މޫސާ އަލީ ޖަލީލުގެ ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފިއެވެ.
އަބްދުﷲ ގާޒީގެ މައްސަލައިގައި ދައުވާ ލިބޭ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ މުސާ އަލީ ޖަލީލުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުޑިޝަރީގެ މީޑިޔާ އޮފިޝަލަކް ވިދާޅުވީ މޫސާ އަލީ ޖަލީލަށް ޗިޓްވެސް ހަވާލުކުރެވިފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ މައްސަލައިގައި މޫސާ އަލީ ޖަލީލުގެ އިތުރުން ދައުވާކުރަނީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ދައުވާ އިއްވުމުން އެ ތިން ބޭފުޅުން ވެސް ވަަނީ ދައުވާ އަށް އިންކާރު ކުރައްވާފައެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ފަރާތްތަކާއި ދެކޮޅަށްވެސް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށް ނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ