މެރިޓައިމްގެ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސްއާއެކު ފުލުހުން ލެޓާ އޮފް އަންޑަސްޓޭންޑިން (އެލްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
ދޫނިދޫގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެލްއޯޔޫގައި ސޮއިކުރެއްވީ އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަހްމަދު ސައުދީއެވެ. މެރިޓައިމް އެކަޑަމީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެކަޑަމީގެ ސީއީއޯ ކެޕްޓަން އާދިލް ރަޝީދުއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާދިލް ރަޝީދު ވިދާޅުވީ ކަނޑުގައި ހިނގާ އެކި ހާދިސާތައް މަދުކުރުމަށާއި ކަނޑުމަތީގައި ހިނގާ އެކްސިޑެންޓައް ތަހުޤީޤު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ފުލުހުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދުތައް ދެމުންގެންދާނެ ކަމަށެވެ.
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ ވިދާޅުވީ މެރިން ޕޮލިސްގެ މައިގަނޑު އެއް ބަޔަކީ ކަނޑުމަތީގައި ހިނގާ އެކްސިޑެންޓްތައް ތަހުޤީގުކުރުން ކަމަށާއި އެކްސިޑެންޓްތަކުގެ ތަހުޤީގު ރިޕޯޓަކީ އިންޝުއަރެންސް ކޮށްފައިވާ ކުންފުނިތަކަށް މުހިއްމު އެއްޗަކަށް ވާއިރު އެ ރިޕޯޓަކީ މިހާރަށްވުރެ ރަގަޅު އެއްޗަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އެމަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ފުލުހުން ކުރަމުންދާ މަސައްކަތުގައި މެރިޓައިމްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން ފުލުހުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުތަކާއި ވަސީލަތްތަކާއި މައުލޫމާތުތައް ބަދަލުކުރުމާއި ކަނޑުމަތީގައި ހިނގާ އެކި ކަންތައްތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ