ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މާފަށް އެދެން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

މުޒާހަރާކުރަން "ރާއްޖެތެރޭ މީހުންނަށް" ދެން މާލެ ނާދެވޭނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މާފަށް އެދުމަށް ގޮވާލައި އަވާޒްޑޮޓްއޯގްގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. މެއި 1 ގައި ސަރުކާރާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގައި ބައިވެރިވާން އަތޮޅުތަކުން މާލެ އައި ރައްޔިތުންނަށް ނިސްބަތްކުރައްވައި ރިިޔާޒު ވަނީ ގިނަ ޓުވީޓްތަކެއް ކުރައްވަައިފަ އެވެ. އެ ޓުވީޓްތަކުގައި، މާލެ އާއި ރަށްރަށުގައި ދިރިއުޅޭ މީހުންނާ މެދު ތަފާތުކުރުމުގެ ވިސްނުން އޭނާ ގެންގުޅުއްވާ ކަމަށް ދޭހަވާ ގޮތަށް ޓުވީޓްތައް ކުރެއްވުމުން ސޯޝަލް މީޑިއާގައި ވެސް ރިޔާޒަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރިޔާޒު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވިގޮތުގައި "ރާއްޖެތެރޭ މީހުން މާލެ އައިސް މާލޭ މަގުތައް މަތީ މުޒާހަރާކޮށް މާރާމާރީ ހިންގައި ފުލުހުންނަށް އަނިޔާކުރުމުގެ ފުރުސަތެެއް ދެނެއް ނުލިބޭނެ" އެވެ. އޭގެ ފަހުން ވެސް، ތަކުރާރުކޮށް އެ ގޮތަށް ވިދާޅުވެ އޭނާ ޓްވީޓްކުރެއްވި އެވެ. ރިޔާޒާ ދެކޮޅަށް އާވާޒްގައި ސޮއިކުރަމުންދާ ޕެޓިޝަންގައި، އޭނާ ކުރެއްވި ޓުވީޓެއްގެ ސްކްރީންޝޮޓެއް. ގިނަ ގައުމުތަކުން 41 މިލިއަން މީހުން ހިމެނޭ އަވާޒް ގައި ސޮއިކުރަމުން އަންނަ ޕެޓިޝަންގައި ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހަވާލާދީ ބުނެފައި ވަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މީހެެެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް، ކުލަޔަށް، އުމުރަށް ނުވަތަ އުފަންވީ ޖިންސަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެ މީހެެއްގެ ސިޔާސީ ނުވަަތަ އެ ނޫން ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ އާއިލާ އާއި އުފަން ރަށަށް އަދި އެ ނޫން ވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 41 ވަނަ މާއްދާއާ ހަވާލާދީ އެ ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖެ އިން ފުރައިގެން ދިއުމާއި ރާއްޖެ އަށް އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން "ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ" ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ. މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އެ ހައްގުތަކާ ދެކޮޅަށް ރިޔާޒް ރަޝީދު ވާހަކަ ދެއްކެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އޭނާ އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މާފަށް އެދުމަށް ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ. އިދިކޮޅު ޕާޓީތަކުގެ މުޒާހަރާގައި ބައިވެރި މީހުންނަށް ނިސްބަތްކުރައްވައި ރިޔާޒު ކުރެއްވި ޓުވީޓްތަކުން އޭނާ އާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވިސްނުމަކީ މާލެ އާއި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ