކެއްގައި ޖަމާލުއްދީނާއި ގިޔާސުއްދީނާ އެކު ދެން އޮތީ ތާޖުއްދީނާއި އެންމެ ފަހުގެ ޗެމްޕިއަން އިސްކަންދަރު ސްކޫލެވެ. ގުރޫޕް ދޭއްގައި އޮތީ މުހްޔިއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލް އަދި ބިލަބޮން އެވެ. ޓާފް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރު ފުރާގެ ގުރޫޕް އެކެއްގައި އޮތީ ހުޅުމާލޭ ގާޒީ ސްކޫލާއި ޖަމާލުއްދީނާއި މަޖީދިއްޔާ ސްކޫލާއި ތާޖުއްދީނެވެ. ގުރޫޕް ދޭއްގައި އޮތީ އިސްކަންދަރާއި މިދިޔަ އަހަރުގެ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަން ދަރުމަވަންތަ ސްކޫލާއި ކަލާފާން ސްކޫލް އަދި މުހްޔިއްދީނެވެ. މި މުބާރާތުގެ 11 އަހަރުން ދަށުގެ ބައިގައި ނުވަ ޓީމު ވާދަކުރެ އެވެ. އެއީ ޖަމާލުއްދީނާއި ބިލަބޮންގާއި އިސްކަންދަރާއި ގިޔާސުއްދީނާއި މުހްޔިއްދީނާއި ލާލޭ ޔޫތާއި ކަލާފާނާއި ތަޖުއްދީން އަދި އަރަބިއްޔާ އެވެ. މި މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރު ފުރާގައި 13 ޓީމެއް ވާދަކުރެ އެވެ. މި އުމުރު ފުރާގެ ގުރޫޕް އެކެއްގައި އޮތީ އަހުމަދިއްޔާ އާއި ބ. އަތޮޅު މަދަރުސާ އާއި އިމާދުއްދީނާއި ގަލޮޅު މަދަރުސާ އަދި ގުރައިދޫ ސްކޫލެވެ. ގުރޫޕް ދޭއްގައި އޮތީ ދަރުމަވަންތަ ސްކޫލާއި އަރަބިއްޔާ އާއި މަޖީދިއްޔާ އަދި އަމީރު އަހުމަދެވެ. ގުރޫޕް ތިނެއްގައި އޮތީ ގާޒީ ސްކޫލާއި ވިލާ އިންޓަނޭޝަނަލް އާއި ސީއެޗްއެސްއީ އަދި މުހްޔިއްދީނެވެ. ރާއްޖޭގައި 1980ގެ އަހަރުތަކުގެ ތެރޭގައި ވަރަށް ފޯރިއާ އެކު ބޭއްވި އިންޓަ ސްކޫލް މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. އެގޮތުން ބައެއް ކުޅުންތެރިންގެ ހުނަރު ފާހަގަކުރެވި ސްކޫލްގައި އުޅެނިކޮށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން ވަނީ ކޮންޓްރެކްޓް ދީފަ އެވެ. މުބާރާތް ބޭއްވުން ހުއްޓާލައިފައިވަނިކޮށް އެފްއޭއެމް އިން މި މުބާރާތް އަލުން ފެށީ 2010 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ