ނާޒިމްގެ މައްސަލާގައި ވެސް ވަކީލުންގެ ބައެއް ވާހަކަތައް ބަޔާނަކު ނެތް: މައުމޫން ހަމީދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތުގައި ވަކީލުން ދެއްކެވި މުހިންމު ވާހަކަތައް ބަޔާންތަކުގައި ނުހިމެނޭ ކަމަށް އޭނާގެ ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ. ނާޒިމްގެ އިސް ވަކީލް "ހަވީރާ" ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ނާޒިމްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ލިބޭނީ އެ ބަޔާންތަކުގައި ވަކީލުން ސޮއިކޮށްގެން ކަމަށް ވާއިރު އެ ބަޔާންތަކުގައި ސޮއިކޮށް ނުނިމިގެން އުޅެނީ ޝަރީއަތުގައި ވަކީލުން ދެއްކި ވާހަކަތައް ބަޔާންތަކުގައި ނެތިގެންނެވެ. އޭނާ ވިދާޅުވީ ކޮންމެ ބަޔާނެއްގައި ސޮއިކުރުމުގެ ކުރިން ވެސް ޝަރީއަތުގައި ދެއްކެވި ވާހަކަތައް އޭގައި ހުރިކަން ޔަގީންކުރަން ނާޒިމްގެ ވަކީލުން ޝަރީއަތުގައި ދެއްކެވި ވާހަކަތަކުގެ ރިކޯޑިން އަޑުއަހަ އެވެ. އަދި އެގޮތަށް އަޑުއެހުމުގެ ތެރޭގައި ބަޔާންތަކުގައި ނުހިމަނާ ހުރި ވާހަކަތައް ފާހަގަކޮށް ބަޔާންތައް އިސްލާހްކުރަން ކޯޓުގައި އެދެމުންދާ ކަމަށާއި ބައެއް ބަޔާންތައް އިސްލާހް ކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ވަކީލުން ރިކޯޑިން އަޑުއަހާއިރު ބަޔާންތަކުގައި ބައެއް ވާހަކަތައް އުނިކޮށްފައިވާކަން ފާހަގަކުރެވިގެން އެކަން އިސްލާހްކުރަމުން މިދަނީ. އަޅުގަނޑުމެންނަށް ބަޔާންތަކުގައި ސޮއިކުރެވޭނީ އެ ބަޔާންތައް ރަނގަޅަށް ހުރެގެން. އެހެންވީމަ މިއަދު ވެސް އިސްތިއުނާފެއް ނުކުރެވޭނެ،" މައުމޫނު ވިދާޅުވި އެވެ. ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ދާ ނާޒިމްގެ ވަކީލުން ކުރިން އުއްމީދުކުރެއްވީ ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރަން ހައި ކޯޓަށް ބުރާސްފަތިދުވަހު ހުށަހެޅޭނެ ކަމަށެވެ. ހުކުމުގެ ހުލާސާ ބަޔާން އެކަނި ލިބުމުން ވެސް މައްސަލަ އިސްތިއުނާފު ކުރެވިދާނެ އެވެ. ނަމަވެސް އިސްތުއުނާފަށް ހުށަހަޅާއިރު ރަނގަޅަށް ތައްޔާރުވުމަށްޓަކައި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ބޭނުންވާ ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވެ އެވެ. ނާޒިމްގެ މައްޗަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ލިބޭ ދިހަ ދުވަހުގެ މުއްދަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތުގައި ވެސް ދެއްކެވި ބައެއް ވާހަކަތައް ބަޔާންތަކުގައި އުނިކޮށްފައިވާ މައްސަލަ ފެންމަތިވި އެވެ. ޝަރީއަތުގައި ނަޝީދު ދެއްކެވި ވާހަކަތައް ނުހިމަނާ ބަޔާންތަކުގައި ސޮއިކުރުމަށް ކޯޓުން އެންގުމުން އެމަނިކުފާނު ވަނީ ބަޔާންތަކުގައި ސޮއިކުރެއްވުމަށް ދެކޮޅު ހައްދަވައި، ބަޔާންތައް އިސްލާހްކުރަން އެދިވަޑައިގެންފައި ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެ އެވެ. ނަމަވެސް ބަޔާންތައް އިސްލާހްކޮށް ސޮއިކުރަން ކްރިމިނަލް ކޯޓުން ނަޝީދަށް އަންގާފައެއް ނުވެ އެވެ. އަދި ފަހުން ނަޝީދު ވަނީ އިސްތިއުނާފް ނުކުރައްވަން ނިންމަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ