އަބްދުﷲ ގާޒީ އާއި ދެ މިނިސްޓަރަކު މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ދިރާސާކުރި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާކުރަމުންދާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާއި ދެ މިނިސްޓަރަކާއި އިތުރު ބަޔަކު ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުގައްރިރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ އަބްދުﷲ ގާޒީ ހާޒިރުކުރަން ނިންމާފައިވަނީ ފެބްރުއަރީ 11 ގައި ކަމަށާއި އޭނާ ހާޒިރުކުރަން ނިންމީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް މެދުވެރިވި ކަންކަމުގައި އޭނާ އަކީ މުހިންމު ޝަހްސިއްޔަތަކަށްވާތީ ކަމަށެވެ. އަދި އޭނާ އަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވާތީ އާއި އޭނާ ބަންދުގައި ބަހައްޓާފައި ހުންނެވިއިރު ސިފައިން ކަންކުރި ގޮތާއި އެކަންކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް އެނގިފައި އޮތުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށެވެ. "އަބްދުﷲ މުހައްމަދު މިތަނަށް ވަޑައިގެން މައުލޫމާތު ހިއްސާކުރެއްވުމަކީ މިފަދަ ކަމެއް އެހެން ފަނޑިޔާރަކަށް އަދި ދިވެހި ފަރުދަކަށް ދެން މެދުވެރިނުވުމަށް މުހިންމު ކަމެއް،" ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުގައި ވެސް ހުންނެވި އަލީ ވަހީދު ވިދާޅުވި އެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީ އަށް އަބްދުﷲ ގާޒީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ފެބްރުއަރީ 11 ގައި ހާޒިރުކުރުމަށް ވަނީ ނިންމައިފަ އެވެ. "މި ކޮމިޓީގައި އަމަލުކުރާ އުސޫލަކީ މި ކޮމިޓީގައި ބަލަމުންދާ ކޮންމެ މައްސަލައެއްގައި އެ ބޭފުޅެއްގެ ހައްގުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އަޅުގަނޑުމެން އަރުވަން. އެ އުސޫލުން ހުރިހާ ފަރާތްތަކަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް މެމްބަރުން ގަބޫލުކުރައްވަނީ،" އަލީ ވަހީދު ވިދާޅުވި އެވެ. އެ ބޭފުޅުން ހާޒިރުކުރުމުގެ އިތުރުން ފެބްރުއަރީ 6، 8،7 ގައި ގާނުނާ ހިލާފުވި ފުލުހުންނާއި ސިފައިންގެ ލިސްޓެއް ފެބްރުއަރީ 10 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ބަންދުކުރުމުގެ ކުރިން ފޮނުވައި ދިނުމަށް ހޯމް މިނިސްޓްރީ އަށާއި ޑިފެންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ފެބްރުއަރީ 7 އަށް ފަހު ޕްރޮމޯޝަން ދީފައިވާ ފުލުހުންގެ ލިސްޓެއް ވެސް ފޮނުވަން ދެންނެވުމަށް ފާސްކުރި އެވެ. ޖޭއެސްސީ ފިޔަވައި އެހެން ތަނަކަށް ފަނޑިޔާރުން ޖަވާބުދާރީކުރުމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުންނާއި ސުޕްރީމް ކޯޓުން ބުނެފައިވާއިރު، އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީ އަށް ކޮންމެ ރައްޔިތަކު ވެސް ހާޒިރުކުރެވޭނެ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހާޒިރުކުރަނީ ފަނޑިޔާރެއްގެ ގޮތުން ކުރައްވާފައިވާ ކަމެއްގައި ޖަވާބުދާރީ ކުރެއްވުމަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 6، 7 އަދި 8 ގައި ހިންގި ކަންކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުން ވެސް މާދަމާ ހާޒިރުކުރުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި 22 ރޭ މުޒާހަރާކުރި އެވެ. ކުރީގެ ރައީސް ނަޝީދު ފެބްރުއަރީ 7 ގައި އިސްތިއުފާ ދެއްވީ ފެބްރުއަރީ 6 ގައި ބޭއްވި މުޒާހަރާގައި އެމްޑީޕީގެ ސަޕޯޓަރުންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިންގި ކުރިމަތިލުންތަކަށް ފަހު ފުލުހުންނާއި ސިފައިން ރައީސް ނަޝީދާ ދެކޮޅަށް ނިކުތުމަށް ފަހުގަ އެވެ. އެ މަނިކުފާނު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށާއި ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ފެބްރުއަރީ 8 ގައި ނަޝީދު ވިދާޅުވެ، އެކަމާ ދެކޮޅަށް އަޑުއުފުލަން ފެއްޓެވި އެވެ. ނަމަވެސް ވެރިކަން ބަދަލުވި ގޮތް ދިރާސާކުރި ކޯނީން ނިންމާފައިވަނީ ވެރިކަން ބަދަލުވީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް ކަމަށެވެ. ކޯނީން ބަޣާވާތެއް ނޫންކަމަށް ބުނެފައިވާއިރު، ކުރީގެ ސިފައިންގެ ބައެއް އިސްވެރިންނާއި މިހާރުގެ ބައެއް ވެރިންނާއި ފުލުހުންގެ ކުރީގެ ބައެއް އިސްވެރިން މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއްގައި ކަމަށާއި ފެބްރުއަރީ ހަތަކީ ބަޣާވާތެއް ކަމަށެވެ. ސިފައިންނާއި ފުލުހުންގެ ކުރީގެ އިސްވެރިން އެ ކޮމިޓީ އަށް ދެއްވި ބަޔާންތައް އާންމުކުރުމުން، ކޯނީގެ ރިޕޯޓް ދިރާސާކުރަނީ އެ ކޮމިޓީންގެ އިހްތިސާސްގެ ތެރެއިން ނޫން ކަމަށާއި އެހެންވެ އެ ކޮމިޓީ އަށް ސަރުކާރުގެ މިނިސްޓަރުންނާއި އިސްވެރިން ހާޒިރުނުވުމަށް ރައީސް މުހައްމަދު ވަހީދު ނިންމެވި އެވެ. ނަމަވެސް އެ ނިންމުން ފަހުން ބަދަލުކުރައްވައި، ހަމައެކަނި ކޯނީ ރިޕޯޓާ ގުޅޭ ކަންކަމުގައި ކޮމިޓީ އަށް ޖަވާބުދާރީނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ