ފަސް ރަށެއްގައި އަވިން ކަރަންޓު އުފެއްދުމާއި، ކަރަންޓު ވިއުގަ ހެދުން ބީލަމަށް ލައިފި

ފަސް ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އިތުރަށް، ޖަނެރޭޓަރު ސެޓާއި ކަރަންޓު ވިއުގައެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ބީލަމަކަށް މިއަދު ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ކުރި ދެ އިއުލާނެއްގައި ބުނި ގޮތުގައި، މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގައި އެންވަޔަރްމަންޓް މިނިސްޓްރީން ހިންގާ ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނަޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) މަޝްރޫއުގައި ހިމެނޭ ދެ ބައެވެ. އެ އިއުލާނުތަކުގައިވާ ގޮތުން، ޑީސަލް ޖަނަރޭޓަރާއި ސޯލާ ޕެނަލްގެ އެހީގައި ކަރަންޓު އުފައްދާ ހައިބްރައިޑް ނިޒާމު ގާއިމުކުރާނީ ޓާން-ކީ އުސޫލުންނެވެ. މި މަޝްރޫއުގެ ދެ ވަނަ ބައިގައި ހިމެނެނީ ކަރަންޓު ވިއުގަ ޑިޒައިންކޮށް، ޑީސަލް ޖަނަރޭޓަރު އިންސްޓޯލްކޮށް އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބެލެހެއްޓުން ކަމަށް ފިނޭންސުން ބުންޏެވެ. "މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ބައިނަލްއަގުވާމީ ވާދަވެރި ބީލަމުގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ،" އިއުލާނުގައިވެ އެވެ. މި ދެ ކަންތައް ކުރުމަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި އަދި މިފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކުން އެޕްރީލް އަށެއްގެ ކުރިން ބީލަން ހުށަހަޅަންޖެހެ އެވެ. މި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން މާޗު ދޭއްގެ މެންދުރު 2:00 ގައި ބާއްވަން ހަމަޖައްސާފައި ވާއިރު، ދެ ބިޑު ހުޅުވުން އޮންނާނީ އެޕްރީލް އަށެއްގެ ހެނދުނު 10:00ގަ އެވެ. ފަސް ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމާއި ކަރަންޓު ވިއުގަ ގާއިމުކުރުމަށް ނިންމާފައި ވިޔަސް، އެއީ ކޮން ރަށްތަކެއް ކަމެއް އިއުލާންތަކުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށް، ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫގަ އާއި ހަތަރު ރަށެއްގައި ކަމަށެވެ. Tenders floated 2day 2 install 2.5 MW solar panels & upgrading of distribution system in 4 island and Addu City. — Thoriq Ibrahim (@Thoriqibrahim) February 8, 2015 މިނިސްޓަރުގެ ޓުވީޓު އޭޑީބީން ޕޮއިސްޑް މަޝްރޫއު އިއުލާންކުރީ މިދިޔަ އަހަރު އެވެ. އޭރު ބުނެފައިވާ ގޮތުގައި، މި މަޝްރޫއު އެންމެ ފުރަތަމަ ހިންގުމަށް ހަމަޖެހިފައި ވަނީ އައްޑޫގެ އިތުރުން، ބ. ގޮއިދޫ، ޅ. ކުރެންދޫ، ތ. ބުރުނި އަދި ގއ. ވިލިނގިލީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ