އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

17-01-2012 05:13 ސުޕްރީމް ކޯޓުގެ އަމުރު: "ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނު އަސާސީ އާއި، ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫލާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ގަނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށް ގާނޫނު ނަންބަރު 2010/ 13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންވެފައިވާއިރު، އަދި އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫން ވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށާއި އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ފެނިއްޖެ ނަމަ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ކަނޑައެޅި ބަޔާންވެފައިވާ އިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހަންމަދު 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ހައްޔަރުކޮށްފައި ވަނީ، މި ބަޔާން ކުރެވުނު ގާނޫނީ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނުވާތީ އާއި، އަދި އެ މުއައްސަސާގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއިން ކަމަށް ނުވާތީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހަންމަދު ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަމުރުކޮށްފީމެވެ." 17-01-2012 05:05 ޑީއާރުޕީން ވެސް ކުއްލި ނޫސް ބަޔާނެއް ނެރެފި. މިއީ، އެ ޕާޓީން ނެރުނު ނޫސް ބަޔާން: "ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ޕްރޮސެކިއުޓަރ ޖެނެރަލް އަދި ހައިކޯޓްގެ އަމުރަށް އެމްޑީޕީގެ ސަރުކާރުން ގޮންޖައްސަވާފައިކަމީ ޤާނޫނު ވެރިކަމެއް ހިންގުމަށް ސަރުކާރުން ފަސްޖެހޭކަން ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް ބަޔާންކޮށްދޭ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ގޮވާލެއްވުމަކީ ސުޕްރީމް ކޯޓުން ނެރުއްވީ ޝަރުއީ އަމުރެއް ކަމަށް ގަބޫލު ނުކަރައްވާކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވާތީ އެކަމާ ނިހާތަށް ހިމާޔަތްކުރަމެވެ. އަދި އެމްޑީޕީގެ ސަރުކާރަކީ ޤާނޫނީ ވެރިކަމެއް ހިންގެވުމަށް އިސްކަން ދެއްވާ ސަރުކާރެއް ނަމަ ކުރިން ދެންނެވި ގޮވާލުންތަކަށާއި ހައި ކޯޓްގެ އަމުރަށް ވަގުތުން ވަގުތަށް އިޖާބަ ދެއްވީސްކަން ކަށަވަރެވެ. މިއަދަކީ އެމްޑީޕީގެ ވެރިކަމުގެ 3 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ކުރިމަތިވި އަނެއްކާވެސް އިތުރު ބަނަ އަދި ކަޅު ދުވަހެކެވެ. ދިފާޢީ ބާރުތަކަށް ކަނޑައެޅިގެން ޤާނޫނާ ޚިލާފު އަމުރުތައްކޮށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރެވެމުންދާ ދުވަހެކެވެ. މިއީ ދިވެހި ރައްޔިތުން އެއްވެސް ޙާލެއްގައި ދެކެން ބޭނުންވި، ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. އެމްޑީޕީ ސަރުކާރުގެ ތި ނޭއްގާނީކަން ދޫކޮށްލެއްވުމަށާއި، މިޤައުމުގައި ޤާނޫނީ ހުކުމް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި ގޮތްދޫ ނުކުރެއްވުމުގެ ސިފަތައް އެއްކިބާކޮށް ދިވެހި ޤައުމަށް ހެޔޮ އެދި ވަޑައިގެން މަސައްކަތްކުރެއްވުމަށާއި ޤާނޫނީ އިމުގެ ތެރެއަށް އަނބުރާ ވަޑައިގެންނެވުމަށް ވެސް ގޮވާލަމެވެ." 17-01-2012 05:00 އަބްދުﷲ ގާޒީ ބަންދު ކުރުން ކުށްވެރިކޮށް، އޭނާ ދޫކޮށްލަން ގޮވާލައި ކްރިމިނަލް ކޯޓުން ނޫސް ބަޔާނެއް ނެރެފި. އޭގައި ބުނެފައިވާ ގޮތުން އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަސް ކަމަށް ދިވެހި ރާއްޖޭގެ ހައި ކޯޓުން "މިރޭ މެންދަމު ކަނޑައަޅާފައިވާތީ މި ހިނދުން މި ހިނދަށް މި ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހަންމަދު ދޫކޮށްލަުމަށް ދިވެހި ރާއްޖޭގެ އަސްކަރިއްޔާ އަށް މި ކޯޓުން" ގޮވާލާ ކަމަށް. އަދި ބުނެފައި ވަނީ، އަބްދުﷲ ގާޒީ ގެއަށް ވަޑައިގަތީ ރޭ 10 ޖަހާކަންހާއިރު ކަމަށާއި ގެއަށް ވަޑައިގެން މާ ގިނައިރުތަކެއް ނުވަނީސް އަސްކަރިއްޔާއިން، އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް ގަދަކަމުން ވަދެ ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް. ބަޔާނުގައި ބުނެފައި ވަނީ އެއީ އަބްދުﷲ ގާޒީ ބަންދުކޮށްގެން ބަހައްޓާފައި ހުރި ތަނެއް ކްރިމިނަލް ކޯޓަށް އަސްކަރިއްޔާއިން އަންގާފައި ނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް. 17-01-2012 04:49 ސުޕްރީމް ކޯޓުން ދެންމެއަކު އެމްއެންޑީއެފަށް ފޮނުވި އަމުރާ ހަވާލު ނުވެ އަނބުރާ ފޮނުވާލައިފި. އެމްއެންޑީއެފުން ބުނި ކަމަށް ސުޕްރީމް ކޯޓުން ބުނީ، އެ އަމުރު ހިފައިގެން ރަސްމީ ގަޑީގައި އައުމަށް. އެއީ ކޮން އަމުރެއްކަން ހަވީރަށް އަދި ވަނީ ސާފު ނުވެފައި. 17-01-2012 04:01 17-01-2012 03:54 ސުޕްރީމް ކޯޓު ހުޅުވައިފި، ހުރިހާ ފަނޑިޔާރުން މިހާރު ތިބީ ސުޕްރީމް ކޯޓުގައި. ކޯޓުގެ މުވައްޒަފުން ވެސް އެބަތިބި 17-01-2012 03:41 ޗާންދަނީ މަގުގެ އަމީނިއްޔާ ސްކޫލުގެ ކަންމަތިން ފެށިގެން، އެވިންސް ހުރި ހިސާބަށް އާންމުންނަށް ވެސް ނުވަދެވޭ ގޮތަށް ސިފައިން ބަންދުކޮށްލައިފި. އެއީ ހޯމް މިނިސްޓަރު ހަސަން އަފީފު ދިރިއުޅުއްވާ ގޭ ހުރި ސަރަހައްދު 17-01-2012 03:40 ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ހައި ކޯޓަށް ހިނގައްޖެ 17-01-2012 03:39 ގާނޫނީ ވަކީލުން ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފި. އޭގައި ބުނެފައި ވަނީ ކޯޓުތަކުގެ އަމުރަށް ފުލުހުން ނުކިޔަމަންތެރި ވެފައި ވާތީ އާއި އަބްދުﷲ ގާޒީގެ ހައްގަކަށް އަރައިގަނެ، ގާނޫނާއި ގަވައިދާ ހިލާފަށް އޭނާ ހައްޔަރުކޮށްފައިވާތީ އާއި އެއީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ވާތީ ފުލުހުންނާއި އެމްއެންޑީއެފަށް ފިޔަވަޅު އަޅައިދިނުން އެދޭ ކަމަށް. އެ ޕެޓިޝަން ހުށަހަޅަނީ ހައި ކޯޓަށް 17-01-2012 03:34 ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗާއި ލޯޔަރުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރީ އަބްދުﷲ ގާޒީގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވެއްޖެ. ހައި ކޯޓުގައި ބޭއްވި ބައްދަލުވުން ނިންމާލުމަށް ފަހު، ޝާހީން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޯޓުތަކުން ނެރޭ އަމުރުތަކަށް ތަބާ ނުވުމަކީ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި ފަނޑިޔާރުންނަށް ދިމާވާ ކަންތައްތަކުގައި އެބޭފުޅުންގެ ފަހަތުގައި ތިއްބަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި 17-01-2012 03:24 ހައި ކޯޓުގެ އަމުރުގެ ފެކްސް 33: 2 ގައި ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށް ހައި ކޯޓުން ރަސްމީކޮށް ބުނެފި. އެހެން ނަމަވެސް، ކޯޓުގެ އަމުރުގެ އޮރިޖިނަލް ކޮޕީ ހިފައިގެން ދިއުމުން އެމްއެންޑީއެފުން ހަވާލެއް ނުވޭ. 17-01-2012 03:21 ހައި ކޯޓުގައި ކުރިއަށް ދިޔަ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ބައްދަލުވުން ބްރޭކަކަށް މެދުކަނޑާލައިފި 17-01-2012 03:15 ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން ފުލުސް އޮފީސް ކައިރީގައި އެބަތިއްބެވި 17-01-2012 03:14 ޖޭއެސްސީން ދެންމެ ބަޔާނެއް ނެރެފި. މިއީ، އެ ބަޔާން: "ފަނޑިޔާރުންގެ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، މިކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ށ) ނާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވީ ހިނދު، އެއީ ދިވެހި ސިފައިންނާއި ފުލުހުންނަށް މިދެންނެވި ޤާނޫނީ އަސާސުތަކުގެ މައްޗަށް ބުރަވާއިރު، ޤާނޫނީ އެއްވެސް ހައިސިއްޔަތަކުން ބާރުލިބިދިފައިވާ ކަމެއް ނޫނެވެ. އަދި ހަމައެއާއެކު ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަބްދުﷲ މުޙައްމަދާ ގުޅޭގޮތުން، ވަކިބާވަތެއްގެ ސުލޫކީ ފިޔަވަޅެއް އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަދި މިހާތަނަށް ނިންމާފައެއްވެސް ނުވާނެއެވެ. އެހެންކަމުން މި ބުނެވުނު ޤާނޫނީ ހަމަތަކުގެ މަތިން ނޫންގޮތެއްގައި ފަނޑިޔާރަކާމެދު ސުލޫކީގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ޤާނޫނުއަސާސިއާއި ޤާނޫނުގެ ދަށުން ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ ބާރެއް ނޫނެވެ." 17-01-2012 03:03 ހައި ކޯޓުގެ އަމުރާ ވެސް އެމްއެންޑީއެފުން ހަވާލެއް ނުވި 17-01-2012 03:02 އަބްދުﷲ ގާޒީ ހައްޔަރުކުރި ނަމަ، ހައްޔަރުކުރި ސަބަބު އޮޅުންފިލުވުމަށް ކްރިމިނަލް ކޯޓުން ފޮނުވި ސިޓީ އެމްއެންޑީއެފުން ބަލައިނުގަނެ އަނބުރާ ފޮނުވާލައިފި. 17-01-2012 03:01 އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ހައި ކޯޓުން އެމްއެންޑީއެފުގެ މައްޗަށް ކުރި އަމުރު އިސްތިއުނާފު ކުރަން ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހެއިރު ވިދާޅުވެއްޖެ 17-01-2012 02:51 ހައި ކޯޓުގެ އަމުރު: ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރުގެ ދަށުން ކަމަށް ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު އެފަދަ އަމުރެއް ހައި ކޯޓުން ހޯދުމެއް ނެތި 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ ހައްޔަރު ކުރުމަކީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނާ ހިލާފަށް ކޮށްފައިވާ ހައްޔަރު ކުރުމެއް ކަމަށް ވާތީ އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް އެމްއެންޑީއެފަށް އަންގާ އަމުރު ކުރާ ކަމަށް. 17-01-2012 02:45 މާލޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ޝަރުއީ ދާއިރާގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތަކެއް ފެންނަމުން ދާތީ އެކަން ކުށްވެރިކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދެންމެ ބަޔާނެއް ނެރެފި. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީގެ 24 ވަނަ މާއްސާގައި ގޯތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމަށާއި ހަމަ ކޮންމެ މީހަކުމެ އެތަންތަނަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު އެއްވެސް ހާލެއް ގައި އެ ހައްގަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން ގޮވާލާ ކަމަށް. ގައުމުގެ ސުލްހަ މަސަލަސް ކަން ދެމެހެއްޓުމަކީ ހުރިހާ ފަރާތެއްގެ ޒިންމާއަކަށް ވީހިނދު، ވަކިން ހާއްސަކޮށް އަމަން ބަލަހައްޓާ ފަރާތްތަކުން މުޖުތަމައުގެ އަމާންކަމާއި އަމިއްލަ ފަރުދުންގެ ކަރާމާތްތައް ބުރޫ ނާރާ ގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވޭ. ބަޔާނުގައި ބުނެފައި ވަނީ މިކަމުގައި ހިއްސާވާ ހުރިހާ ފަރާތްތަކަކުން ވެސް ސުލްހަވެރިކަމާ އެކު މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ގޮވާލާ ކަމަށާއި މިކަމުގައި ހައްލެއް ހޯދުމަށް ޓަކައި އެ ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ބަޔާނުގައިވޭ. 17-01-2012 02:25 އަބްދުﷲ ގާޒީ ދޫކޮށްލުމަށް ހައި ކޯޓުން ވެސް ދެންމެއަކު އަމުރުކޮށްފި 17-01-2012 02:24 އުއްތަމަ ފަނޑިޔާރުގެ އަމުރަށް ވަގުތުން ކިޔަމަންވާން ޖެހޭނެ ކަމަށް ކުޅުދުއްފުށީ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ. 17-01-2012 02:16 އުއްތަމަ ފަނޑިޔާރާ އެކު ފަނޑިޔާރުންގެ ޖަމިއްޔާއިން ބޭއްވި ބައްދަލުވުން ނިންމާލައިފި. ފަނޑިޔާރުން ވަނީ ހައި ކޯޓާ ދިމާ އަށް މިސްރާބު ޖައްސަވާފައި. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވަކީލު އަލީ ހުސެއިން އާއި އާޒިމާ ޝަކޫރާއި މައުމޫން ހަމީދު ވެސް ހިމެނިވަޑައިގަންނަވާ 17-01-2012 01:43 ގާނޫނީ ވަކީލުންގެ ޖަމިއްޔާގެ މެމްބަރުން އުއްތަމަ ފަނޑިޔާރާއެކު ބައްދަލުވުމެއް މިހާރު ދަނީ ބާއްވަމުން. މި ބައްދަލުވުން ކުރިއަށް ގެންދަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސާވިސް ގައި 17-01-2012 01:37 ހޯމް މިނިސްޓަރު ހަސަން އަފީފު ގޭ ކައިރިން މީހަކު ހައްޔަރުކޮށްފި 17-01-2012 01:35 ޖުޑީޝަލް ޑިޕާޓްމަންޓުގައި މިހާރު ކުރިއަށް ގެންދާ ފަނޑިޔާރުންގެ ބައްދަލުވުން އަދިވެސް ނުނިމޭ. 17-01-2012 01:27 މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ސަންދާނު އަހަންމައިދީ ވިދާޅުވީ އޭނާ މިރޭ ހިނގާފައި ދަނިކޮށް، އެމްޑީޕީގެ ބަޔަކު އޭނާގެ ގައިގައި ތަޅައިގެންފައިވާ ކަމަށް. އެ ގޮތުން އަހަންމައިދީގެ މޫނުމަތީގައި ދެ ތިން އެތިފަހަރު ޖަހާފައިވާއިރު ކަރުގެ ދެ ތިން ތަނެއްގައި އަލިފާން ވެސް ޖައްސާފައިވާ ކަމަށް ވިދާޅުވި. ގައުމީ ޕާޓީން މިހާރު ޕޮލިހަށް ގޮވާލާފައި ވަނީ އަހަންމައިދީ އަށް ހަމަލާ ދިން ބައެއްގެ މައްސަލަ ބެލުމަށް. 17-01-2012 01:13 އަބްދުﷲ ގާޒީ ވަގުތުން މިނިވަންކުރަން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ގޮވާލައްވައިފި. އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އުއްތަމަ ފަނޑިޔާރު ދެންމެ ވަނީ ބަޔާނެއް ނެރުއްވާފައި. 17-01-2012 01:00 މުޒާހަރާކުރާ މީހުން މަގުމަތީގައި ހުރި ފެންފޯއް ރުއްތައް ވައްޓާލާފައި. ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު 17-01-2012 00:54 އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލާގައި އެއްވެސް ކޮމެންޓެއް ދެއްވަން ބޭނުން ނުވާ ކަމަށް 17-01-2012 00:53 އަބްދުﷲ ގާޒީގެ ލޯޔަރު، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ ގެންދިޔައީ ކޮންތަނަކަށް ކަމެއް ސިފައިން ނުބުނާ ކަމަށް. އަދި ޖަވާބެއް ދޭނެ ކަމަށް ސިފައިން ބުނިތާ މިހާރު އެއް ގަޑިއިރު ވެއްޖެ ކަމަށް އޭނާ ވިދާޅުވި. ރިޒާ ވިދާޅުވީ، އޭނާ އަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އަބްދުﷲ ގާޒީ ވީ ގިރިފުށީގައި. 17-01-2012 00:51 މުޒާހަރާކުރާ މީހުން މީގެ ކުޑައިރުކޮޅެއް ކުރިން މުލީއާގެ ދޮށުގައި. ފޮޓޯ: ޝިހާމް ވަހީދު 17-01-2012 00:49 އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީ އިން ނިންމާފައި އޮތް ނަމަވެސް އޭނާއާ މެދު ފިޔަވަޅު ނޭޅުމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ނޮވެމްބަރު 27 ގައި. ވަގުތީ އަމުރު ނެރުނީ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައިވާ ސުލޫކީ މައްސަލައަކީ އޭނާގެ މައްޗަށް ސާބިތުވާނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ އަބްދުﷲ ގާޒީ ސިވިލް ކޯޓުގައި ދައުވާކުރެއްވުމުން. އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ނޮވެމްބަރު 16 ގައި ޖޭއެސްސީން ނިންމާފައި ވަނީ ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާސީ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ. ނަމަވެސް އަޅާނެ ފިޔަވަޅެއް ޖޭއެސްސީން ނިންމާފައެއް ނުވޭ. 17-01-2012 00:47 އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ގޭ ދޮރުމަތީގައި މުޒާހަރާ ކުރަމުން އެބަދޭ 17-01-2012 00:46 މިރޭގެ މުޒާހަރާގެ ތެރެއިން 17-01-2012 00:42 ޕްރެސް ސެކްރެޓަރީ ވިދާޅުވީ ފަނޑިޔާރެއްގެ ކިބައިގައި ހުރެގެންނުވާނެ ސުލޫކީ މައްސަލަތަކެއް އަބްދުﷲ ގާޒީގެ ފަރާތުން ފާހަގަކުރެވިގެން ފިޔަަވަޅުއަޅަން ޖޭއެސްސީން ނިންމާފައި އޮތް އިރު އެކަން ތަންފީޒުކުރުން މާބޮޑަށް ލަސްވެގެން ގޮސްފައިވާ ކަމަށް. އެކަން ތަންފީޒުކުރުން ފަސްކޮށްފައިވަނީ ކޯޓުގެ އަމުރަކަށް ނޫންތޯ އާއި އަދި ސަރުކާރުން ކުއްލިއަކަށް މިރޭ އެކަމާ މެދު ފިޔަވަޅު އަޅަނީ ކީއްވެގެންތޯ ދިޓީވީން ދެންނެވުމުން ޕްރެސް ސެކްރެޓަރީ ވިދާޅުވީ ކޯޓުގެ އެ އަމުރުގައި ވެސް އިސްތިއުނާފް މަރުހަލާތަކެއްވާ ކަމަށާއި އެއީ "ތިވިދާޅުވާ ގޮތަށް ނިމިނިމިފައި" އޮތް ކަމެއް ނޫން ކަމަށް. 17-01-2012 00:41 މުޒާހަރާގެ ތެރޭގައި އަނިޔާވެ ސަންދާނު އަހަންމައިދީ މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން 17-01-2012 00:40 މުޒާހަރާ ކުރި މީހުން އިސްކަންދަރު ސްކޫލު ކައިރީގައި މަގުމަތީގައި ޖަހާފައި ހުރި ހުރިހާ ރުކެއްހެން ހުރީ ބިންދާލައިފައި 17-01-2012 00:36 ޕްރެސް ސެކްރެޓަރީ ދިޓީވީ އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ދެންމެ ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފުލުހުން ފޮނުވި ޗިޓާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި އެހެންކަމުން ސަރުކާރުން ހައި ކޯޓުގެ އަމުރަކާ ޚިލާފްވެފައިނުވާ ކަމަށް. ޕްރެސް ސެކްރެޓަރީ ވިދާޅުވީ ފަނޑިޔާރުންނާ މެދު ފާރަވެރިވާ މުއައްސަސާ (ޖޭއެސްސީ) އިން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅުއަޅާފައިވާ އިރު އެކަން ތަންފީޒުނުވެ އަބްދުﷲ ގާޒީ މަސައްކަތް ކުރިއަށްގެންދަވާތީ އެއީ ގާނޫނު އަސާސީގެ ރޫހާ ޚިލާފް ކަމެއް ކަމަށް ސަލާމަތީ ބާރުތަކުން ފާހަގަކުރާ ކަމަށް. 17-01-2012 00:35 އެނގިފައިވާ ގޮތުގައި މިރޭ 30: 8 އަށް އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވުމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވަނީ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހަށް ސިޓީއެއް ވެސް ފޮނުވާފައި. އެ ސިޓީގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ، ފަނޑިޔާރުންގެ ގާނޫނުގައި، ޝަރީއަތް ކުރާ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގު ކުރުމުގައި އަމަލުކުރެވޭނެ ގޮތް ބަޔާންކޮށްފައިވާ ކަމަށް. އަދި އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރާ ސަބަބު "ސާފު ނުވާ ޗިޓަކުން"، ހާޒިރުވާން އެންގުމަކީ، ގާނޫނު އަސާސީ އައި ގާނޫނުތައް ތަންދޭ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައި. އެހެންވެ ޝަރީއަތްކުރާ ފަނޑިޔާރުން ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި. 17-01-2012 00:28 މުޒާހަރާ ކުރާ މީހުން މުލިއާގޭގެ ހުޅަނގު ގޯޅިތެރެއަށް ވަނުމުން، އެ މީހުން ފަހަތަށް ޖައްސަން ފަށައިފި 17-01-2012 00:21 ހަވީރަށް އެނގިފައިިވާ ގޮތުގައި، އަބްދުﷲ ގާޒީ މިރޭ ހައްޔަރު ކުރިއިރު، ސިޔާސީ ބައެއް ފަރާތްތަކުގެ ނުފޫޒާއި ކޮރަޕްޝަންގެ މައްސަލަތައް، އޭނާގެ މައްޗަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ބުނެ، އެކަން ތަހުގީގު ކޮށްދިނުމަށް ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ވަގުތެއްގައި ވަނީ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހަށް ސިޓީއަކުން ދަންނަވައިފަ. އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ހިސާން ހުސެއިން. 17-01-2012 00:13 ހޯމް މިނިސްޓަރު ހަސަން އަފީފުގެ ދޮރުމަތީގައި ސެކިއުރިޓީ ބަލަހައްޓަނީ ސިފައިން 17-01-2012 00:12 ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުގެ ގޭގެ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފި. ފަސީހުގެ އިސްތިއުފާ އަށް ދަނީ ގޮވަމުން 17-01-2012 00:04 ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ކުއްލި ބައްދަލުވުމެއް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ހިނގަމުން އެބަދޭ 17-01-2012 00:02 އެއްވެސް ފަނޑިޔާރަކު ހައްޔަރުކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހުއްދަ އާ އެކު ހައި ކޯޓުގެ އަމުރަކާ އެކު ކަމަށާއި، އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްލަން އެދި ޑިފެންސް މިނިސްޓަރަށް އެސްއެމްއެސްއެއް ފޮނުއްވާފައިވާނެ ކަމަށް. އަދި އެސްއެމްއެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލަށާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހަށް ވެސް ކޮޕީ ކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި. އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓްރީން ފޯނު ނުނަގާ ކަމަށް. 16-01-2012 23:52 ހޯމް މިނިސްޓަރު ގޭ ދޮރުމަތީގައި މުޒާހަރާކުރި މީހުން އެ ސަރަހައްދުން ނައްޓާލައިފި. އެންމެ ހިނގާފައި މަޖީދީމަގުން އެބަ ދޭ. އެހެން ނަމަވެސް ދަނީ ކޮން ތަނަކަށް ކަމެއް ނޭނގޭ 16-01-2012 23:50 ޝާހީން ހަމީދު (ދިޓީވީން): އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދުސްތޫރީ ހަޔާތުގައި ވަރަށް ނާޒުކު ވަގުތެއް. ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ހުރިހާ ކަމެއް ގާނޫނު އަސާސީގައި. އެ ހުރިހާ ކަމެއް އެހެން އޮއްވާ ގަދަ ބަރުން ކަންތައްތައް ކުރުން ކަމަށް އަޅުގަނޑު ދެކެނީ. ކޯޓުގެ ރޫލީންއާ ދޭތެރޭ ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތް. އެ ރޫލިންގެ ހުރުމަތް ކެނޑޭ ގޮތަށް އެކަން ކޮށްގެން ނުވާނެ. ދުސްތޫރާ މުޅިން ހިލާފު ކަމެއް އެއީ. ގާނޫނީ ހަމަތަކުން ފިޔަވަޅު އެޅޭނެ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު މިކަމުގެ ތެރެއަށް ޕްރޮސެކިއުޓާ ޖެނެރަލް ވަންނަވަން ވެއްޖެ. 16-01-2012 23:50 އަބްދުﷲ ގާޒީ ގެންދިޔައީ ދޫނިދު އަށް ކަމެއް އަދި އެހެން ތަނަކަށް ކަމެއް ވެސް އަދި ނޭނގޭ ކަމަށާއި ގާޒީ ހުންނެވީ ގައުމީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ކަމަށް ސަރުކަރުގެ އޮފިޝަލަކު ވިދާޅުވެއްޖެ 16-01-2012 23:40 އަދާލަތު ޕާޓީގެ ރައީސް ދެންމެ ވިދާޅުވީ މި ވަގުތަކީ ރާއްޖޭގެ އެންމެ ނަޒުކު ވަގުތު ކަމަށް. އަދި ރައީސް ނަޝީދު ކުރައްވަމުން އެ ގެންދަވަނީ ރާއްޖެ ވީރާނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތް. މި ހާލަތުގައި ގައުމުގެ ކަންތައްތައް ގެންދާ ނަމަ، ރައްޔިތު އެންމެން ނުކުންނަން އޭނާ ގޮވާލެއްވި. މިފަދަ ޖަރީމާ ހިންގާ ނަމަ ސަރުކާރުގެ ހިންގުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. މިއީ، ގައުމުގެ އިއްޒަތާއި ކަރާމާތް ނަގާލުން ކަމަށް ވެސް އިމްރާން ވިދާޅުވި. 16-01-2012 23:36 ހޯމް މިނިސްޓަރު އަފީފު ދިރިއުޅުއްވާ ގޭ ދޮރުމަތީގައި ސިފައިން އެބަތިބި. ފުލުހުން ވެސް މިހާރު އެ ސަރަހައްދަށް ހިނގައްޖެ 16-01-2012 23:35 އެންމެ މަތިން އަމުރު ކުރިޔަސް ގައިރު ގާނޫނީ އަމުރަކަށް ފުލުހުންނާއި ސިފައިން އަމަލުކޮށްގެން ނުވާނެ ކަމަށާއި ރާއްޖޭގެ މުއައްސަސާތަކުން ރަނގަޅަށް މަސައްކަތް ނުކޮށްފި ނަމަ މި ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެށިގެން ހިނގައިދާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ދެންމެ ދި ޓީވީގައި ވިދާޅުވެއްޖެ 16-01-2012 23:34 މުޒާހަރާ ކުރާ މީހުން ހޯމް މިނިސްޓަރު ދިރިއުޅުއްވާ ގޭ ދޮރުމައްޗަށް އެއްވާން ފަށައިފި. އެ ގެ ހުންނަނީ އިސްކަންދަރު ސްކޫލު ކުރިމަތީގައި 16-01-2012 23:33 އަބްދުﷲ ގާޒީ ދޫނިދު އަށް ގެންދިޔައީ ސިފައިން 16-01-2012 23:32 އަހުމަދު ތަސްމީން އަލީ (ދިޓީވީން): ރާއްޖޭގެ ޑިފެންސް ފޯސް އަށް ރާއްޖޭގެ ދާހިލީ އެއްވެސް ކަމެއްގެ ތެރެއަށް ވަންނާނެ ޖާގައެއް ނޯންނާނެ. އެކަން އޮންނަނީ ގާނޫނުތަކުގައި ކަނޑައެޅިފައި. ކޯޓުން ވަކި ގޮތަކަށް އަމުރު ނެރެފައި އޮއްވާ އެގޮތަކަށް އަމަލެއް ނުކުރެވޭނެ. 16-01-2012 23:30 އަހުމަދު ތަސްމީން އަލީ (ދިޓީވީން): ވަރަށް ހައިރާންވާން ޖެހޭ ގޮތަކަށް މިކަން މިދިމަވީ. ފުލުހުންނަށް އަބްދުﷲ ގާޒީ ހައްޔަރުކުރެވޭނެ ޖާގައެއް ނެތް ހައި ކޯޓުން ގޮތެއް ނިންމާފައި ވަނިކޮށް. 16-01-2012 23:28 ޑރ. ޖަމީލް ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ގައުމީ ޕާޓީން ބުނެފި 16-01-2012 23:27 އަބްދުﷲ ގާޒީ ދޫނިދު އަށް ގެންގޮސްފި 16-01-2012 23:26 މުޒާހަރާ ކުރަމުން ދިޔަ މީހުން ބޮޑުތަކުރުފާނު މަގުން ހުޅަނގުން، ވެސްޓްޕާކާ ދިމާއަށް ނައްޓާލައިފި. އެ މީހުން ގޮވަމުން ދަނީ ހޯމް މިނިސްޓަރުގެ އިސްތިއުފާ އަށް 16-01-2012 23:25 ކްރިމިނަލް ކޯޓުގެ އިސް ގާޒީ ދިރިއުޅުއްވާ ގޭ ދޮށުގައި ހުރި ނޫސްވެރިޔާ ބުނީ ސިފައިން އެގޭ ދޮރު ވައްޓާލުމަށް ފަހު އަބްދުﷲ ގަޒީ އެގެއިން ނެރެގެން ގޮސްފި ކަމަށް. އޭރު އެ ކޯޓޫގެ ބައެއް ގާޒީން ވެސް އެގޭތެރޭގައި ތިއްބެވި ކަމަށްވޭ 16-01-2012 23:23 އަބްދުﷲ ގާޒީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ހަވީރަށް އިތުބާރު ހުރި ގޮތަކަށް އެނގިއްޖެ. 16-01-2012 23:19 އަބްދުﷲ ގާޒީ އަށް މާދަމާ ކޯޓަށް ވަޑައިގަތަ ނުދެއްވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ. އެމްޑީޕީ ހަރުގޭގައި މިހާރު ކުރިއަށް ދާ ޖަލްސާގައި އޭނާ ވަނީ މާދަމާ ހެނދުނު ކޯޓު ދޮށަށް އެއްވާން ގޮވާލައްވާފައި. 16-01-2012 23:17 އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގޭ ކައިރިއަށް މީހުން އެއްވެއްޖެ. އެ ސަރަހައްދުގައި މިހާރު ފުލުހުން އެބަ ހަރަކާތްތެރިވޭ. އެ ސަރަހައްދު އޮތީ ބަންދުކޮށްލާފައި. 16-01-2012 23:15 16-01-2012 23:15 މިރޭގެ މުޒާހަރާގެ ތެރެއިން 16-01-2012 23:09 މުޒާހަރާ ލީޑްކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ނާޒިމް ނަމަކަށް ކިޔާ މީހެއްގެ ގަޔަށް ވަޅި ހަރަން އުޅުނު ކަމަށް ބުނެ އޭނާ ފުލުހަށް މައްސަލަ ހުށަހަޅައިފި 16-01-2012 23:07 ޑރ. ހަސަން ސައީދު (ދިޓީވީން): ޖަމީލް ހައްޔަރު ކުރި ސަބަބެއް ނޭނގޭ ކަމަށް ފުލުހުން ބުނޭ. ސައުވީސް ގަޑިއިރުގެ ތެރޭގައި ދެ ވަނަ ފަހަރަށް ފުލުހުން ޖަމީލް ހައްޔަރުކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް. ފުލުހުން ޣައިރު ގާނޫނީ އަމުރަކަށް ތަބާވެގެން ނުވާނެ. އަޅުގަނޑުމެން ހައްގު ހޯދަން މަސައްކަތް ކުރާނަން. ބައިނަލް އަގުވާމީ މުޖުތަމަ އާއި ރާއްޖޭގެ ޝަރުއީ ދާއިރާ މެދުވެރިކޮށް ހައްގު ހޯދަން މަސައްކަތް ކުރާނަން. ގާނޫނީ ގޮތުން ޖަމީލް ހައްޔަރެއް ނުކުރެވޭނެ. ގާނޫނު އަސާސީ އާ ހިލާފަށް ޖަމީލް ހައްޔަރުކޮށްފައިވާ ކަމަށް ކޯޓުން ނިންމާފައިވާއިރު ޖަމީލް ހައްޔަރު ކުރެވޭނެ ގޮތެއް ނޯންނާނެ. 16-01-2012 23:03 ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި ރިޔާޒު ރަޝީދުގެ ގައިގައި ފުލުހުން ތެޅި ކަމަށް ބުނެ ފުލުހުނަށް އެ ދެ މެމްބަރުން މައްސަލަ ހުށަހަޅައިފި 16-01-2012 23:01 ޑރ. ޖަމީލް ހައްޔަރުކުރިކަން ފުލުހުން ދެންމެ އަންގައިފި 16-01-2012 22:56 މުޒާހަރާގެ ތެރޭގައި މީހެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ވާހަކަތަކެއް ފެތުރިފައިވީ ނަމަވެސް، އެއީ ހިނގާފައިވާ ކަމެއް ކަމަކަށް އަދި ޔަގީނެއް ނޫން. އެހެން ނަމަވެސް، އެމްޑީޕީ އަށް ނިސްބަތްވާ މީހަކު ވަޅި ހިފައިގެން އުޅުނުތަން ދުށް ކަމަށް ބައެއް މީހުން ބުނަމުންދޭ. 16-01-2012 22:44 އެމްޑީޕީ އެކްޓިވިސްޓުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު "ވަރަށް ބޮޑަށް ސަކަރާތްވެގެން" ހޮސްޕިޓަލަށް ގެންގޮސްފި. އޭނާ އަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވޭ. އެހެން ނަމަވެސް، އޭނާ ނެރެގެން ފުލުހުންގެ ޖިޕެއްގައި ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އިމާރާތުގެ މައި ދޮރުން. 16-01-2012 22:35 މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސަމުން ގޮސް ވަޅޯ މަސް މާރުކޭޓާ ހަމައަށް މީހުން ފަހަތަށް ޖައްސައިފި. މުޒާހަރާ ކުރިއަށް ދަނީ މާ ބޮޑު ލީޑާޝިޕެއް ނެތި. މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް އެމްޑީޕީން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ހުށަހެޅުމަށް އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ ފުލުސް އޮފީހަށް ގޮސްފައި 16-01-2012 22:18 މުޒާހަރާ ކޮށްކޮށް ތިއްބާ އެމްޑީޕީގެ ގުރޫޕެއް ގޮސް މުޒާހަރާގެ ތެރެއަށް ވަދެގަނެ، މަސްލަހަތު ނަގާލާފައިވާތީ މުޒާހަރާގެ ތެރޭގައި ވަނީ ވަނީ މައްސަލަ ހޫނުވެފައި. އެމްޑީޕީގެ މީހުންނާއި މުޒާހަރާ ކުރަމުން ދިޔަ މީހުންނަ ވަރުގަދަ އަށް ޒުވާބު ހިނގައި ގަޔަށް އަތްލާފައިވޭ. އެ މައްސަލަ ހައްލު ކުރުމުގެ ތެރޭގައި ބައެއް މީހުން ބިޑިއަޅުވައިގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނުނު 16-01-2012 22:16 ޑރ. ޖަމީލަކީ މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ފުލުހުންގެ ތަހުގީގުގައި އޭނާ އަށް ލިބޭ ގެއްލުމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށް ބުނެ ފުލުހުންގެ އިދާރާ އަށް މިހާރު ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ގައުމީ ޕާޓީން ބުނެފި 16-01-2012 22:12 ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ދީފި 16-01-2012 22:12 އެއްވި މީހުންގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި. އަދި މީހުން ފޭކުރަމުން ގޮސް އެމްޓީސީސީ ބިލްޑިންގަ ހަމައަށް މީހުން ފަހަތަށް ޖައްސައިފި 16-01-2012 22:10 އެއްވެފައި ތިބި އެންމެން އެ ސަރަހައްދު ދޫކޮށް ދާން ފުލުހުން އިންޒާރު ދީފި 16-01-2012 22:08 ހައްޔަރުކުރީ އެމްޑީޕީގެ އެންމެ މީހެއް. ދެބައި މީހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް އެބަ ހިނގާ. އެ މީހުން ދުރުކުރެވޭތޯ ފުލުހުން އެބަ މަސައްކަތް ވެސް ކުރޭ 16-01-2012 22:05 އެމްޑީޕީގެ ބަޔަކު މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ވަނުމާ އެކު ހަމަނުޖެހުން އުފެދިއްޖެ. ދެބައި މީހުން ކުރިމަތިލައި، އެންމެ ފަހުން އެ ތަނަށް ފުލުހުން ގޮސް ބައެއް މީހުން ހައްޔަރުކޮށްފި 16-01-2012 22:02 16-01-2012 21:59 ޕޮލިސް ބިލްޑިންގު ކައިރީގައި ތިބި އެމްޑީޕީގެ މީހުން އެތަނުން ނައްޓާލައިފި. އެ މީހުން ބުނަމުން ދަނީ އެ މީހުން ދަނީ މުޒާހަރާ ކުރަމުންދާ އިދިކޮޅު މީހުންގެ ފަހަތަށް ކަމަށް. އެ މީހުންގެ ފަހަތުން ފުލުހުން ވެސް އެބަދޭ. މުޅި ސަރަހައްދު މިހާރު ވަނީ ހަލަބޮލިވެފައި 16-01-2012 21:57 16-01-2012 21:49 ޕޮލިސް ބިލްޑިންގު ކުރިމައްޗަށް އެމްޑީޕީގެ ބަޔަކު އެއްވެއްޖެ. އެ މީހުން ދުރުކުރުމުގެ މަސައްކަތް ފުލުހުން އެބަ ކުރަމުން ދޭ. 16-01-2012 21:40 މުޒަހާރާގެ ބައިވެރިންގެ ތެރޭގައި ޕާލަމެންޓްގެ ބައެއް މެމްބަރުން ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން އެބަ ގެންދަވާ. އޭގެތެރެއިން ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވަނީ ވާހަކަ ދައްކަވައިފައި. ދާދި ދެންމެއަކު ފުލުހުންގެ ސްޓާ ފޯސް ސަފެއް އަތުރާލައިފި. އެހެން ނަމަވެސް، އެއްވި މީހުން ބުނަނީ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާވާން ނުޖެހޭނެ ކަމަށާއި ދޫނިދު އަށް ގެންދިޔަ ނަމަވެސް މިރޭ މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް. 16-01-2012 21:28 މުޒާހަރާގެ ތެރެއިން އައި އެމްބިއުލާންސެއްގެ ފަހަތުން ފުލުހުންގެ ސަފު ފޫއަޅުވާލަން މުޒާހަރާގެ ބައިވެރިން އުޅުމުގެ ތެރޭގައި ފުލުހަކު ވެއްޓި ޒަހަމްވެއްޖެ. އޭނާ މިހާރު ވަނީ ފަރުވާ އަށް ގެންގޮސްފައި 16-01-2012 21:13 އަބްދުﷲ ގާޒީ ހުށަހެޅުއްވި މައްސަލައިގައި ހައި ކޯޓުން ނެރުނު އަމުރު: "މޯލްޑިވްސް ޕޮލިސް ސަރވިސްގެ (ނަންބަރު) "ހާޟިރުވުމަށް އަންގާ ޗިޓު" ބާތިލްކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުގެ އިސްގާޟީ ރ. ހުޅުދުއްފާރު، ބަހާރުގޭ ޢަބްދުﷲ މުޙައްމަދު ހުށަހަޅާފައިވާތީ، އެ ޗިޓާއި މެދު ވަކިގޮތެއް ކަނޑައެޅެންދެން އެޗިޓަށް އަމަލު ކުރުން ފަސްކޮށްފީމެވެ". 16-01-2012 21:09 މުޒާހަރާގެ ތެރޭގައި ހުރިހާ ޕާޓީތަކުގެ މީހުން ވެސް ހަރަކާތްތެރިވޭ. ދަންނަ މޫނުތަކެއް އަދި ފެންނާކަށް ނެތް. އެހެން ނަމަވެސް، މުޒަހަރާ ކުރާ މީހުންގެ އަދަދު ގިނަވަމުން ދާކަން ފާހަގަކުރެވޭ. އެ މީހުން އަދިވެސް ގޮވަމުން ދަނީ ސަރުކާރުގެ އެކި މީސްމީހުންގެ އިސްތިއުފާ އަށް 16-01-2012 21:06 ޑރ. ޖަމީލް ހައްޔަރުކުރިކަން ފުލުހުންގެ ފަރާތުން އަންގާފައި ނުވާ ކަމަށް ގައުމީ ޕާޓީން ބުނެފި. އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޖަމީލް ހައްޔަރުކުރި ކަން ނާންގާތީ އޭނަ ހައްޔަރު ކުރި ކަމަށް ނުބެލެވޭނެ ކަމަށާއި އޭނާ ދޫނިދު އަށް ގެންދިޔައީ ތަހުގީގު ކުރިއަށް ގެންދަން ކަމަށް. ޖަމީލްގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވެސް މިރޭ ވަޑައެއް ނުގަންނަވާ. 16-01-2012 21:05 ޑރ. ޖަމީލް ފުލުހަށް ހާޒިރު ކުރުމުގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ފުލުހުންގެ އިދާރާ އަށް ވެދެވަޑައިގެންނެވި މަންޒަރު ފެނިގެން ދިޔަ. އެހެން ނަމަވެސް، އޭނާ މިހާރު ވަނީ އެތަނުން ނުކުމެ ވަޑައިގެންފައި 16-01-2012 21:03 [އަހުމަދު ހަމްދޫން، ފުލުސް އިދާރާ ކުރިމަތިން] ޑރ. ޖަމީލް ދޫނިދު އަށް ގެންދިޔައީ އެތަނުގައި އޭނާގެ ތަހުގީގު ކުރިއަށް ގެންދަން ކަމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ، މިރޭ ވެސް ޑރ. ޖަމީލް ބޭނުންކުރެއްވީ ހަނު ހުރުމުގެ ފުރުސަތު ކަމަށާއި އެހެންވެ ހަނުހުރި މީހެއްގެ ތަހުގީގު ދޫނިދޫގައި ކުރިއަށް ގެންދާނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށް. އޭނާ ވިދާޅުވީ ޑރ. ޖަމީލްގެ ތަހުގީގެއް ކުރަން އުޅުމުގެ ބަދަލުގައި މި ފެންނަނީ ޖެއްސުން ކުރާ ތަން ކަމަށް. އަދި އޭނާ މިނިވަން ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ހަސަން ވިދާޅުވި 16-01-2012 21:00 އޮންލައިން ނޫހެއްގެ ނޫސްވެރިޔަކު ދެންމެ ހައްޔަރުކޮށްފި. ހަވީރުގެ ނޫސްވެރިޔާ ބުނަނީ ޕީޕީއެމްގެ ޓީމެއް އިސްކޮށް ހަރަކާތްތެރިވާ އެ މުޒާހަރާގައި ފުދޭވަރަކަށް މީހުން އެބަތިބި ކަމަށް. އަދި ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގާ ގުޅިފައިވާ ކަންމަތީގައި ފުލުހުންގެ ތިން ސަފު އަތުރާލާފައި އޮތް ކަމަށް. 16-01-2012 20:57 [ހުސައިން ފިޔާޒު މޫސާ، އެމްއެމްއޭ ސަރަހައްދުން] އިދިކޮޅު ފަރާތްތައް ގުޅިގެން އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާ ކުރަމުން އެބަދޭ. އެމީހުން ގޮވަމުން ދަނީ ޕޮލިސް ކޮމިޝަރު އަހުމަދު ފަސީހު އާއި ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިސްތިއުފާ އަށް 16-01-2012 20:51 ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ފުލުހުންގެ އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓަށް އަމަލު ނުކުރުމަށް ހައި ކޯޓުން އަމުރު ނެރެފި. ޗިޓާ ގުޅިގެން އަބްދުﷲ ގާޒީ ހުށަހެޅުއްވި މައްސަލައިގައި، ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ޗިޓާ މެދު ވަކިގޮތެއް ނިމެންދެން އެއަށް އަމަލު ކުރުން ފަސް ކުރުމަށް 20:40- ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވި ކަމަށް ތުހުމަތު ކޮށްފައިވާ ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ މައްޗަށް ހިންގާ ތަހުގީގަށް އެނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކުރި ތަނުން އަނެއްކާ ވެސް ދޫނިދޫ އަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ