އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒުތައް ލިބިދޭ ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން މިއަދު އުވާލައިފި އެވެ.
ކުރީގެ ބަންޑާރާ ނައިބު އާއިޝަތު އާޒިމާ ޝަކޫރު މިއަހަރު ކުރީ ކޮޅު ހުށަހެޅި މައްސަލައެއްގެ ޝަރީއަތް ނިންމުމަށްފަހު އެ ކޯޓުން ހުކުމް ކުރީ އެއް އަހަރު ދުވަހުގެ ޖިނާއީ ހުކުމެއް މެމްބަރެއްގެ މައްޗަށް އަޔަސް، އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ ކަމަށް ބުނާ މާއްދާ ބާތިލް ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަކަށް މަޖިލީހުގެ މެމްބަރަކު ކޯޓަށް ވެސް އަދި އެއްވެސް މުއައްސަސާއަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް އިމްތިޔާޒު ގާނޫނުގައި ބުނާ މާއްދާ ވެސް ވަނީ ބާތިލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ ތިން ވަނަ މާއްދާގެ (ށ) 11 ވަނަ މާއްދާގެ (ހ) 13 ވަނަ މާއްދާގެ (ނ) އާއި 16 މާއްދާއެވެ. އަދި 18 ވަނަ މާއްދާ މާނަކުރަންޖެހޭނީ ނޫސްވެރިކަމަށް ހުރަސް ނޭޅޭގޮތަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ. އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް ބާތިލް ކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ބާތިލް ކުރަން ކުރި ހުކުމަށް ތާއީދު ނުކުރައްވަނީ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މިއަދު ބާތިލް ކުރި މާއްދާތަކުގެ ތެރެއިން އިމްތިޔާޒު ގާނޫނުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މެމްބަރަކު އޭނާގެ މަސްއޫލިއްޔަތަކު އަދާކުރުމަށް އަންނަ އައުމުގަ އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ދިޔުމުގައި އަދި މަޖިލީސް ކުރާ ގޭގައި ހުންނަ ވަގުތު މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ. 11 ވަނަ މާއްދާގެ (ހ) އަކީ މަޖިލިސް މެންބަރުން މަޖިލީހުގެ މަސައްކަތުގައި އުޅެނިކޮށް ކޯޓުތަކަށާއި މުއައްސަސާތަކަށް ހާޒިރު ކުރުން މަނާ ކުރާ މަނާ ކުރާ މާއްދާއެވެ. 16 ވަނަ މާއްދާގައި ބުނަނީ މަޖިލިސް މެމްބަރެއްގެ މައްޗަށް އަހަރު ދުވަހުގެ ޖިނާއީ ހުކުމެއް އަޔަސް އެ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރި ކުރަންވާނެ ކަމަށެވެ. އަދި 18 ވަނަ މާއްދާގެ (ށ) އަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނާ މަސްދަރު ހާމަ ކުރުމަށް ލާޒިމް ކުރާ މާއްދާ އެވެ.
އާޒިމާ ހުށަހަޅުއްވާފައިވާ ދައުވާގައި ބުނެފައިވަނީ އިމްތިޔާޒު ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި 16 ވަނަ މާއްދާ އާއި 18 ވަނަ މާއްދާގެ (ށ) އަކީ ގާނޫނު އަސާސީއާ ހިލާފް މާއްދާތަކެއް ކަމަށް ކަނޑައެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ